ދޮންފަނުގެ ބިން ނުހިއްކަން ސަރުކާރުން މިއަދު ނިންމައިފިއެވެ.
އެކަން ހާމަކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ އެމަނިކުފާނު ރަށްރަށުގައި ކުރާނެ ކަންކަމާބެހޭ ވައުދު ވަނީ އެ ރަށެއްގެ ރައްޔިތުންގެ ފަރާތުން އެކަންމަކަށް އެދުމުން ކަމަށެވެ.
ރަށްޔިތުން ބޭނުން ނުވާ ކަމެއް އެ ރަށެއްގައި މި ސަރުކާރުން ނުކުރާނެ ކަމަށާއި މީ ރައްޔިތުންނާ ގާތުން މަސައްކަތްކުރާ , ރައްޔިތުން އެދޭ އަމާޒަށް މަސައްކަތް ކުރާ ސަރުކާރެއް ކަމަށް ރައީސް ވިދާޅުވި އެވެ.
”މިގޮތުން ބ.ދޮންފަނުގެ ރައްޔިތުންގެ އެދުމުގެ މަތީން އެ ރަށުގައި ބިން ހިއްކުމުގެ މަޝްރޫއެއް ހިންގަން ވައުދު ވިން. އަދި އެ ވައުދު ފުއްދުމަށް އެގްރީމެންޓް ގައި ސޮއި ކުރިން. ނަމަވެސް، ރައްޔިތުން އެކަން މިހާރު ބޭނުން ނުވާ ކަމަށް އަޅުގަނޑަށް ރައްޔިތުންގެ ފަރާތުން މައުލޫމާތު ލިބިފައިވަނީ. އެހެން ކަމުން، އެރަށުގެ ބިން ހިއްކުން ސަރުކާރުން ކުރިޔަށް ނުގެންދާނެ ވާހަކަ ދަންނަވަން. އަދި ރަސްމީކޮށް ކައުންސިލަށް މިއަދު ސިޓީއިން ކަމާބެހޭ ވުޒާރާއިން އެކަން އަންގާނެ ވާހަކަ ދަންނަވަން.” ރައީސް ވިދާޅުވި އެވެ.
ރައީސް މިފަދަ ނިންމެވުމެއް ނިންމެވިއިރު، މި މަޝްރޫއު ހުއްޓުވުމުގެ ޕެޓިޝަންގައި 3000 އަށްވުރެ ގިނަ މީހުން ސޮއިވެސް ކޮށްފައި ވެއެވެ.
ދޮންފަނަކީ ތިމާވެށީގެ ގޮތުން ހާއްސަ ސިފަތަކެއް ލިބިފައިވާތީ 2011 ވަނަ އަހަރުން ފެށިގެން ހިމާޔަތްކޮށްފައިވާ ހަނިފަރު ބޭއަށް ގެއްލުންވާނެހެން އެ ސަރަހައްދާ އެންމެ ކައިރިން އޮންނަ ރަށެކެވެ
. އެ ސަރަހައްދުގެ ފަރުތަކަކީ އެންމަޑިތަކުން ކްލީނިން ސްޓޭޝަންތަކެއްގެ ގޮތުގައި ބޭނުންކުރާ ތަންތަނެވެ.