އަމްފާއިން މުދައްރިސުންނަށް އިންކްލޫސިވް އެޑިއުކޭޝަން ސެޝަނެއް ބާއްވައިފި

އަމްފާއިން މުދައްރިސުންނަށް އިންކްލޫސިވް އެޑިއުކޭޝަން ސެޝަނެއް ބާއްވައިފި

އޮސްޓްރޭލިއާ މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަން (އޭއެމްއެފްއޭ) އާއި ކާފު އަތޮޅު އެޑިއުކޭޝަން ސެންޓަރ (ކޭއޭއީސީ) ގުޅިގެން، މުދައްރިސުންނަށް އިންކްލޫސިވް އެޑިއުކޭޝަނާ ގުޅޭ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ސެޝަނެއް މިދިޔަ ބުދަ ދުވަހު ބާއްވައިފިއެވެ.

މި ސެޝަންގެ މައިގަނޑު މަގުސަދަކީ ކިޔަވައިދިނުމުގައި ހިމެނޭ ތަފާތު ދަރިވަރުންނަށް އެހީތެރިވުމަށް ބޭނުންވާ ގާބިލުކަން މުދައްރިސުންގެ ކިބައިގައި އަށަގަންނުވައި، ރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު ތައުލީމީ ގުޅުންތައް ބަދަހި ކުރުމެވެ.

 

ކޭއޭއީސީގައި ކުރިއަށް ގެންދެވުނު މި ސެޝަންގައި، ސިޑްނީގެ ސެއިންޓް ޕިއަސް ޓެން ކޮލެޖްގެ ހެޑް އޮފް ސްޓޫޑެންޓް އެންގޭޖްމަންޓް، އެންރިޗްމަންޓް އެންޑް ޑައިވާސިޓީ ޑެނިއަލް ބާޓަން ވަނީ ތަފާތު ދަރިވަރުންނަށް ހިމެނޭގޮތަށް ކިޔަވައިދިނުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.

އޭނާ ދެއްކި ވާހަކައިގެ ސުރުހީއަކީ "ކްލާސްރޫމުން އެތެރެއާއި ބޭރު: ދަރިވަރެއް، މުދައްރިސެއް އަދި ބެލެނިވެރިއެއްގެ ހައިސިއްޔަތުން އިންކްލޫޝަންއާ ގުޅޭ ގޮތުން ލިބުނު ފިލާވަޅުތައް" އެވެ.

ބާޓަން ވަނީ އެކި ބާވަތުގެ އެހީތެރިކަން ބޭނުންވާ ދަރިވަރުންނަށް އެހީތެރިވުމުގެ ސްޓްރެޓެޖީތައް ހިއްސާކޮށް، ކިޔަވައިދިނުމުގައި އަނެކުންނާމެދު އޯގާތެރިވުމާއި، ލުއިފަސޭހަކަމާއި، އެއްބާރުލުން ދިނުމުގެ މުހިންމުކަން ފާހަގަކޮށްފައެވެ.

މި ސެޝަންގައި ކޭއޭއީސީގެ މުދައްރިސުން ވަރަށް ހަރަކާތްތެރިކަމާއެކު ބައިވެރިވެ، ކްލާސްރޫމުގައި ލިބިފައިވާ ތަޖުރިބާތަކާއި އިންކްލޫސިވް އުސޫލުތަކާ ގުޅޭ ހިޔާލުތައް ބަދަލުކުރިއެވެ. މުދައްރިސުންގެ ފަރާތުން ލިބުނު ފިކުރު ތަކާއި އަމަލީ ދިރާސާތަކުން މި ސެޝަން އިތުރަށް މުއްސަނދި ވެގެން ދިޔައެވެ.

ކޭއޭއީސީގެ ޕްރިންސިޕަލް މި ސެޝަނާ ގުޅޭ ގޮތުން ވިދާޅުވީ މިއީ "ވަރަށް މުއްސަނދި ތަޖުރިބާއެއް" ކަމަށެވެ. އަދި މި ފުރުސަތު ދެއްވި ކަމަށްޓަކައި އޭއެމްއެފްއޭއަށް ޝުކުރު އަދާކުރައްވައި، ކުރިއަށް އޮތް ތަނުގައި އިތުރު އެއްބާރުލުން ތަކަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

މި މަސައްކަތަކީ އޮސްޓްރޭލިއާ އާއި ރާއްޖެއާ ދެމެދު ތައުލީމީ ގުޅުންތަކާއި ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން ބަދަހި ކުރުމަށް އޭއެމްއެފްއޭއިން ކުރާ މަސައްކަތް ތަކުގެ މުހިންމު ބައެކެވެ.

މިފަދަ ޕްރޮގްރާމް ތަކުގެ ސަބަބުން ދެ ގައުމުގެ ތައުލީމީ ދާއިރާ ތަކަށް ފައިދާ ކުރުވަނިވި ގުޅުން ތަކެއް ގާއިމުވެ، މުދައްރިސުންނާއި ދަރިވަރުންނަށް އިތުރު ފުރުސަތުތައް ހުޅުވިގެން ދާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *