ސިނަމާލެ ބުރިޖުގައި ވެރިކަންކުރާ ޕީއެންސީގެ ކުލަލިޔަސް އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަނަކަށް ވެގެން ނުދާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޔާމީން އެގޮތަށް ވިދާޅުވީ މިހާރު ކުރިއަށްދާ "ވޭކަޕް އަޕް ޖަލްސާ" ގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެ ޖަލްސާގައި ޔާމީން ވަނީ ދެ ޅެން ބައިތުން ވިދާޅުވެ މި ސަރުކާރަށާއި ރައީސް މުއިއްޒަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
ޔާމީން ވިދާޅުވީ މި ސަރުކާރުން ވަނީ ދުނިޔޭގެ ފެންވަރުގެ އިންވެސްޓްމެންޓް ފޯރަމްތައް ބާއްވައިފައި ކަމަށެވެ. ނަމަވެސް ރާއްޖެއަށް ލިބުނު ފައިދާއެއް ނެތް ކަމަށެވެ. ސަރުކާރުން ވަނީ ބަންކަރިންގެ ހިދުމަތް ވެސް ފަށައި ކަމަށާއި މިހާރު އެކަން ވަނީ ފައިދާނުވުމުގެ ސަބަބުން ހުއްޓިފައި ކަމަށާއި ބަންކަރިންއިން ރާއްޖެއަށް ލިބުނީ ދަރަންޏާއި ބާދަނޑުކޮޅެއް ކަމަށް ޔާމީން ވިދާޅުވި އެވެ.
އަދި ސައުދީ އަރަބިއްޔާގެ ޕްރިންސުން ކަމަށް ބުނާ މީހުން ވެސް މި ސަރުކާރު ސްކޭމްތަކުގައި ޖައްސަމުންދާ ކަމަށް ޔާމީން ވިދާޅުވި އެވެ.
"އެހެންވީމާ ސިނަމާލެ ބުރިޖުގައި ޕީއެންސީ ކުލަލުމުން އެއަކީ މުއިއްޒުގެ ތަނަކަށް ނުވާނެ" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވެސް ސިނަމާލެ ބުރިޖުގެ ކުލަ ބަދަލުކުރި ކަމަށެވެ.