ސްރީލަންކާގެ ނޫސްވެރިން، އެ ގައުމުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަން ކުރިމަތީގައި މުޒާހަރާ ކުރަން ނިންމައިފި އެވެ.
ލަންކާގެ ނޫސްވެރިން ކުރިއަށް ގެންދަން ނިންމި މި މުޒާހަރާއަކީ ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަން ކަމަށް ބުރޫ އަރާގޮތަށް އިއްޔެ ރައްޔިތުންގެ މަޖިލީހުން ފާސްކުރި މީޑިއާ ބިލާ ގުޅިގެން ދިވެހި ނޫސްވެރިނާއެކު ދެމިތިބިކަން ދައްކައިދޭން ކުރިއަށް ގެންދާ މުޒާހަރާއެކެވެ.
މި މުޒާހަރާ އޮންނާނީ ލަންކާ ގަޑިން މިއަދު މެންދުރުފަހު 3:00 ޖަހާއިރެވެ. ލަންކާގައި ދިރިއުޅޭ ބައެއް ދިވެހިންވެސް މި މުޒާހަރާގައި ބައިވެރިވުމަށް ވަނީ ނިންމައިފަ އެވެ.
”މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު“ (މީޑިއާ ބިލު) ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ހުށަހެޅުއްވި ބިލެކެވެ.
ނޫސްވެރިންނަށް އަދަބު ދިނުމާއި މީޑިއާތައް ބަންދު ކުރުމުގެ ބާރު ދީފައިވާ މި ބިލާމެދު 150 އަށްވުރެ ގިނަ ނޫސްވެރިން ނުރުހުން ފާޅުކޮށްފައިވާއިރު ބާ ކައުންސިލާއި އިދިކޮޅު ސިޔާސީ ޕާޓީތައްވެސް ބިލާމެދު ނުރުހެ އެވެ.
ނަމަވެސް އެ ކަންކަމަށް ރިއާޔަތް ނުކޮށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އިއްޔެ އެ ބިލު ފާސްކުރި އެވެ. ނަމަވެސް އެ ބިލަށް މަޖިލީހުގެ ކައުންސެލް ޖެނެރަލްގެ ގާނޫނީ ލަފާ ހިމެނުމަށް ކޮމިޓީގެ އިތުރު ބައްދަލުވުމެއް ބާއްވައި އަލުން ބިލު ފާސްކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވި އެވެ.
އެ ބިލު ފާސްކުރުމަށް އިއްޔެ ދައުރުން ބޭރުން ޖަލްސާއެއް ބާއްވި އެވެ. އެ ޖަލްސާގައި އެ ބިލު ތަޅުމަށް ހުށަހެޅުމުން ފާސްކުރީ ސަރުކާރު ހިންގާ ޕީއެންސީގެ 60 މެންބަރުންގެ ވޯޓާއެކު އެވެ. ބިލާ ދެކޮޅަށް ވޯޓުދެއްވީ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް އެކަންޏެވެ.