ރައްޔިތުންގެ މަޖިލީހަށް ހާޒިރުވާ، ނުވަތަ ހާޒިރުކުރާ އެއްވެސް ދިވެހި ރައްޔިތަކު، މަޖިލިސް އިދާރާއިން ނެރުމަށްޓަކައި، އެ މީހެއްގެ ގަޔަށް އަތްލައި އުފުލައިގެން ނެރެވޭނީ މަޖިލީހުގެ ރައީސް ލިޔުމަކުން، އެމްއެންޑީއެފްގައި އެދުމުން އެމްއެންޑީއެފް އިން ކަނޑައަޅާ ޚާއްސަ ސެކިއުރިޓީންނަށް އެކަނި ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
މޫސަ އިތުރަށް ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހާޒިރުކުރާ ފަރާތެއްނަމަ، އެމީހަކު މަޖިލީހުގެ ތަޅުން ދޫކޮށް ދިއުމަށް މަޖިލީހުގެ ރިޔާސަތުން އަންގަވައިފިނަމަ، އެމީހަކު މަޖިލީހުގެ ތަޅުން ދޫކޮށް ނުކުންނަންޖެހޭނެއެވެ. ނުނުކުންނަން ގަދަ ހަދައިގެން ނުވާނެއެވެ. އަދި ހަމައެއާއެކު މަޖިލީހުގެ ކޮމިޓީއަކަށް ހާޒިރުކުރާ ފަރާތެއް، ނުވާތީ ވަކި ބޭނުމަކު ހުއްދަ އޮވެގެން ވަންނަ ފަރާތަކުންވެސް، ކޮމިޓީ ސިއްރު ކުރަން ކޮމިޓީގެ މުގައްރިރު ނިންމަވައި، ކޮމިޓީ ދޫކޮށް ދިއުމަށް މުގައްރިރު އަންގަވައިފިނަމަ، އެފަރާތަކުންވެސް ކޮމިޓީ ދޫކޮށް ދާންޖެހޭނެއެވެ. ނުނުކުންނަން ގަދަ ހަދައިގެން ނުވާނެއެވެ. އެގޮތުން ކޮމިޓީގެ މުގައްރިރު ނޫސްވެރިންނަށް ވެސް އެގޮތަށް އަންގަވައިފިނަމަ، ކޮމިޓީން ނުކުންނަންޖެހޭނެކަން، މަޖިލީހުގެ މެމްބަރު ކަމާއި މަޖިލީހުގެ ނައިބު ރައީސްކަންވެސް ކުރައްވާފައިވާ މޫސަ ފާހަގަ ކުރެއްވި އެވެ.
މިއަދު އޮތް މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން، މީޑިޔާ ބިލު ދިރާސާ ކުރުމަށްޓަކައި ނޫސްވެރިން އެ ތަނުން ނެރުމުގައި ގަދަ ކަމުން ނެރެފައިވާތީ އެކަމަށް އިޝާރާތް ކުރައްވައި މޫސަ ވިދާޅުވީ ގަޔަށް އަތްލައި ގަދަ ކަމުން އެއްވެސް ރައްޔިތަކު މަޖިލީހުން ނެރެވޭނެ ޙާލަތްތަކާއި ކަންކުރަންވީ ގޮތް ސާފު ކަމަށެވެ.
"އެކިކަންކަމާއި މަޖްލީހަށް ޙާޒިރުވާ، ޙާޒިރު ކުރެވޭ ރައްޔިތެއްގެ ގަޔައް އަތްލައި އުފުލާ ނެރެވޭނީ މަޖްލީހުގެ ރައީސް ލިއުމުން އެމްއެންޑީއެފްގައި އެދުމުން އެމްއެންޑީއެފް އިން ކަނޑައަޅާ ޚާއްސަ ސެކިއުރިޓީންނަށް. އެއީ އެމްއެންޑީއެފްގެ ސެކިއުރިޓީއަށް ކުރެވޭނެ ކަމެއް." މޫސަ ވިދާޅުވިއެވެ.
މޫސަ ވިދާޅުވީ މަޖިލީހުގެ ތަޅުމުންނާއި ކޮމެޓީ ތަކުން މަޖިލީހުގެ މެމްބަރުން ނެރުމުގެ ގަވައިދެއް މިހާރުވެސް އޮންނާނެ ކަމަށެވެ. އަދި އެކި ބޭނުންތަކަށް މަޖިލީހަށް ހާޒިރު ކުރެވޭ ރައްޔިތުން ނެރުމުގައި އަމަލު ކުރަންވީ ގަވައިދެއްވެސް 241 ކޮމިޓީ އިން ފާސްކޮށްފައި އޮންނަން ޖެހޭނެ ކަމަށްވެސް މޫސަ ވިދާޅުވިއެވެ.
"މިގޮތަށް ޢާއްމުން ގަޔައް އަތްލައިގެން ނެރެނީ އެމްއެންޑީއެފްގެ ސިފައންތޯ ޔަޤީންކޮށް ދޭންޖެހޭ" މިއަދު ނޫސްވެރިން އުފުލާލައިގެން ގަދަ ކަމުން ކޮމިޓީން ނެރުނު ކަންތަކަށް އިޝާރާތް ކުރައްވައި މޫސަ ވިދާޅުވިއެވެ.
މީޑިޔާ ބިލުގެ މައްސަލައިގައި މީޑިޔާތަކާއި ނޫސްވެރިން ދަނީ އެ ބިލު ބޭރު ކުރުމަށް ގޮވާލައި އަޑު އުފުލަމުންނެވެ.