ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ، ނަމްބަރު އައިނު ހަދައިދުނުމުގެ ހިދުމަތަކީ، ވިޔަފާރީގެ އުސޫލުންދޭ ހިދުމަތެއް ނޫން ކަމަށް ހެލްތު މިނިސްޓައު އަބްދުﷲ ނާޒިމް ވިދާޅުވެއްްޖެއެވެ.
މިނިސްޓަރު ނާޒިމް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުުގެ މިއަދުގެ ޖަލްސާގައި ލިއުމުން ޖަވާބު ހޯއްދެވުމަށް، ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
ސަރުކާރު ތަކުން ގިނަ ވިޔަފާރިތައް ކުރުމުގެ ބަދަލުގައި ދުނިޔޭގެ ތަހުޒީބީ މުޖުތަމައުތަކުގައި ކުރާކަމަކީ ރެގިއުލޭޓް ކުރުން ފާހަގަކޮށް، އާސަންދައިން އައިނު ހައްދަދޭ އުސޫލު ރެގިއުލޭޓް ކުރުމުގެ ބަދަލުގައި ސީދާ ސަރުކާރުން އެ ވިޔަފާރި ކުރަން ނިންމި ސަބަބަކީ ކޮބައިތޯ އާއި ސަރުކާރުގެ އައިނު ފިހާރަ ހިންގަން ފަށަން ކިހާ ހަރަދެއް ދިޔަތޯ އާއި އަހަރެއްގެ މައްޗަށް މި ވިޔަފާރި ހިންގަން ކިހާ ހަރަދެއް ހިނގާނެތޯ، މެންބަރުވަނީ ސުވާލު ކުރައްވައިފައެވެ.
މި ސުވާލު ތަކަށް ލިއުމުން ޖަވާބު ދެއްވަމުން، މިނިސްތަރު ވިދާޅުވީ، ހެޔޮ އަގުގައި އައިނުގެ ހިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ރައީސް ގެ އިސްނެންގެވުމާއެކު، 27 ޖުލައި ގައި އެ ހިދުމަތް ފަށާފައިވާ ކަަމަށެވެ.
އާސަންދައިގެ ދަށުން ކޮންމެ ރައްޔިތަކަށް ދެއަހަރުން އެއްފަހަރު އައިނު ހެއްދުމަށް ކަނޑައަޅާފައިވާ 2000 ރުފިޔާގެ ތެެރެއިން އައިޖީއެމްއެޗް އިން ގިނަ ހިދުމަތް ތަކެއް ފޯރުކޮށްދެމުން ދާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މިއީ ވިޔަފާރީގެ އުސޫލުން ކުރަމުންދާ މަސައްކަތެއް ނޫން ކަމަށެވެ.
"ސަރުކާރަށް ދެނެގަނެވުނީ އަމިއްލަ އޮޕްޓިކަލް ތަކުން ފޯރުކޮށްދެމުންދާ އައިނުގެ ހިދުމަތް ހޯދުމަކީ އާއްމުންނަށް މާލީގޮތުން ބުރައެއް ކުރިމަތިވެފައިވާ ކަމެއްކަމަށް،" މިނިސްޓަރު ވިދާޅުވި އެވެ.
ގައުމީ ހެލްތު އންޝުއަރެންސްސްކީމް (އާސަންދަ) އިން ކަވަރު ކުރަމުން ދަނީ ނަމްބަރު އައިނު އަޅާފައިވާ ފަރާތްތަކަށް ކޮންމެ ދެ އަހަރުން އެއްއަހަރު 1000 ރުފިޔާ ކަމުން ގިނަ ރައްޔިތުންނަށް ޖެހެނީ އަމިއްލަ ޖީބުން އެތައް ހާސް ރުފިޔާއެއް ހަރަދު ކުރަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
ސަރުކާރުން އައިނު ފިހާރަ ހިންގަން ފަށަން ކިހާ ފައިސާއެއް ހަރަދުވިތޯ، އާއި މި ވިޔަފާރި ހިންގަން ކޮންމެ އަހަރަކު ކިހާ ހަރަދު އޮޅުން ފިލުއްވުމަށް މެންބަރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ހިލޭ ނަމްބަރު އައިނު ހަދައިނުމުގެ ހިދުމަތުގެ ދަށުން ކޮންމެ އަހަރަކު އައިނު ހަދައިނުމަށް، ރިކަރަންޓް ހަރަދުގެ ގޮތުގައި 3.4 މިލިޔަން ރުފިޔާ ހަރަދުވާ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
މި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، އައިޖީއެމްއެޗްގައި އައިނުގެ ހިދުމަތްދޭ ތަން ހެދުމަށާއި، އެތަނަށް ބޭނުންވާ ތަކެތި ގަތުމަށް ޖުމްލަ ދެ މިލިޔަން ރުފިޔާ ހަރަދުވި ކަމަށެވެ. އޭގެ އިތުރުން އަހަރެއްގެ މައްޗަށް ރިކަރަންޓް ހަރަދުގެ ގޮތުގައި 3.4 މިލިޔަން ހަރަދުވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ އިތުރު އަގަކާއި ނުލައި ރައްޔިންނަށް އައިނު ލިބޭނެ އިމްތިޔާޒު ހަމަޖައްސައިދިނުން ކަމަށެވެ.