މަޖިލީހަށް ހާޒިރު ކޮށްދީފިނަމަ މި ސަރުކާރުން ހަދަމުންދާ ދޮގުތައް ރައްޔިތުންނަށް ސާފުކޮށްދޭނަން: އަމީރު

މަޖިލީހަށް ހާޒިރު ކޮށްދީފިނަމަ މި ސަރުކާރުން ހަދަމުންދާ ދޮގުތައް ރައްޔިތުންނަށް ސާފުކޮށްދޭނަން: އަމީރު

ރައްޔިތުންގެ މަޖިލީހަށް ގެންގޮސްފިނަމަ މިސަރުކާރުން ހަދަމުންދާ ދޮގުތަކުގެ ތަފްސީލް ރައްޔިތުންނަށް ސާފުކޮށް ދެއްވާނެ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު  އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މީސްމީޑިއާގައި ޙިއްސާކުރެއްވި މެސެޖެއްގައި އަމީރު ވިދާޅުވީ، ކުރީ ސަރުކާރުން މާލީ އަދި އިގްތިސާދީ ސިޔާސަތު ހިންގީ 2023 ގައި ވެރިކަން ބަދަލުވެގެން ސަރުކާރާ ހަވާލުވާނީ މަކަރުވެރި، ތަންދޮރު ނުދަންނަ ބަޔެއްކަމަށް ބަލައިގެން ނޫން ކަމަށެވެ. އަދި އެކަން ކުރިއާލާ އެނގޭނަމަ ކުރީ ސަރުކާރުގެ ސިޔާސަތުތައް ބަދަލުވާނެ ކަމަށްވެސް އަމީރު ވަނީ ވިދާޅުވެފައެވެ.

"ކުރީ ސަރުކާރު، ކުރީ ސަރުކާރު ކިޔާތާ މިހާރު 2 އަހަރު ވެއްޖެ. އެއްވެސް ހާސްކަމެއް ނެތޭ، ހުސް ފެހި ސިގްނަލޭ ކިޔާ އައި މީހުން، އެއްކޮށް ގަބުވެ ދެން ކުރިޔަށް ދާނެ ގޮތެއް ނޭގިފަ. ހައްލު ކުރެވުނު ކަމެއް ނެތް، ހޯދުނު ކުރިއެރުމެއް ނެތް. ހުރިހާ ކަމެއް ގޯހުން ގޯހަށް." އަމީރު ވިދާޅުވެފައިވެއެވެ.

ހަމައެއާއެކު އަމީރު ވަނީ ކުރީ ސަރުކާރުން ކޮވިޑްގެ ދަތިތަކާ އެކުވެސް ރާއްޖޭގެ ތާރީޚުގައި ސަރުކާރަކުން ނުކުރާހާ ގިނަ މަސައްކަތްތައް ރަށް ރަށުގައި ހިންގާފައިވާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ފެނާއި ނަރުދަމާ އާއި، މަގުތަކާއި، އެއާޕޯޓްތަކާއި، ބަނދަރުތަކާއި، ބިން ހިއްކުމާއި، ހައުސިންގ ޔުނިޓްތައް އެޅުމާއި، ބްރިޖް އަޅަން ފެށުމާއި، އެސްޑީއެފްސީ މެދުވެރިކޮށް ކުދި އަދި މެދު ފަންތީގެ އެތައް ވިޔަފާރިއެއް އަލަށް ފެށުމާއި، މަސްވެރިކަން ތަރައްޤީކުރަން އިންވެސްޓްކުރުން ހިމެނޭކަން އޭނާ ފާހަގަ ކުރެއްވިއެވެ.

"މޮޅު ވާހަކަ ނުދައްކާ މަޖްލީހަށް ގެންދަންވީނު، މުޅި މަޖްލިސް ކޮމިޓީއަކަށް. ތި ބޭފުޅުންގެ 87 މެމްބަރުންނާއި، ވަޒީރުންނާއި އަދިވެސް ގެންދަން ބޭނުން އެންމެން ގެންދާނީ. މާލީ އިޤްތިސާދީ ސިޔާސަތު ހިންގި ގޮތާއި، ކާރިސާތަކާއެކު ގެނެވުނު ބަދަލުތަކާއި ދަރަނި ނަގަން ޖެހުން ގޮތާއި، ތިކިޔާ ފައިސާ ޗާޕްކުރުމާއި، ހުރިހާ ވާހަކަތަކެއް ރަނގަޅަށް ދައްކާލަން. މިހާރު ތިދޮގުތަކުގެ ތަފްސީލް ރައްޔިތުންނަށް ސާފުވާން އެބަޖެހޭ." އަމީރު ވިދާޅުވިއެވެ.

އޭގެއިތުރުން އަމީރު ވަނީ، ކޮވިޑްގެ ދަތިކަން ރައްޔިތުންނަށް އިޙްސާސްވިޔަ ނުދިނުމަށް ދަރަނި ނަގަން ޖެހުނުކަމަށްވެސް ވިދާޅުވެފައެވެ. އެގޮތުން އެމްޑީޕީ ސަރުކާރުގައި އިތުރުވީކަމަށް ބުނާ 56 ބިލިއަން ރުފިޔާގެ ތެރެއިން 19 ބިލިއަން ރުފިޔާ އަކީ ކޮވިޑާއެކު އިތުރުވި ދަރަނި ކަމަށް އަމީރު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *