ސޮނިކް ވެޕަން ބޭނުން ކުރެވޭނީ އޯޕަން ސަރަހައްދަކު، މާލެ ކަހަލަ ތޮއްޖެހިފައިވާ ތަނަކު ބޭނުމެއް ނުކުރެވޭނެ: އުމަރު

ސޮނިކް ވެޕަން ބޭނުން ކުރެވޭނީ އޯޕަން ސަރަހައްދަކު، މާލެ ކަހަލަ ތޮއްޖެހިފައިވާ ތަނަކު ބޭނުމެއް ނުކުރެވޭނެ: އުމަރު

މުޒާހަރާތައް ރޫޅާލުމަށް ފުލުހުން އެންމެ ފަހުން ބޭނުންކުރި ސޮނިކް ވެޕަންއަކީ ހާމައަށް އޮންނަ ބޮޑެތި ސަރަހައްދު ތަކުގައި ބޭނުންކުރާ އެއްޗެއް ކަމަށާއި، އެއީ މާލެ ފަދަ ތޮއްޖެހިފައިވާ ތަނެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ޗެނަލް13 ގެ ޕްރޮގްރާމެއްގައި ރޭ ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ، މައްސަލައަކީ ސޮނިކް ވެޕަން ފުލުހުން ބޭނުންކުރުން ނޫން ކަމަށާއި، މައްސަލައަކީ ބާރު އަޑު ފޮނުވާ އެ ހަތިޔާރު ފުލުހުން ބޭނުންކުރި ސަރަހައްދު ކަމަށެވެ.

އުމަރު ވިދާޅުވީ، މާލޭގައި ސޮނިކް ވެޕަން ބޭނުންކުރި ސަރަހައްދަކީ ގިނަ އަދަދަކަށް އުސް އިމާރާތްތައްގިނަ، އަދި އެ ސަރަހައްދުގައި ގިނަ އަދަދެއްގެ މީހުން ދިރިއުޅެމުންދާ ސަރަހައްދެއް ކަމުން، އެ ވަރުގެ ބާރު އަޑު ފޮނުވާ އާލާތެއް ބޭނުން ކުރުމުން ގިނަ ބަޔަކަށް ގެއްލުންވާނެ ކަމަށެވެ.

"މިހާރު މި ވެޕަން ބޭނުންކުރީ ބުރިޖު މަތީގައި ނަމަ ތި ބޭފުޅުން ތި ވާހަކައެއް ނުދައްކާނެ. އެއީ އޯޕަން ސަރަހައްދެއްގައި. ދުނިޔޭގައި ސޮނިކް ވެޕަން ބޭނުން ކުރަނީ އޯޕަން ސަރަހައްދު ތަކުގައި. މާލެ ކަހަލަ ތޮއްޖެހިފައި ވަށައިގެން ބިލްޑިންތައް އަޅާފައި ހުންނަ ތަނެއްގެ ތެރޭގައި ސޮނިކް ވެޕަން ބޭނުމެއް ނުކުރެވޭނެ،" އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ، ސޮނިކް ވެޕަން ބޭނުންކުރި ސަރަހައްދުގައި ދިރިއުޅޭ އުމުރުން ދުވަސްވީ މީހުންނަށް އޭގެ ސަބަބުން ބޮޑެތި ގެއްލުންތަކެއްވުން އެކަށީގެންވާ ކަމަށެވެ.

އެމްޑީޕީ އިން އިސްނަގައިގެން ކުރިޔަށް ގެންދިޔަ މުޒާހަރާ ރޫޅާލުމަށް ފުލުހުން ސޮނިކް ވެޕަން ބޭނުން ކުރުމުން އާންމުންގެ ގިނަބަޔަކު ވަނީ އެކަމާމެދު ޝަކުވާ ކޮށްފައެވެ. އެކަމުގެ ޝަކުވާތައް ބޮޑުވެ، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)އިންވެސް އަންނަނީ އެ މައްސަލަ ބަލަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *