ދައުލަތުން އެކި ފަރާތްތަކަށް ދެމުންދާ އިނާޔަތްތައް ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ގޮވާލަމުން ދާއިރު، ރާއްޖެ މިވަގުތު އޮތް އިގްތިސޯދީ ޙާލަތު މަޖިލިސް މެމްބަރުންނަށް ވިސްނޭތޯ، ވިޔަފާރިވެރިޔާ މުހައްމަދު ފިރާގު (އިނަރމޯލްޑިވްސް ފިރާގު) ސުވާލު އުފައްދަވައިފިއެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބަޔެއް މެމްބަރުން ވަނީ އާބާދީ އިތުރު ކުރުމަށްޓަކައި ދަރިން އިތުރަށް ހޯދުން މުހިންމުކަމާއި އެކަމަށްވެސް އިނާޔަތެއް ދޭން ފެންނަ ކަމަށް ވާހަކަ ދައްކަވާފައެވެ. އަދި ރިޓަޔަރ ކުރާ މީހުންނަށް ދެމުންދާ 5 ހާސް ރުފިޔާ، 50 ހާސް ރުފިޔާއަށް ބޮޑުކުރަން ފެންނަ ކަމަށްވެސް ބަޔެއް މެމްބަރުން ވަނީ ވިދާޅުވެފައެވެ.
މިކަމާއި ގުޅުވައި ފިރާގު މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އާއިލާ ތަކަށް ސަޕޯޓް ދިނުމަކީ މުހިންމު ކަމެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. ނަމަވެސް، ގައުމު މިވަގުތު އޮތް ޙާލަތު މަޖިލިސް މެމްބަރުންނަށް ހަގީގަތުގައިވެސް ވިސްނޭތޯ ސުވާލު އުފައްދަވައި ވިދާޅުވީ، ގައުމުގެ އިގްތިސޯދު ދަތިވެ، އިންފްލޭޝަން މައްޗަށް ގޮސް، ރާއްޖޭގެ ގިނަ ރައްޔިތުންގެ ދިރިއުޅުން ވަރަށް ދަތިވެފައިވާ ކަމަށެވެ.
ފިރާގު ވިދާޅުވީ، އާއިލާ ތަކަށް ޚާއްސަ އިނާޔަތްތަކެއް ދިނުމަށް މަޖިލީހުގެ މެމްބަރުން ޑިމާންޑް ކުރަމުންދާއިރު، ރައްޔިތުން މިއަދު ތިބީ ޒަރޫރީ ޚިދުމަތްތަކަށްވެސް ފައިސާ ނެތިފައި ކަމަށެވެ. އަދި ރާއްޖޭގެ ދަރަނި އިތުރުވަމުންދާކަން އޭނާ ފާހަގަ ކުރެއްވިއެވެ.
"ޒަރޫރީ ހިދުމަތްތަކަށް ފައިސާ ނުލިބި، ގައުމުގެ ދަރަނި އިތުރު ވަމުންދާ މި ދަނޑިވަޅެއްގައި، ސާފު ޕްލޭނެއް ނެތި އިތުރު މާލީ ބުރަތައް ހުށަހެޅުމަކީ ހަގީގަތާ ގުޅުން ނެތް ކަމެއް ކަމަށް ފެނެއެވެ. އަމިއްލަ ފައިދާ ތަކަށް އިސްކަންދީ، ޕޮޕިއުލިސްޓް ސިޔާސަތު ތަކަށް ބާރުއެޅުމުގެ ބަދަލުގައި މިވެރިން ފަހަރެއްގައި އިގްތިސާދު ހަމައަކަށް އެޅުވުމާއި، ރައްޔިތުންގެ ހަގީގީ ކަންބޮޑުވުން ތަކަށް ހައްލެއް ހޯދުމަށް ސަމާލުކަން ނުދެނީބާވައެވެ." ފިރާގު ވިދާޅުވިއެވެ.
ފިރާގުގެ އިތުރުންވެސް އިގްތިސޯދީ ބޭފުޅުން ދަނީ ރާއްޖޭގެ އިގްތިސޯދު ދަށަށްދާ ދިއުމާމެދު ކަންބޮޑުވުން ފާޅު ކުރައްވަމުންނެވެ. އަދި އިގްތިސޯދު ރަނގަޅު ކުރުމަށް ހަރުދަނާ ރަނގަޅު ޕްލޭންތަކެއްގެ ތެރެއިން ދައުލަތުގެ ޚަރަދުތައް ކުޑަ ކުރުމަށް ލަފާ ދެމުންނެވެ.