ޗާގޯސް މައްސަލައިގެ ލިޔެކިއުންތައް ކުރީގެ ސަރުކާރުން ބޭރުގެ ފަރާތްތަކަށް ދިންކަމަށް ދެކެވޭ ވާހަކަ އުޝާމް ދޮގު ކުރައްވައިފި

ޗާގޯސް މައްސަލައިގެ ލިޔެކިއުންތައް ކުރީގެ ސަރުކާރުން ބޭރުގެ ފަރާތްތަކަށް ދިންކަމަށް ދެކެވޭ ވާހަކަ އުޝާމް ދޮގު ކުރައްވައިފި

ރާއްޖޭގެ ސްޕެޝަލް އިކޮނޮމިކް ޒޯން (އީއީޒެޑް)ގެ ތެރެއިން ބައެއް، އެމްޑީޕީ ސަރުކާރުން ގެއްލުވާލާފައިވާ ކަމަށް ތުހުމަތު ކުރާ މައްސަލައާބެހޭ އެއްވެސް ލިޔެކިއުމެއް، އޭރު ހުންނެވި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ބޭރުގެ އެއްވެސް ފަރާތަކަށް ދީފައި ނުވާކަމަށް މިހާރުގެ ބަންޑާރަ ނައިިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އުޝާމް މިހެން ވިދާޅުވީ، ކަނޑުގެ މައްސަލައިގެ  ލިޔެކިޔުން ތަކެއް އޭރުގެ އެޓާރނީ ޖެނެރަލް ބޭރުގެ ބަޔަކަށް ދީފައި ވާކަަމަށް ވިދާޅުވެ، ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު އިއްޔެ މަޖިލީހުގައި ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

"އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ އެއްވެސް ލިޔެކިޔުމެއް ބޭރުގެ ފަރާތްތަކަށް ދީފައިހުރި ކަމަކަށެއް އިނގޭތޯ. އަޅުގަނޑު މި މަގާމާ ހަވާލުވި ހިސާބުން މި މައްސަލަ ވަރަށް ބޮޑަށް ދިރާސާ ކުރުމަށްފަހު މިކަމަށް އަޅުގަނޑުމެންގެ ސަރުކާރުގައި ހަމަ އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ، މި މައްސަލަ ކުރިއަށް ގެންދިއުމަށް ޓަކައި މިހާރު ވެސް މަސައްކަތް ތަކެއް ކުރެވެމުން އެބަދޭ" އުޝާމް ވިދާޅުވިއެވެ.

އުޝާމް ވިދާޅުވީ، މިދިޔަ ސަރުކާރުގެ ބަންޑާރަ ނައިބު އެއްވެސް ބަޔަކަށް ލިޔެކިޔުންތަކެއް ދީފައި ހުރި ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދު ދެ ގައުމުން ބެހުމުގެ މައްސަލައިގައި ރާއްޖޭން ވަކާލާތުކުރި ގޮތަށް ރާއްޖެއަށް ބޮޑުބައި ލިބޭ ގޮތަށް އިޓްލޮސްއިން މައްސަލަ ނިންމީ މިއަހަރުގެ 2023 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 28 ވަނަ ދުވަހުއެވެ.

މޮރިޝަސް އިން ހުށަހަޅާފައިވަނީ ފުށުއަރާ 95،600 އަކަ ކިލޯމީޓަރު ދެ ބަޔަށް ބަހާލުމަށެވެ. އޭރުން ރާއްޖެއަށް 47،172 އަކަކިލޯމީޓަރު އަދި މޮރިޝަސްއަށް 48،458 އަކަ ކިލޯމީޓަރު ލިބޭނެ އެވެ. މޮރިޝަސް އިން ވަކާލާތުކުރީ ޗާގޯސް އާކިޕެލެގޯގެ އައްޑޫއާ އެންމެ ކައިރިން އޮންނަ ބެހިމް ފަރުގެ އުތުރުކޮޅުން ފެށިގެން 200 މޭލަކީ އެ ގައުމުގެ އީއީޒެޑްގެ ތެރޭގައި ހިމެނޭ ބައެއް ކަމަށެވެ. އެ މިން ފަށަން ޖެހޭނީ އައްޑޫއާ އެންމެ ކައިރިއަށް އޮންނަ ބެހިމް ފަރުގެ އުތުރުކޮޅުން ކަމަށެވެ.

ނަމަވެސް ރާއްޖޭން ބުނަނީ އެއީ މޮރިޝަސްގެ އައްސޭރި ފަށުގެ ބައެއް ނޫން ކަމަށެވެ. ރާއްޖޭން ބުނަމުން ދިޔައީ އެއީ ހަމައެކަނި ހިކި ދިޔަވަރުގައި ފެންނަ ފަރެއް ކަމަށާއި އެ ފަރަކީ ބޮޑު ދިޔައިގައި ވެސް ފެނުން މަތީގައި އޮންނަ ތަނެއް ނޫން ކަމަށެވެ. އެއީ ޗާގޯސްގެ ސީދާ ބައެއްވެސް ނޫން ކަމަށާއި އެ ފަރުން ފެށިގެން 200 ނޯޓިކަލް މޭލު ބަލާ ނަމަ، މޮރިޝަސްއަށް ނުހައްގުން 4،690 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ލިބޭނެ ކަމަށެވެ.

ރާއްޖެ އާއި ޗާގޯސްއާ ދެމެދުގައިވާ ފުށުއަރާ ކަނޑުގެ ސަރަހައްދު ބެހުމުގައި ބަލަން ޖެހޭނީ ރާއްޖޭން ވަކާލާތުކުރި ގޮތަށް ޗާގޯސްގެ އައްސޭރި ފަށުން ފެށިގެން ކަމަށެވެ.

ގެއްލުނު ކަމަށް ބުނާ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ހޯދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ 100 ދުވަހުގެ ވައުދު ފުޅުގައިވެސްް ހިމެނޭ ކަމެވެ. ކަނޑުގެ ސަރަހައްދު ހޯދުމުގެ މަސައްކަތަށް ކުރީގެ އެޓާނީ ޖެނެރަލް ޑރ. މުހައްމަދު މުނައްވަރު، ހިމެނޭހެން ބައިނަލްއަގުވާމީ ވަކީލުންގެ ޓީމެއް، އެޓާނީ ޖެނެރަލް އޮފީހުން ވަނީ އެކުލަވައިލައިފައެވެ.

އުޝާމް އިއްޔެ ވިދާޅުވީ، ގެއްލުނު ކަމަށް ބުނާ ކަނޑުގެ ސަރަހައްދު ހޯދުމުގެ މަސައްކަތަށް ކުރިއަށްދާ ކަމަށާއި، އެކަމާބެހޭ ހޯދުންތައް މިމަސްތެރޭގައި ކެބިނެޓަށް ހުށަހެޅޭވަރުވާނެ ކަަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *