ނ. ޅޮހީ ނަރުދަމާ އާއި އައިސްޕްލާންޓްގެ މައްސަލައިގައި ސަރުކާރުގެ ދެ ވަޒީރަކާ، ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ކުރައްވާ ސުވާލުގެ ނޯޓިން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އެ ދެ ވަޒީރުންނަށް ފޮނުވައިފިއެވެ.
މެމްބަރު އައްބާސް އޭނާގެ ދާއިރާގައި ހިމެނޭ ޅޮހީގެ މައްސަލައިގައި ސުވާލު ކުރައްވާ އެއް ވަޒީރަކީ، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް، އަޙްމަދު ޝިޔާމްއާއެވެ. މިނިސްޓަރ ޝިޔާމްއަށް އައްބާސް ކުރައްވާ ސުވާލަކީ، އޭނާގެ ދާއިރާގެ އެއް ރަށް ކަމަށްވާ ޅޮހީގެ އައިސް ޕްލާންޓްގެ މަސައްކަތް ހުއްޓިފައި ހުންނަތާ ދެ އަހަރު ދުވަސްވެފައި ވާއިރު، އެކަމަށް އެއްވެސް ހައްލެއް ސަރުކާރުން ގެނެސްދީފައި ނުވާތީ އާއި، އަދި އެކަމަށް ޙައްލެއް ހޯދަން ސަރުކާރުން މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައިނުވާތީ، މަސްވެރި އާއިލާތަކުގެ ކަންބޮޑުވުން އިންތިހާއަށް އޮތްކަން ފާހަގަ ކުރައްވައި، އެކަމުގައި ސަރުކާރުން ހައްލެއް ހޯދައިދޭނީ ކޮންއިރަކުންތޯ ކުރައްވާ ސުވާލެވެ.
ޅޮހީގެ މައްސަލައިގައި ދެން އައްބާސް ސުވާލު ކުރައްވަނީ، މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްތަލިބާއެވެ. ވަޒީރާ ސުވާލު ކުރައްވަނީ ޅޮހީގެ ނަރުދަމާގެ މަސައްކަތް ފެނަކަ ކޯޕަރޭޝަން އާއި ހަވާލުކޮށްފައިވާއިރު، މިއަދާ ހަމައަށްވެސް އެތަނުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ، އެ މަސައްކަތް ފެށޭނެ ތާރީޚަކާއި އަދި ނިމޭނެ ތާރީޚެއް އޮޅުން ފިލުއްވާށެވެ. އައްބާސް ވިދާޅުވީ އެ މަސައްކަތް ހަވާލުކުރިތާ ހަ މަސް ދުވަސް ވެގެންދިޔައިރު އަމަލީ ގޮތުން އެއްވެސް ކަމެއް ކޮށްފައި ނެތް ކަމަށެވެ.
އައްބާސް ސުވާލު ކުރައްވާ ދެ ވަޒީރުން ކަމުގައިވާ މިނިސްޓަރ ޝިޔާމް އާއި މިނިސްޓަރ މުއްތަލިބަށް މަޖިލީހުގެ އިދާރާއިން ނޯޓިސް ފޮނުވާފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ.