އަންނަ އަހަރު ކުރީކޮޅު އއ. ބޮޑުފޮޅުދޫގައި 50 ހައުސިން ޔުނިޓު އަޅައިދިނުމުގެ މަސައްކަތް ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ބޮޑުފޮޅަދޫއަށް މިއަދު ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ ބޮޑުފޮޅުދޫގެ ތަރައްގީއަށް ކުރަންހުރި ކަންކަން ކޮށްދިނުމަކީ ސަރުކާރުގެ އިސް ވާޖިބު ކަމަށެވެ. ރައީސް ވިދާޅުވީ ގެދޮރުގެ މައްސަލައަކީ ރާއްޖޭގައި ބޮޑު މައްސަލައެއްކަމަށާއި، އެގޮތުން ބޮޑުފޮޅުދޫގައިވެސް އެ މައްސަލަ އޮތުމުން ހައުސިން މަޝްރޫޢެއް އަންނަ އަހަރު ބޮޑުފޮޅުދޫގައި ކުރިއަށް ގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
”މިއަންނަ އަހަރުގެ ބަޖެޓުގަ މިރަށުގެ ހައުސިން މައްސަލަ ގެދޮރުގެ މައްސަލަ ހައްލުކުރަން 50 ހައުސިން ޔުނިޓް އެޅުމަށް ކަނޑައަޅާ އެ މަޝްރޫއު ބަޖެޓުގަ ހިމަނާނަން“ ރައީސް ވިދާޅުވި އެވެ.
”އެ މަޝްރޫއާއެކު ތިބޭފުޅުންނަށް ގެދޮރުގެ މައްސަލަ ޙައްލުވެގެންދާނެ“.
އެ މަނިކުފާނު ވިދާޅުވީ އޭގެ އިތުރުން ބޮޑުފޮޅުދޫއަށް އެންމެ މުހިންމު އެއްކަމަކީ ކުރިން ހިއްކާފައިވާ ހަތަރު ހެކްޓަރުގެ ބިން ރަށު ކައުންސިލާ ހަވާލުނުކޮށް އޮތް އޮތުންކަމަށާއި އޭގެ ސަބަބުން އެތަނުގެ ބޭނުން ނުކުރެވި ހިމާޔަތްވެސް ނުކުރެވި އޮތްކަން ފާހަގަކުރައްވާ ރައީސް ވަނީ، ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުންވެސް އެކަމުގެ ސަބަބުން މަޑުޖެހިފައިވާކަން ފާހަގަ ކުރައްވައިފަ އެވެ.
އެހެންކަމުން އެ މައްސަލަ ހައްލުކޮށް، އެ ބިން ރަށު ކައުންސިލާ ހަވާލުކުރުމަށް ނިންމަވާފައިވާކަމަށާއި، އެތަން ހިމާޔަތްކުރުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ކުރިއަށް ގެންދަވާނެކަމަށް ރައީސް ވިދާޅުވި އެވެ.