ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ސަރުކާރު ހިންގާ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު ނޫސްވެރިންނަށް ނިސްބަތް ކުރައްވައި ނޫސްވެރިން "އުލުބައިންދަންވީ" ކަމަށް ވިދާޅުވި ވާހަކައަށް ސަރުކާރުން ބަހެއް ނުބުންޏެވެ.
މީޑިޔާ ބިލާމެދު ހިތްހަމަނުޖެހި އެ ބިލު މަޖިލީހުން ބޭރު ކުރުމަށް ނޫސްވެރިންނާއި ނޫސްވެރިންނާއި ގުޅުން ހުރި ޖަމްއިއްޔާ ތަކުން ގޮވާލަމުން ދަނިކޮށް އެ ބިލާމެދު އިއްޔެ މަޖިލީހުގައި އޮތް ބަހުސްގައި ފަލާހު ވިދާޅުވީ ނޫސްވެރިން ހަމައެކަނި ޖަލަށްލާންވީ ނޫން ކަމަށާއި، އުލުބައިންދަންވީ ކަމަށެވެ.
ފަލާހުގެ ވާހަކަ ނޫސްވެރިންނާއި މީޑިޔާ ތަކުން އަދި ޖަމްއިއްޔާ ތަކުން ކުށްވެރިކޮށްފައި ވަނިކޮށް، މިއަދު ރައީސް އޮފީސް ކުރިމަތީގައި އޮންނަ މީޑިޔާ ފެންޑާގައި ރައީސް އޮފީހުގެ މިނިސްޓަރ ފޮރ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން އިބްރާހިމް ޚަލީލާއި މީޑިޔާގެ ކަންކަމާބެހޭ މިނިސްޓަރ އިބްރާހީމް ވަޙީދު (އަސްވާޑު) ނޫސްވެރިންނާ ބައްދަލު ކުރެއްވުމުން، ފަލާހު ވިދާޅުވި އުލުބައިދާ ވާހަކައާއި މެދު ދެކެނީ ކިހިނެއްތޯ ނޫސްވެރިން ތަކުރާރުކޮށް ސުވާލު ކުރުމުންވެސް ޚަލީލާއި އަސްވާޑު ވަނީ އެ ސުވާލަށް ވަކި ޖަވާބެއް ނުދެއްވާފައެވެ. ވިދާޅުވީ އެ ވާހަކައާމެދު ވިދާޅުވާނެ ވަކި އެއްޗެއް ނެތް ކަމަށެވެ.
އުލުބޭންދުމަކީ މަރުގެ އަދަބު ދިނުމަށް ކުރީ ޒަމާނު ދެމުންދާ އަދަބެކެވެ. ފަލާހު މިހެން ވިދާޅުވުމުން އާންމު ރައްޔިތުންގެ ތެރެއިންވެސް ގިނަބަޔަކު ދަނީ ފަލާހަށް ފާޑު ކިޔަމުންނެވެ.