ޖެހިޖެހިގެން އެއާޕޯޓް އެޅުން- ހަދަންވީ ސިޔާސީ ޕްލޭނެއްނޫން، އިގްތިސޯދީ ޕްލޭނެއް، ބޮޑުތަނުން ގެއްލުން!

ޖެހިޖެހިގެން އެއާޕޯޓް އެޅުން- ހަދަންވީ ސިޔާސީ ޕްލޭނެއްނޫން، އިގްތިސޯދީ ޕްލޭނެއް، ބޮޑުތަނުން ގެއްލުން!

* ރާއްޖޭގައި ފައިދާގައި ހިންގަނީ އެންމެ ތިން އެއާރޯޓް، ދެން ހުރި ހުރިހާ އެއާޕޯޓަކުން ވާނީ ގެއްލުން

ކައިރި ކައިރީގައި ހުންނަ ރަށްރަށުގައި އެއާރޕޯޓް އެޅުމުން އެކަމުން ވާނީ ފައިދާއަށްވުރެ ބޮޑަށް ގެއްލުން ކަމަށާއި، މިފަދަ ކަންކަމުގައި ހަދަންވީ ސިޔާސީ ޕްލޭނެއް ނޫން ކަމަށާއި، ހަދަންވީ އިގްތިސޯދީ ޕްލޭނެއް ކަމަށް ވިޔަފާރިވެރިޔާ މުހައްމަދު ފިރާގު ވިދާޅުވެއްޖެއެވެ.

އިނަރމޯލްޑިވްސްގެ ސީއީއޯ ފިރާގު ވިދާޅުވި ގޮތުގައި ސަރުކާރުތަކުން އެއާރޕޯޓުތައް އެޅުމުގައި ބަލަމުންދަނީ ވަކި ސިޔާސީ ބަޔަކު ބުނެގެން، ސިޔާސީ ގޮތުން ވެދާނެ ފައިދާއަކަށް ވިސްނައިގެންނެވެ. ނަމަވެސް އެއީ ދެމެހެއްޓެނިވި ގޮތަކަށް ބަލާއިރު ގެއްލުން ބޮޑު ގޮތް ކަމަށް ފިރާގު ވިދާޅުވިއެވެ.

މި ސަރުކާރުން ބުނެފައި ވަނީ އަމާޒަކީ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން 30 މިނިޓްގެ ތެރޭގައި ދެވޭ ހިސާބުގައި އެއާރޕޯޓެއް އެޅުން ކަމަށެވެ. މިހާރުވެސް އެއާރޕޯޓް އަޅަން ނިންމާފައިވާ ބަޔެއް ރަށްރަށުގެ ދެމެދުގައި ހުރި ދުރުމިނަކީ 10 ވަރަކަށް މިނިޓްގެ ކުރު ދަތުތެރެކެވެ. މިސާލެއްގެ ގޮތުން ތ. އަތޮޅުގައި ކައިރިކައިރީގައި އޮތް ތިން ރަށެއްގައި އެއާރޯޓް އެޅުމާއި، ފ. އަތޮޅުގައިވެސް ކައިރިކައިރީގައި އޮތް ދެރަށެއްގައި އެއާރޕޯޓް އެޅުން ފާހަގަ ކޮށްލެވެއެވެ.

ރާއްޖޭގެ އެންމެ ބޮޑު އެއް ޓްރެވަލް ކުންފުނި ހިންގަވަމުން އަންނަ ފިރާގު ވިދާޅުވި ގޮތުގައި ޖެހިގެން އޮންނަ ރަށްރަށުގައި އެއާރޯޓުތައް އެޅުމަކީ ދުރު ވިސްނުމެއް ނެތި ސަރުކާރުތަކުން ކުރަމުން އަންނަ ކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ އެކަމުގައި އޮތީ ހަމައެކަނި ސިޔާސީ ވިސްނުމެއް ކަމަށެވެ. އެގޮތުން ވަކި ސިޔާސީ މީހަކަށް ނާޖާއިޒް ފައިދާތަކެއް ހޯދުމުގެ ގޮތުން ސަރުކާރަށް ޕްރެޝަރުކޮށްގެންވެސް އެކަން ކުރަމުންދާކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ފިރާގު ފާހަގަ ކުރެއްވި ގޮތުގައި ކައިރިކައިރީގައި އެއާރޕޯޓުތައް އަޅަމުންދާއިރު، އެކަމާގުޅުން ހުރި ފަރާތްތަކާއެކު މަޝްވަރާއެއް ނުކުރެއެވެ. ކަމާގުޅުން ހުރި ފަރާތްތަކާއެކު ވާހަކަ ދައްކައިގެންނޫނީ އިގްތިސޯދީ ގޮތުން އެކަމުން ފައިދާއެއްވާނެ ގޮތަކަށް އެކަން ނުކުރެވޭނެކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ފިރާގު ވިދާޅުވީ، ރާއްޖޭގައި ފައިދާވާގޮތަށް ހިންގަނީ އެންމެ ތިން އެއާރޕޯޓެވެ. އެއީ ރާއްޖޭގެ ވައިގެ މައި ދޮރާށި ކަމަށްވާ، ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓާއި ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯރޓާއި ބ. ދަރަވަންދޫ އެއާރޕޯޓެވެ. ދެން ހުރި އެއްވެސް އެއާރޯޓަކުން ފައިދާއެއް ނުވާނެކަމަށް ތަޖުރިބާއާއެކު ފިރާގު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ކޮންމެ އެއާރޕޯޓެއް އަޅަން 3 މިލިއަން ޑޮލަރާއި 7 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް ޚަރަދުވާނެ ކަމަށެވެ. އެއާރޕޯޓުތައް އެޅުމަށްފަހު ސިޔާސީ ވިސްނުމުގައި ބައިވަރު މުވައްޒަފުން ނަގަމުން އަންނަކަން އޭނާ ފާހަގަ ކުރެއްވިއެވެ. އެކަމުން ސަރުކާރަށް ގެއްލުންވާއިރު ރައްޔިތުންނަށްވެސް ފައިދާއެއް ނެތްކަމަށް ފިރާގު ވިދާޅުވިއެވެ.

"އަޅުގަނޑަކަށް ނުފެނޭ މިއީ ހަމަ އެއްވެސް ވިޝަންއެއް އޮވެގެން ކުރެވޭ ކަމެއް ކަމަކަށް، ވަކި ސިޔާސީ ބޭފުޅުންތަކެއްގެ ހިތްހަމަޖެހުމަކަށް، ނުވަތަ އެ ބޭފުޅުންގެ ވިސްނުމާ އެއްގޮތަށް ކުރެވޭ ކަހަލަ ކަންތައްތަކެއް މިއީ، ގެއްލުން ބޮޑެތި ކަންތައްތައް އަޅުގަނޑުމެންނަށް ކުރެވިގެން މި ދަނީ." ފިރާގު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *