މިމަހުގެ 3 ވަނަ ދުވަހު އެމްޑީޕީން އިސްނަގައިގެން މާލޭގައި ބޭއްވި "ލޫޓުވައިފި" މުޒާހަރާގެ ތެރެއިން ފުލުހުން ހައްޔަރުކުރި އެންމެން މިއަދު ދޫކޮށްލައިފިއެވެ.
"ލޫޓުވައިފި" މުޒާހަރާގެ ތެރެއިން ފުލުހުން ވަނީ 8 މީހަކު ހައްޔަރު ކޮށްފައެވެ. އޭގެތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ބަޔެއް މެމްބަރުންނާއި ކައުންސިލަރުންވެސް ހިމެނެއެވެ. ހައްޔަރުކުރި ކުރީގެ މެމްބަރުންނަކީ ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު ޔައުގޫބު އަބްދުﷲ އާއި ކުޅުދުއްފުށީ އުތުރު ދާއިރާގެ ކުރީގެ މެމްބަރު ޔާސިރު އަބްދުއްލަތީފެވެ. ކައުންސިލަރަކަށް ހިމެނެނީ މާފުށީ ކައުންސިލްގެ ރައީސް ހަސަން ޞަލާހެވެ. ދެން ހިމެނޭ މީހުންނަކީވެސް އެމްޑީޕީގެ ސިޔާސީ ހަރަކާތްތަކުގައި އުޅެމުންދާ މީހުންނެވެ.
ހައްޔަރުކުރި 8 މީހުން ދޫކޮށްލުމަށް އެމްޑީީންވެސް ވަނީ ތަކުރާރުކޮށް ގޮވާލާފައެވެ. އެމްޑީޕީން ގޮވާލާފައި ވަނީ އެއްވެސް ޝަރުތެއް ނެތި ހައްޔަރުކުރި އެންމެން ދޫކޮށްލުމަށެވެ. ހައްޔަރުކުރި މީހުން މިއަދު ދޫކޮށްލީ ކްރިމިނަލް ކޯޓުންނެވެ. އެމީހުންގެ ބަންދު އިތުރުކުރުމަށް ކްރިމިނަލް ކޯޓަށް މިއަދު ގެންދިއުމުން ކޯޓުން ނިންމީ ޝަރުތުތަކަކާއެކު އެ އެންމެން ދޫކޮށްލުމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހުރިހާ މީހުންގެވެސް މިހާރު ވަނީ ތަހުގީގީ ބަޔާން ނަގާފައެވެ. ހައްޔަރުކުރި މީހުން ދޫކޮށްލަން ކޯޓުން އެންގީ، ތަހުގީގަށް އެއްބާރުލުން ދިނުމަށާއި ގުޅޭނެ ނަންބަރާއި އުޅޭތަން ބަދަލުވެއްޖެނަމަ އެކަން ފުލުހުންނަށް އެންގުން ޝަރުތުކޮށްފައެވެ.