މާލޭގައި ހިނގި މާރާމާރީއެއްގައި އަނިޔާ ވެގެން ފަރުވާ ދިނުމަށް އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދިޔަ މީހަކު އެ ތަނުގެ ޑޮކްޓަރުންނާއި، ނަރުހުންނަށް ބިރު ދަައްކައި މަރުގެ އިންޒާރު ދީގެން ފުލުހުން ހައްޔަރު ކޮށްފިއެވެ.
މި މައްސަލައާއި ގުޅިގެން ބިރު ދެއްްކުމުގެ ކުށުގައި ހައްޔަރު ކޮށްފައިވަނީ، ގދ. ވާދޫ/ފުރުސަތު ލޫތު އިބްރާހިމް، 28އ، އެވެ.
ފުލުހުން ބުނީ މިދިޔަ ހަފްތާގެ އާދިއްތަ ދުވަހު ފަތިހުގެ ވަގުތެއްގައި ހިނގި މި މާރާމާރީއާ ގުޅިގެން އަނިޔާވި ލޫތަށް ފަރުވާ ދިނުމަށް ހަމަ އެ ދުވަހު މެންދުރުގެ ވަގުތެއްގައި އައިޖީއެމްއެޗަށް ގެންދިޔަ ކަމަށެވެ.
ނަމަވެސް ލޫތު ވަނީ އޭނާއަށް ފަރުވާ ދެމުންދިޔަ ސިއްހީ މުވައްޒަފުންނަށް މަރުގެ އިންޒާރުދީ ބިރު ދައްކާފައި ކަމަށްވެސް ބުނެފައިވެއެވެ. އޭގެ އިތުރުން އޭނާގެ ޖީބުން ވަޅިއެއްވެސް ފެނިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ލޫތުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އޭނާގެ ބަންދަށް އިއްޔެ ވަނީ 15 ދުވަހަށް ބަންދު ކުރުމަށް ކޯޓުން އަމުރު ކޮށްފައެވެ.
ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީހު ކުރަމުންދާ ކަމަށެވެ.