- މަޖިލިސް ރައީސް ކަމުން އަބްދުއްރަޙީމް ވަކިކޮށްފިނަމަ އެއީ ވެރިކަން ގެންނަން އެންމެ ބޮޑު ގުރުބާނީވީ ބޭފުޅަކު ކޮށާފަ ކާޅަށް ދިނުން: އައްބާސް
- އަބްދުއްރަޙީމް އާއި ޑރ. ޝަހީމް ވަކިކޮށް ވެރިކަމުގެ ސަންދޯއް އަމިއްލަފުޅަށް ނުޖެހުމަށް ނަސޭހަތްތެރިވަން: އައްބާސް
ރައްޔިތުން މަޖުލީސްގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، މަޖިލީހުގެ ރައީސް ކަމުން ވަކިކުރައްވައި، އިސްލާމިކް މިނިސްޓަރ ޑރ. މުޙަންމަދު ޝަހީމް އަލީ ސައީދު، ވަޒީރު ކަމުން ވަކިކުރައްވަން ސަރުކާރުން އުޅޭކަމުގެ އިޝާރާތެއް، ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ދެއްވައިފިއެވެ.
ސޯޝަލް މީޑިޔާގައި އައްބާސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، މަޖިލީހުގެ ރައީސް ކަމުން އަބްދުއްރަޙީމް ވަކިކުރައްވައި، އަދި އިސްލާމިކް މިނިސްޓަރު ކަމުން ޑރ. ޝަހީމް ވަކިކުރައްވަން ރައީސް މުއިއްޒު ނިންމަވައިފިނަމަ، އެކަން ވެގެންދާނީ ރައީސް މުއިއްޒުގެ ވެރިކަމުގެ ސަންދޯއް" އަމިއްލަފުޅަށް ޖެއްސެވުން ކަމަށެވެ.
"ރައްޔިތުންގެ މަޖުލީސްގެ ރައީސް އަބްދުއްރަހީމް މަޖުލީސް ގެ ރައީސް ކަމުން ވަކިކުރުން ވެގެންދާނީ ރައީސް ޑރ.މުއިއްޒު ވެރިކަމަށް ގެންނަވަން އެންމެ ބޮޑު ޤުރުބާނީއެއް ވީ ބޭފުޅަކު ކޮށާފާ ކާޅައް ދިނުން ކަހަލަ ކަމަކަށް. އަދި ރައީސް ޑރ. މުއިއްޒުގެ މަކަރުވެރި ސިޔާސަތު ރައްޔިތުންނަށް ބޮޑުތަނުން ހާމަވެގެންދާނެ ކަމަކަށް. އެހެން ކަމުން ރައީސް ޑރ. މުއިއްޒު ހަމަހޭގައި ހުންނަވާފައި މިދެބޭފުޅުންނާ މެދު ނުރަގަޅުކޮށް ކަންކަން ނުކުރެއްވުމަށް، އަދި އަމިއްލަފުޅައް ސަންދޯއް ނުޖެހުމަށް އަޅުގަނޑު ނަސޭހަތްތެރިވަން." އައްބާސް ވިދާޅުވިއެވެ.
އައްބާސް ވިދާޅުވީ، މަޖުލީސްގެ ރައީސް ކަމުން އަބްދުއްރަޙީމް ވަކިކޮށް، އަދި އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް މިނިސްޓަރު ކަމުން ވަކި ކުރައްވައިފިނަމަ، ރައީސް ޑރ. މުއިއްޒުގެ ވެރިކަން ނިމުމުގެ ކޮޅުމަތި ފެންމަތިވެގެން ދާނެކަމީ ސަތޭކަ ޕަސެންޓް ޔަގީން ކަމެއް ކަމަށެވެ.
އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމްއާއި ބެހޭގޮތުން އައްބާސް ވިދާޅުވީ، ޝަހީމަކީ ރައީސް ޑރ.މުއިއްޒުގެ ސަރުކާރު ގެންނަން ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށެވެ. އަދި ރައީސް ޑރ. މުއިއްޒުގެ ސަރުކާރު ކެބިނެޓުގައި ތިއްބެވި މިނިސްޓަރުންގެ ތެރެއިން އެންމެ ޤާބިލު މިނިސްޓަރަކީވެސް ޑރ. ޝަހީމް ކަމަށެވެ.
"އަދި މާތްވެގެންވާ އިސްލާމްދިނާއި ޤައުމާއި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތަށް އިސްކަން ދެއްވައިގެން ނަފުސުގެ ތޯހިރު ކަމުގައި ހުންނަވައިގެން އިހުލާސްތެރި ހިދުމަތްތަކެއް ކޮށްދެއްވަމުންދާ މިނިސްޓަރެއްކަން ދިވެހި ކޮންމެ ރައްޔިތަކު ގަބޫލު ކުރައްވާ ބޭފުޅެއްކަން ފާހަގަ ކުރަން." އައްބާސް ވިދާޅުވިއެވެ.
މީގެއިތުރުން ޑރ. ޝަހީމަކީ އިސްލާމީ ގައުމުތަކުގެ އިތުރުން ދުނިޔޭގެ އިލްމުވެރިން އަދި މިގައުމުގެ އިލްމުވެރިންގެ އިޚްތިރާމާއި ލޯބި ހޯއްދަވާފައިވާ، ރައްޔިތުންގެ އިތުބާރާއި ލޯބި ލިބިފައިވާ ބޭފުޅެއް ކަމަށްވެސް އައްބާސް ވިދާޅުވިއެވެ.
އައްބާސް ވިދާޅުވީ، މަޖިލީހުގެ ރައީސް ކަމުން އަބްދުއްރަޙީމް ވަކިކުރައްވައިފިނަމަ އެކަން ވެގެންދާނީ ރައީސް މުއިއްޒު ވެރިކަމަށް ގެންނަން އެންމެ ބޮޑު ގުރުބާނީވީ ބޭފުޅަކު "ކޮށާފަ ކާޅަށް ދިނުން" ކަމަށެވެ.
މިކަމާބެހޭ ގޮތުން މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އާއި އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމްގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ. އަދި ސަރުކާރުގެ ބަހެއްވެސް ވަނީ ލިބޭގޮތް ނުވެފައެވެ. ނަމަވެސް އެދެބޭފުޅުންނާމެދު ކޮންމެވެސް ވަރެއްގެ ނުތަނަވަސް ކަމެއް ސަރުކާރުގެ ތެރޭގައި އުޅޭކަމުގެ އަޑުތައް މިދުވަސްވަރު ވަނީ ގަދަވެފައެވެ.
އަބްދުއްރަޙީމް މަޖިލީހުގެ ރައީސް ކަމުން ވަކިކުރައްވަން އުޅޭކަމުގެ އަޑުތަކެއް މީގެކުރިންވެސް އިވިގެން ދިޔައެވެ. އެއީ އަބްދުއްރަޙީމްގެ ދޮށީ ދަރިކަލުން އިބްރާހީމް ފައިސަލް، ޓޫރިޒަމް މިނިސްޓަރުކަމުން ވަކިކުރެއްވި ދުވަސްވަރުއެވެ.