ވާރޭ ނުވެހޭ އެއްވެސް ކޯޓެއް މާލެގައި ނެތް ކަަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް، މާފުށީ ދާއިރާގެ މަޖިލިސް މެންބަރު ހުސެއިން ރިޒާ އާދަމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި، ކޯޓު ތަކުން މައްސަލަތައް ނިމުން ލަސްވާ ސަބަބާބެހޭ ގޮތުން ވާހަކަ ދައްކަވަމުން ރިޒާ ވިދާޅުވީ، ސުޕްރީމް ކޯޓު ބޭރުން ކިތަންމެ ރީއްޗަސް އެތަނަށް ވާރޭވެހޭ ކަމަށާއި، ހައިކޯޓު ހިފަހައްޓަނީ ސީލިން ތަކުގައި ދަނގަޑު ޖައްސަިއގެން ކަމަށެވެ.
ރިޒާ ވިދާޅުވީ، 11 މެޖިސްޓްރޭޓް ކޯޓު މިހާރުވެސް ހިނގަމުން ދަނީ ތަންތަން ކުއްޔަށް ހިފައިގެން ކަމަށާއި، 52 މެޖިސްޓްރޭޓް ކޯޓު ހިންގަނީ ކައުންސިލްތަކާ އެއް އިދާރާއެއްގައި ކަމަށެވެ.
"އެ ކައުންސިލް ތަކުން ނިކުންނަން އެބަހުރި ސިޓީ ފޮނުވައިފަ، އެއީ ކައުންސިލް ތަކުގެ ބިން ތަކެއް ކަމަށް ނިންމައި މާދަމާ އެތަންތަނުން ނިކުތަސް ކޯޓުތައް ހިންގާނެ ތަންތަނެއް ނެތް،" ރިޒާ ވިދާޅުވި އެވެ.
ރިޒާ ވިދާޅުވީ، އާ އިމާރާތެއް ބޭނުންވާ 43 ކޯޓުގެ ތެރެއިން 13 ކޯޓު އިމާރާތް ކުރުމަށް ބޭނުންވާ ޖުމްލަ 64.7 މިލިއަން ރުފިޔާ 2024 ވަނަ އަހަރުގެ ބަޖެޓުގައި ޖެހި ކަމަށެވެ.
"ނަމަވެސް އެ މަސައްކަތްތައް ކުރިއަށް ނުގެންދަން ފިނޭންސް މިނިސްޓްރީން އަންގާފައި އެބައޮތް، މި އަހަރު އެއްވެސް މަަޝްރޫއެއް ކުރިއަށް ގެންދަން ފިނޭންސުން ބަޖެޓް ދީފައެއް ނެތް، އެހެންވީމަ މިކަން ހައްލު ކުރެވޭނީ އަޅުގަނޑު ދެކޭގޮތުގައި، ޕީއެސްއައިޕީގެ ބަޖެޓްގެ ދަށުން ރަނގަޅު ހައްލު ތަކެއް އައިސްގެން ކޯޓުގެ ޖާގަތައް ފުރިހަަމަ ކުރެވޭނީ،" އޭނާ ވިދާޅުވި އެވެ.