މިއަދުން ފެށިގެން 30 މަސް ދުވަސްތެރޭގައި ވިލުފުށީ އެއާޕޯޓު ނިންމާނަން: ރައީސް

މިއަދުން ފެށިގެން 30 މަސް ދުވަސްތެރޭގައި ވިލުފުށީ އެއާޕޯޓު ނިންމާނަން: ރައީސް

މިއަދުން ފެށިގެން 30 މަސް ދުވަސް ތެރޭ ވިލުފުށީ އެއަރޕޯޓުގެ މަސައްކަތް ނިމޭނޭ ކަމަށާއި 18 މަސް ދުވަސްތެރޭ ހޮސްޕިޓަލުގެ މަސައްކަތް ނިމޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ކޮޅުމަޑުލު ވިލުފުށީ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައްޔިތުން ބޭނުންވާ ތަނުގައި އެއަރޕޯޓު ތަރައްޤީކުރުމަށް ބިންހިއްކުމުގެ މަސައްކަތް މާދަމާ ރަސްމީގޮތުން ފައްޓަވައި، ގިނަވެގެން 30 މަސް ދުވަސްތެރޭ، 1800 މީޓަރުގެ ރަންވޭއަކާ އެކު އެއަރޕޯޓު ތަރައްޤީ ކުރުމުގެ މަސައްކަތް ނިންމަވާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ވިލުފުށީ ހޮސްޕިޓަލުގެ މަސައްކަތްވެސް މިއަދު ޢަމަލީ ގޮތުން ފައްޓަވައި، ގިނަވެގެން 18 މަސް ދުވަސްތެރޭ، ފުރިހަމަ، ޒަމާނީ ހޮސްޕިޓަލެއްގެ ގޮތުގައި އެތަން ރަށާ ހަވާލު ކުރައްވާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ގެދޮރުވެރިކަމުގެ މައްސަލައަށް އިޝާރާތް ކުރައްވަމުން، ނިމިފައި ހުރި ހައުސިންގ ޔުނިޓު ތަކަށް ފެނާއި ކަރަންޓާއި ނަރުދަމާގެ އިންތިޒާމު ހަމަޖައްސަވައި، ޙައްޤުވެރީން ކަނޑައެޅުމުގެ މަސައްކަތް މި އަހަރުގެ ނިޔަލަށް ނިންމަވާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އަންނަ އަހަރު، ގޯތީގައި ގެ އެޅުމަށް ބޭނުންވާ ފަރާތްތަކަށް އެ އިޚުތިޔާރު ލިބޭގޮތަށް، 100 ހައުސިންގ ޔުނިޓު އެޅުމުގެ މަޝްރޫޢެއް ކުރިއަށް ގެންދެވުމަށް ނިންމަވާފައިވާ ކަންވެސް އެމަނިކުފާނު އިޢުލާން ކުރެއްވިއެވެ.

ސުނާމީ ކާރިސާއަށް ފަހު ހައްލު ނުވެ ދިގުލައިގެންގޮސްފައިވާ، ގެ އާއި ކޮޓަރި ލިބެންޖެހޭ މައްސަލަ، ފައިސާގެ ބަދަލު ދެއްވައިގެން ނަމަވެސް ޙައްލުކުރެއްވުމަށް ސަރުކާރުން ތައްޔާރުކަމަށް ވިދާޅުވެ، ރައްޔިތުން އެދޭގޮތަކަށް އެކަން ތަންފީޒުކޮށް ދެއްވާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، މިއަދު ބޭންކް އޮފް މޯލްޑިވްސް ގެ އޭ.ޓީ.އެމް ޚިދުމަތް ފައްޓަވައިދެއްވައި، ބޭންކް އޮފް މޯލްޑިވްސް ވިލުފުށީ ބްރާންޗްގެ ބިންގާވެސް އަޅުއްވާނޭކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. އަދި އަންނަ އަހަރުގެ މާރިޗު މަހު، އެ ބްރާންޗުގެ ޚިދުމަތް ލިބޭނޭ ކަމަށް އެމަނިކުފާނު އަންދާޒާ ކުރެއްވިއެވެ.

އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކެމްޕަސްއެއް އެ ރަށުގައި ޤާއިމު ކުރެއްވުމުގެ މަސައްކަތާއި، ރަށުގެ ބަނދަރު ފުންކޮށް، ފުޅާކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތަނުގައި ރަށުގެ މިސްކިތް އިސްލާމީ މަރުކަޒަކަށް ބަދަލު ކުރައްވާނޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރޭ ސޮއި ކުރެއްވި މަގު ހެދުމުގެ މަޝްރޫޢު ކުރިއަށް ގެންދަވާނީ، ރިންގް ރޯޑުވެސް ހިމެނޭ ގޮތަށް ކަމަށާއި، މިރޭ ސޮއި ކުރެއްވި ފުޓުބޯޅަ ދަނޑު ތަރައްޤިކުރުމުގެ މަޝްރޫޢުގެ އިތުރުން، ފުޓްސަލް އަދި ހޭންޑްބޯލް ކުޅެވޭ ކޯޓެއްގެ މަސައްކަތް މި އަހަރު ފައްޓަވާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ސްޕޯޓްސް ފިޝިންއަށް ބޭނުންވާ ކަނދުފައްޗެއް އަޅުއްވައި ދެއްވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޢުމްރާނީ ގިނަ މަޝްރޫޢުތަކެއް ރޭވިފައިވާ މި ރަށުގައި ޕަބްލިކް ވަރކްސް ޔުނިޓެއްވެސް ޤާއިމު ކުރައްވާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރޭގެ ޖަލްސާގައި ވަނީ ވިލުފުށީގައި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތްވެސް ރަސްމީގޮތުން ފައްޓަވައިދެއްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *