ދައުލަތާއި ސަރުކާރުގެ ކަންކަމާއި ހަވާލުވެތިބޭ އިސް މީހުން، އެމީހުންނަށް ލިބޭ އާންމުދަނީއާ ނުބައްދަލު ދިރިއުޅުން އުޅުއްވައި، ޖަރީމާ ހިންގާނަމަ، އަދިވެސް އެ ވާހަކަ ދައްކަވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރޭ އޮތް ޕީއެންއެފްގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ، ދާދިފަހުން އަޑު އިވިގެންދިޔައީ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު 28 މިލިއަން ރުފިޔާއަށް ހުޅުމާލޭ ދެވަނަ ފޭސް އިން ބިމެއް ގަތް ވާހަކަ ކަމަށެވެ. އަދި ދާދިފަހުން ރައްޔިތުންގެ މަޖިލީހަށް ފަލާހު ހުށަހެޅުއްވި މާލީ ބަޔާނުގައި އެ ބިން ހިމަނާފައި ނެތުމުން އެކަމާމެދު ސުވާލު އުފެދޭ ކަމަށް ވިދާޅުވިއެވެ.
"އެހެންވީމާ މިގޮތަށް ފޮރުވައިގެން މިކަންކަން ކުރާ ކަމަށްވަންޏާ އަޅުގަނޑު ދަންނަވާނީ މީގާ އިހުތިމާލެއް އެބައޮތް ނޫންހޭ، ގޯސްކޮށް ހޯދި ނާޖާއިޒުކޮށް ހޯދި އެއްޗެއް ކަމަށް،" ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މާލީ މުއާމަލާތް ތަކުގެ ވާހަކަ ދެއްކުމަކީ އެބޭފުޅުންގެ އަބުރާ ބެހުން ނޫން ކަމަށެވެ. އަދި ދައުލަތުގެ އިސްވެރިން ވައްކަން ކުރައްވާނަމަ، އެ ވާހަކަ ދެއްކެންޖެހޭނެ ކަމަށާއި އަދި ދައްކަވާނެ ކަމަށެވެ. ޔާމީން ވިދާޅުވީ މީހުންގެ އަބުރު ރައްކާތެރިކުރަން ޖެހޭނެ ކަމަށާއި ނަމަވެސް ވައްކަން ކުރާނަމަ އެ ވާހަކަ ދެއްކުމަކީ އަބުރަށް އަރައިގަތުން ނޫން ކަމަށެވެ.
ޔާމީން ވިދާޅުވީ، މީޑިއާ ބިލަކީ ދައުލަތުގެ ވެރިން ހިންގާ ވައްކަމާއި ޚިޔާނާތުގެ ވާހަކަ ދެއްކުން ހުއްޓުވައި، މީހުންގެ އަނގައިގައި މަލަން އަޅަން ކުރި ކަމެއް ކަމަށެވެ.
"އަޅުގަނޑުމެން މި އަޑުއުފުލަނީ އަޅުގަނޑުމެން މި ވަކާލާތު ކުރަނީ ކަންކަމާ ހަވާލުވެތިބި އިސް މީހުން މި ކަހަލަ ބޮޑެތި ޖަރީމާ ހިންގީމާ، އެ މީހުންގެ ވާހަކަ ދެއްކޭނެއޭ، ދައްކާނެއޭ. އަދިވެސް ދައްކާނަން، މި ތަނުގައި އަބަދު ވެސް ދައްކާނަން އެނގޭތޯ،" ޔާމީން ވިދާޅުވިއެވެ.