ރާއްޖޭގައި ތަކެތީގެ އަގު ބޮޑުވެ، ތަރުކާރީ ކޮޅަކާއި މޭވާ ކޮޅެއް ގަނެލާނެހާ ފައިސާވެސް ރައްޔިތުންގެ އަތުގައި މިހާރު ނެތް ކަމަށް ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުހަންމަދު މުއިއްޒުގެ ސަރުކާރަށް ފާޑުވިދާޅުވެ އައްބާސް އެކްސްގައި ވިދާޅުވީ، ރައްޔިތުންގެ އަތުގައި އެވަރުގެ ފައިސާކޮޅެއްވެސް ނެތް އިރު، ސަރުކާރުން ޚަރަދު ކުރަމުންދާ ނޫސްތަކުގައި "މޮޅު ޚަބަރު ޖެހުވިޔަސް މަންޒަރު ރައްޔިތުންނަށް ސާފު" ކަމަށެވެ.
ހުރިހާ އެއްޗެއް އަރަނި ވެފައި ނަމަވެސް ފެށިފައި ނިމިފައި އޮތް ޕުރޮޖެކުޓެއް ނެއް. މިސަރުކާރުގެ އެކަނި ދަރަނި 38.1 ބިލިއަނަށް އަރައިފި. ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެލެއްވިއިރު 17.50ރ ހުރި ޑޮލަރ 20.50ރ އަށް އަރާފައި މިވަނީ، ތަރުކާރީ މޭވާ ކޮޅެއް ގަނެލާނެ ފައިސާއެއް ރައްޔިތުން އަތުގައި، ސަރުކާރުން ހަރަދު ކުރާ ނޫސްތަކުން މޮޅެތި ހަބަރު ޖެހުވިޔަސް މަންޒަރު ރަޔިއްތުންނަށް ސާފު." އައްބާސް ވިދާޅުވިއެވެ.
އައްބާސް ވިދާޅުވީ، ތަރައްޤީގެ އެއްވެސް މަސްރޫއެއް ރާއްޖޭގެ އެއްވެސް ރަށެއްގައި އެދެވޭ ގޮތެއްގައި މިހާރު ހިނގަމުންނުދާ ކަމަށެވެ.
"މުޅި ރާއްޖޭގައި ކުރީގެ ސަރުކާރުތަކުން ފަށާފައިހުރި ހުރިހާ ޕްރެޖެކްޓެއް މިވަނީ ހުއްޓުމަކަށް އައިސްފައި. ބޮޑެތި ދޮގުތަކާއި އޮޅުވާލުންތަށް އޮޅުވާލައިގެން ވެރިކަމަށް އަރާ ރައްޔިތަކަށް އެއްކަމެއްވެސް ނުކޮށްދީ އަދިވެސް ބޮޑެތި އޮޅުވާލުން އޮޅުވާލައިގެން ތިޔަ ގޮނޑި ދިފާއުކޮށްގެން އިންނަވަން ނުވިސްނަވާ" އައްބާސް ވިދާޅުވިއެވެ.
އައްބާސް އިތުރަށް ވިދާޅުވި ގޮތުގައި ރައްޔިތުން މިހާރު އެދެނީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައީސް ކަމުން އިސްތިއުފާ ދެއްވާށެވެ.
"ރިވެތިގޮތަކީ ރައްޔިތުން އެދޭގޮތަށް ވީއެންމެ އަވަހަކަށް އިސްތިއުފާ ދެއްވުން." އައްބާސް ވިދާޅުވިއެވެ.
ތަކެތީގެ އަގު އުފުލި، ރައްޔިތުންގެ މާލީ ފުދުންތެރިކަން ދަށަށް ގޮސްފައިވާ ކަމަށް އައްބާސް ވިދާޅުވިއިރު، ބާޒާރުގައި މިހާރު އާފަލާއި އޮރެންޖުގެ އަގުވެސް ވަނީ 10 ރުފިޔާ އާއި 15 ރުފިޔާއަށް އުފުލިފައެވެ. މިނޫނަސް، އާންމު ބޭނުންތަކަށް ގަންނަ ގިނަ ތަކެތީގެ އަގު ވަނީ ކުރިއަށްވުރެ ދެގުނަ ނުވަތަ ތިންގުނަ މައްޗަށް ގޮސްފައެވެ.