ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ ޕީއެންސީއަށް ނިސްބަތްވާ މަޖިލިސް މެންބަރުންގެ ހާލަތަކީ ކުކުޅު ކޮށިތަކެއްގައި ތިބި ކުކުޅުތަކެއްގެ މިސާލު ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޔާމީން އެގޮތަށް ވިދާޅުވީ ރޭ އެ މަނިކުފާނު އިސްވެ ހުންނަވައިގެން އުފައްދާފައިވާ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)އިން އާޓިފިޝަލް ބީޗުގައި ބޭއްވި "ވޭކަޕް އަޕް" ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. އެ ޖަލްސާގައި ޔާމީން ވިދާޅުވީ ޕީއެންސީގެ މަޖިލިސް މެންބަރުންނަކީ ނަފުސުގެ އިއްޒަތެއް، ޝަރަފެއް އަދި ކަރާމާތެއް ނެތް ބަޔެއް ކަމަށެވެ.
ޔާމީން ވިދާޅުވީ، ކުކުޅު ކޮއްޓަށް އަޅާ ކާނާ އާއި ޕީއެންސީގެ މަޖިލިސް މެންބަރުންނާ އެއްވެސް ތަފާތެއް ނެތް ކަމަށެވެ. އަދި އެމީހުންގެ އަމަލުތަކަކީ އިންސާނީ ކަރާމާތް ދަށްކޮށްލާ ކަމެއް ކަމުގައިވެސް އެ މަނިކުފާނު ސިފަކުރެއްވި އެވެ.
”ކުކުޅު ކޮއްޓަށް އަޅާ ކާނާ ކޮޅާ މި މީހުންނާ ހުރި ތަފާތަކީ ކޮބައިތޯ. ހަމަ އެއް ފެންވަރެއްގެ ބައެއް ދެއްތޯ. އިންސާނީ ކަރާމާތް މި ގޮތަށް ޑީގްރޭޑް ކޮށްލަނީ ކީއްވެހެއްޔޭ. ދެން މިވަރު މީހުންނަށް ކިހިނެއްތޯ ވަޒީފާއިން ވަކިވީމަ ދެން އަންނަ ސަރުކާރަކުން ވަޒީފާއެއް ވެސް ދޭނީ. އެބަ އިނގޭ ނަފުސުގެ އިތުބާރެއް ނެތްކަން. ނަފުސުގެ ޝަރަފެއް ނެތް، ނަފުސުގެ އިއްޒަތެއް ނެތް، ނަފުސުގެ ކަރާމާތެއް ނެތް ބައެއް މިއީ،“ ޔާމީން ވިދާޅުވި އެވެ.
އެ މަނިކުފާނު އިތުރަށް ވިދާޅުވީ، މަޖިލިސް މެންބަރުން އެ ތިބީ އެމީހުންނާއި އެމީހުންގެ ނަފުސާއި ރައްޔިތުން ވެސް ވިއްކާލައިގެން ކަމަށެވެ.
”ހާދަހާ ޑިސްއޮނަރަބަލް ބަޔެކޭ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ. އެމީހުން އެ ތިބީ އެމީހުންގެ ނަފުސާއި އެމީހުންގެ ރައްޔިތުން ވިއްކާލާފައި ނޫންތޯ. ލާރިކޮޅަކަށް ނަފުސު ވިއްކާލާފައި އެ ތިބީ. ރާއްޖޭގައި މި ހިނގާ ހުރިހާ ބޮޑެތި ބަލާވެރިކަން އެމީހުންނާ ހެދި ނޫންތޯ މި ތަހައްމަލް ކުރަން ޖެހިގެން މި އުޅެނީ،“ ޔާމީން ވިދާޅުވި އެވެ.
ޕީއެންސީގެ މެންބަރުންނަށް ޔާމީން އިލްތިމާސް ކުރެއްވީ ﷲ ސުބްޙާނަހޫ ވަތަޢާލާ އަށް ބިރުވެތިވެ، މަޖިލީހުގައި ލިބިފައި އޮތް ސުޕަ މެޖޯރިޓީއަށްޓަކައި ދުނިޔޭގައި ބޮޑާވެނުގަތުމަށެވެ.