ލޯކަލް ކައުންސިލް އިންތިހާބު މާރިޗު 28ގައި، ކުރިމަތިލުމަށް ޖެނުއަރީމަހު ހުޅުވާލަނީ

ލޯކަލް ކައުންސިލް އިންތިހާބު މާރިޗު 28ގައި، ކުރިމަތިލުމަށް ޖެނުއަރީމަހު ހުޅުވާލަނީ

ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބު ބޭއްވުމަށް މިހާރު ތާވަލުކޮށްފައިވަނީ އަންނަ މާރިޗުމަހުގެ 28 ވަނަ ދުވަހަށްކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވެއްޖެ އެވެ.

މިފަހަރު ކައުންސިލް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުން ކެންޑިޑެސީ ހުށަހަޅަންޖެހޭނީ އިލެކްޝަންސް ކޮމިޝަންގެ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށްކަމަށް އީސީން ބުންޏެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒާހިދު ވިދާޅުވީ، ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބަކީ އިދާރީގޮތުން އެންމެ ބުރަ އަދި އެންމެ ގިނަ ތައްޔާރީތަކެއްވާންޖެހޭ އިންތިޚާބުކަމަށްވުމުން، ދުރާލާ އިންތިޚާބަށް ތައްޔާރުވުމުގެ ކަންކަން ތާވަލުކުރެވިފައިވާގޮތަށް ކުރިއަށްދާކަމަށެވެ.

ޒާހިދު ވިދާޅުވީ، އިންތިޚާބު ބާއްވާނެ ތާރީޚެއްގެ ގޮތުގައި ކޮމިޝަނުން ތާވަލުކޮށްފައިވަނީ 28 މާރިޗު 2026 ކަމަށާއި، ކެންޑިޑެސީއަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ އަންނަ ޖެނުއަރީމަހުގެ 17 ވަނަ ދުވަހުކަމަށެވެ. މިފަހަރުގެ އިންތިޚާބުގެ އިދާރީ ކަންކަމަށް 270 ވަރަކަށް މުވައްޒަފުން ބޭނުންވާކަމަށާއި، އިންތިޚާބުގެ ޓާސްކްފޯހަށް ބޭނުންވާ މުވައްޒަފުން ހޯދުމުގެ ކަންކަން މިހާރުވެސް ކުރިއަށްދާކަމަށް ޒާހިދު ވިދާޅުވިއެވެ.

"ޓްރެއިނަރުންގެ ގޮތުގައިވެސް 110 ވަރަކަށް މީހުން އެބަ ބޭނުންވޭ. އެމީހުންނަށްވެސް އެބަޖެހޭ އިންޓަރނަލް ތަމްރީންތަކެއް ދޭން. އެހެންވީމަ މިގޮތަށް ހުޅުވާލީމަ މިހާރު އެބަތިބި 115 ވަރަކަށް މީހުން ހުށަހަޅާފައި. މިހާރު މިގެންދަނީ އެމީހުން ޓްރެއިނަރުން ގޮތުގައި ރެކްރޫޓްކުރުމުގެ މަރުހަލާ. އެއިން ކޮންމެ މީހަކާ އިންޓަރވިއުކޮށް، އެ އިންޓަރވިއު ޕްރޮސެސްގެ ތެރެއިން އޭނާ ފާސްވޭތޯ ބަލައި މިހުރިހާކަމެއް އެބަދޭ. އެއާއެއްކޮށް ކޮންމެ ރަށަކުން ނަގަންޖެހޭ ފޯކަލް ޕޮއިންޓުން ނެގުންވެސް އެބަދޭ ކުރިއަށް. ކޮންމެ ރަށެއްގައި ރަށު ފެންވަރުގައި އިދާރީ އިންތިޒާމްތައް ހަމަޖެއްސުމަށް ނަގާ ބައެއް އެއީ." ޒާހިދު ވިދާޅުވިއެވެ.

ޒާހިދު ވިދާޅުވީ، ކުރިއަށްއޮތް ކައުންސިލް އިންތިޚާބުގައި އެންމެ ބޮޑު ބަދަލެއްގެ ގޮތުގައި ފެނިގެންދާނީ ކެންޑިޑެސީ ފޯމު ހުށަހެޅުމުގެ މަރުހަލާ ޑިޖިޓަލްކުރުންކަމަށެވެ. އެގޮތުން ކައުންސިލް އިންތިޚާބަށް ކުރިމަތިލުމަށް ކަރުދާސް ފޯމު ހުށަހެޅުމުގެ ބަދަލުގައި، އިލެކްޝަންސް ކޮމިޝަންގެ ޕޯޓަލް މެދުވެރިކޮށް އެ މަރުހަލާ އޮންލައިން ކުރެވިގެންދާނެކަމަށް ޒާހިދު ވިދާޅުވިއެވެ. އަދި މިއީ އިދާރީ އިންތިޒާމްތައް ފަސޭހަކުރުމަށާއި ޚަރަދުކުޑަކުރުމަށްވެސް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި އިލެކްޝަންސްގެ ރައީސް ފާހަގަކުރެއްވިއެވެ.

ކައުންސިލް އިންތިޚާބު ބޭއްވުމަށްޓަކާ 70 ނުވަތަ 80 މިލިޔަނެއްހާ ރުފިޔާ ޚަރަދުވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ލަފާކުރައްވައެވެ.

"މިފަހަރު ކެންޑިޑޭޓުން ކެންޑިޑެސީ ހުށަހަޅާނީ އަޅުގަނޑުމެންގެ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ޑިޖިޓަލްކޮށް. އެކަންވެސް އަޅުގަނޑުމެން ހުޅުވާލަން މި ގަސްތުކުރަނީ އިންތިޚާބު އިޢުލާންކޮށްފައި ކެންޑިޑެސީއަށް ހުޅުވާލުމުގެ ކުރިންވެސް އެ ޝަޢުގުވެރިކަން ހުންނަ މީހުން އެ ޕޯޓަލަށް ފަރިތަވުމާއި އަދި ބޭނުންވާ ހުރިހާ ޑޮކިއުމެންޓްތައް ތައްޔާރުކުރުމާއި، އެ ހިސާބަށް އަންނައިރު އެންމެ ފަހު ވަގުތުގައި އުނދަގޫތައް ކުޑަކުރުމަށްޓަކާ ދިމާވާ ގޮންޖެހުންތައް ކުޑަކުރުމަށްޓަކާ އެ ޕްރޮސެސް ކުރިއަށްގެންދެވޭނެ ގޮތަކަށް އަޅުގަނޑުމެން އިންތިޒާމްތައް އޮންލައިންކޮށް ޑިޖިޓަލްކޮށް ހަމަޖެއްސުމުގެ ވިސްނުމެއްގައި އަޅުގަނޑުމެން މި އުޅެނީ." ޒާހިދު ވިދާޅުވިއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް ރައްޔިތުން ހޭލުންތެރިކުރުމަށްޓަކާވެސް ދުރާލާ މުހިންމު މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *