އެމްޑީީގެ ދެވަނަ ސަރުކާރުގައި ހިމެނިވަޑައިގެންނެވި ތިން ވަޒީރެއްގެ މައްސަލަ އޭސީސީ އިން ބަލަން ފެށި ވަގުތަކީ ރާއްޖޭގައި ހުރި މިނިވަން މުއައްސަސާތަކުގެ މުސްތަގިއްލުކަން ގެއްލިފައިވާ ވަގުތެއް ކަމަށާއި، އިންސާފެއް ނެތް ތަހުގީގުތަކާއި ސިޔާސީ ހުކުމް ތަކުން މުޅި ގައުމު ކިލަނބު ވެގެންދާނެ ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ހެނދުނު ސޯޝަލް މީޑިއާގައި އިބޫ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުގައި ހިމެނިވަޑައިގެންނެވި ތިން ވަޒީރެއް ކަމުގައިވާ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލާއި، ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރުގެ އިތުރުން އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީގެ މައްސަލަ އޭސީސީން ބަލަން ފެށި މި ދަނޑިވަަޅަކީ މިނިވަން މުވައްސަސާތަކުގެ މިނިވަންކަން ގެއްލުވާލާފައިވާ ދަނޑިވަޅެއް ކަމަށެވެ.
އިބޫ ވިދާޅުވީ، ރާއްޖޭގެ ސިޔާސީ މަޝްރަހުގައި މިވަގުތު ހިނގަމުންދާ އިންސާފުން އެއްކިބާވެފައިވާ ކަންކަމަކީ ރައްޔިތުންގެ އަޑު ކަނޑުވާލަައި އިދިކޮޅު ސިޔާސީ ފަރާތްތައް ފަހަތަށް ޖެއްސުމަށް ރޭވިގެން ހިންގާ ވަރަށް ނުރަނގަޅު ކަންކަން ކަމަށެވެ. އަދި މާޒީގައި މިފަދަ ކަންކަން ހިނގައިދިޔަ ގޮތް ފެންނަން އެބައޮތް ކަމަށެވެ.
" މާޒީގައި މިކަން ހިނގައިދިޔަ ގޮތް އަޅުގަނޑުމެންނަށް އެބަ އެނގޭ. އިންސާފުން އެއްކިބާވެފައިވާ ތަޚުޤީޤުތަކާއި، ސިޔާސީ ހުކުންތަކުން މުޅި ޤައުމު ކިލަނބުވާނެ. މިފަދަ ކަންކަމުން ދުރުވެ، އިންސާފާއި، ހަމަހަމަކަމާއި ގާނޫނުގެ ވެރިކަން އިސްކުރުމަށް ދައުލަތުގެ ވެރިންނަށް އިލްތިމާސް ކުރަން." އިބޫ ވިދާޅުވިއެވެ.
އިބޫ މިފަދައިން މި ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގެ ތިން ވަޒީރަކު އޭސީސީއަށް ހާޒިރުވުމަށް އަންގަވާފައި ވަނިކޮށެވެ. އަދި ދާދިފަހުން އެމްޑީޕީން އިސްވެއޮވެ ބޭއްވި މުޒާހަރާގެ ބައެއް ބައިވެރިން ހައްޔަރު ކޮށްފައި ވަނިކޮށެވެ.