ދ. އަތޮޅު ކައުންސިލް ރައީސް އާއި ސެކްރެޓަރީ ޖެނެރަލް، ކައުންސިލް ބަޖެޓުންނާއި، ކައުންސިލްގެ މުދަލުން އަމިއްލަ މަންފާ ހޯދާކަމަށްބުނާ މައްސަލަތަކެއް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހަޅައިފިއެވެ.
މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް އަމިއްލަ ފަރާތަކުުން ފޮނުވާފައިވާ މި މައްސަލަ ތަކުގައި ބޮޑެތި ތުހުމަތުތަކެއް އެ ދެފަރާތަށް ވަނީ ކޮށްފައެވެ.
އެގޮތުން، އެއްވެސް އުސޫލެއް، ހަމައެއް ނެތި ކައުންސިލް ބަޖެޓުން ހަރަދު ކޮށްގެން އަމިއްލަ ބޭނުން ތަކުގައި އިރުއިރުކޮޅާ މާލެ ގޮސް އެއީ ރަސްމީ ދަތުރުތައް ކަމަށް ހަދައި ކޮއްތާއި ހުރުމުގެ އެލަވަންސް ނަގަމުންދާ ކަމަށްވަނީ ބުނެފައެވެ.
އޭގެ އިތުރުން އަތޮޅު ކައުންސިލަށް އޮންނަ ރަށްތަކުގެ ތެެރެއިން އެއްރަށުުގެ 21 އަހަރު ދުވަހުގެ ކުލި އެއްްފަހަރާ ނެގުމަށްފަހު، އެ ދެމީހުންނަށް މާލީ މަންފާ ލިބޭ ގޮތަށް ބަޔަކަށް ކުއްޔަށް ދިނުމުގެ އިތުރުން ދ. ހޮޅުވެހި ކިޔާ ފަޅުރަށް އެ ދެމީހުންނަށް މަންފާ ލިބޭގޮތަށް ގާނޫނާ ހިލާފަށް 10 އަހަރަށް ކުއްޔަށް ދިނުންވެސް ހިމެނެއެވެ.
އާންމު މީހަކު އެ މައްސަލަތައް ހުށަހެޅި ސިޓީގައި ބުނެފައިވަނީ، ސިވިލް ސާވިސްގެ ވަޒީފާއެއް އިއުލާން ކުރުމުން، އެ ދެމީހުން ބޭނުންވާ ފަރާތްތައް ކުރިމަތި ނުލައިފިނަމަ، އެ އިއުލާނަށް މީހުން ނުނަަގައި ބާއްވާ ކަމަށާއި، އެއަހަރަށް ކުރަން ރާވާފައިނުވާ ކަންތައްތަކަށް، އެ ދެމީހުން ބޭނުންވާ ވަގުތަކު އަތޮޅު ކައުންސިލްގެ ބަޖެޓުން ހަރަދު ކުރާކަމަށްވެސް ބުނެފައިވެއެވެ.
އޭގެ އިތުރުން އަތޮޅު ކައުންސިލްގެ ހަރު މުދާ ކަމަށްވާ އަތޮޅު ލޯންޗާއި، އަތޮޅުގެ މި ދެމީހުންގެ އަމިއްލަ މަންފާއަށް ބޭނުން ކުރަމުންދާ ކަމަށްވެސް ބުނެފައިވެއެވެ.
މި މައްސަލައަށް ކޮމިޓީން މަޝްވަރާ ކުރުމަށްފަހު ގޮތެއް ނިންމާނެ ކަމަށް ކޮމިޓީގެ ނައިބު މުގައްރިރު އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް މިއަދު ވިދާޅުވިއެވެ.