ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، (އެޗްއާރުސީއެމް)އަށް އައްޔަނު ކުރުމަށް މުހައްމަދު ޝަފީގު މަހުމޫދު، މ. ކޮޕީ، އަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
އެ މަގާމަށް ޝަފީގު އައްޔަނު ކުރަން ފާސްކުރީ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 65 މެންބަރުންގެ އިއްތިފާގުންނެވެ.
އެޗްއާރްސީއެމްގެ ދެ މެންބަރެއްގެ މުއްދަތު އަންނަ މަހު 8 އަށް ހަމަވާތީ އެ ކޮމިޝަނަށް މެންބަރުން އައްޔަނުކުރުމަށް އެކަމަށް ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް އިއުލާނުކުރުމުން އެކަމަށް ޖަވާބުދިން ފަރާތްތަކުގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފެނިވަޑައިގަތް ދެ ނަމެއް ވަނީ މަޖިލީހަށް ފޮނުވައިފަ އެވެ.
ނަމަވެސް ދެން ރައީސް ފޮނުއްވި މުހައްމަދު ފާރިސް ތޯހާ، ހ. ސޯސަން އަށް ގެވެށި އަނިޔާގެ ތުހުމަތު އޮތުމުން އެޗްއާރުސީއެމްގެ މެންބަރުކަމަށް އޭނާގެ ނަން ފާސްކުރަން ބޭނުންވާ މިންވަރަށް ކޮމެޓީން މާކުހެއް ނުލިބުނެވެ.