ހުރިހާ ސިޔާސީ ޕާޓީތަކެއް ގުޅިގެން، މި ސަރުކާރު ހަމަމަގަށް އަޅުވަން ނޫޅެއްޖެނަމަ ކުރިއަށް އޮތްތަނުގައި ދިވެހި ރައްޔިތުން ތަދުމަޑުކަމެއްގެ ތެރެއަށް ވެއްޓިދާނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އެކްސްގައި މިއަދު އިމްރާން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ހަމަމަގަށް ނޭޅުވިއްޖެނަމަ، ރައްޔިތުން ގިނަ ތަކުލީފު ތަކެއް ކުރިއަށް އޮތް ދުވަސްތަކުގައި އުފުލަން ޖެހިދާނެ ކަމަށެވެ. އެގޮތުން ވިޔަފާރިތައް ފުނޑިގެން ދިއުމާއި، ދައުލަތުގެ ނިޒާމުތައް ޚަރާބުވުމާއި، އާސަންދަ ނުލިބުމާއި، ކަރަންޓްގެ ޚިދުމަތްތައް އިތުރަށް ގޯސްވުމާއި، ބޯހިޔާވަހިކަން ކަށަވަރުނުވުން ފަދަ ކަންތައްތައް ކުރިމަތިވެދާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.
"ދިވެހި ވިޔަފާރިވެރިންގެ ވިޔަފާރިތައް ފުނޑެން ނޭދޭނަމަ، ރައްޔިތުން ތަދުމަޑުކަމެއްގެ ތެރެއަށް ވެއްޓެން ނޭދޭނަމަ، ދިވެހި ދައުލަތް ހިންގުމަށް ގިނަ ރައްޔިތުން ތަކެއް ގުރުބާން ވެގެން އެކަށައަޅާފައިވާ ހަރުދަނާ ނިޒާމު ޚަރާބުކޮށް ސުންނާފަތި ކުރަން ނޭދޭނަމަ. އަދި ދިވެހި ރައްޔިތުންނަށް އާ ސަންދައިން ބޭސްފަރުވާ ކުރެވެންއެދޭ ނަމަ، މެދު ނުކެނޑި ކަރަންޓުގެ ޚިދުމަތް ރައްޔިތުންނަށް ލިބުމަށް އެދޭ ނަމަ، ފަސޭހަ ކަމާއެކު ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވާން އެދޭ ނަމަ." އިމްރާން ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ، މި ސަރުކާރު ހަމަމަގަށް އަޅުވަން ހުރިހާ ޕާޓީތަކެއް އެކުގައި މަސައްކަތް ކުރަންވީ ވަގުތު މިއޮތީ އައިސްފައި ކަމަށެވެ. މިވަގުތު ބަލަންވީ 2028 ގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމުގެ ފުރުޞަތު އެންމެ ބޮޑަށް އޮތީ ކޮންބޭފުޅަކަށްތޯ ނޫން ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.
އިމްރާން ވިދާޅުވި ގޮތުގައި ޕާޓީތައް ގުޅިގެން އެކުގައި މިވަގުތު މަސައްކަތް ނުކޮށްފިނަމަ، 2028 ގެ ރިޔާސީ އިންތިޚާބު ނޯންނާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.
"2028 ގައި ރައީސް ކަމަށް ވަޑައިގަތުމުގެ ފުރުސަތު ބޮޑީ ކޮން ޕާޓީއަކަށްތޯ، ކޮން ބޭފުޅަކަށްތޯ ބަލަން ނުތިބެ ހުރިހާ ސިޔާސީ ލީޑަރުންނާއި ސިޔާސީ ޕާޓީތައް އެކުވެގެން މަސައްކަތް ކުރަންވީ ވަގުތު މިއޮތީ ޖެހިފައެވެ. މިވަގުތު މި ސަރުކާރު ހަމަ މަގަށް ނާޅުވައިފި ނަމަ 2028 ގައި އިންތިޚާބެއް ނޯންނާނެކަން ގިނަބަޔަކު ގަބޫލު ކުރެއެވެ." އިމްރާން ވިދާޅުވިއެވެ.
އިމްރާން މީގެކުރިން ވިދާޅުވެފައި ވަނީ މި ސަރުކާރު ހަމަމަގަށް އެޅުވުމުގެ މަސައްކަތުގައި ކޮންމެ ޕާޓީއަކާއެކުވެސް މަސައްކަތް ކުރަން އަދާލަތު ޕާޓީން އޮތީ ތައްޔާރަށް ކަމަށެވެ. އެގޮތުން ރައީސް ޔާމީނާއި އެމްޑީީގެ އިތުރުން ދެން ހުރި ކޮންމެ ޕާޓީއަކާއެކުވެސް އަދާލަތު ޕާޓީން މަސައްކަތް ކުރަން ތައްޔާރު ކަމަށް އިމްރާން ވިދާޅުވެފައިވެއެވެ.