ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރުގެ ދަތިކަމާގުޅޭ ގޮތުން މައުލޫމާދު ދެއްވުމަށް އެމްއެމްއޭގެ ގަަވަރުނަރު އަހުމަދު މުނައްވަރު މިއަދު ވަޑައިގެންނެވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން ސިއްރު ކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް، އެ ކޮމިޓީގައި އިންނަވާ ހުޅުމާލޭ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަޙްމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރު މިއަދު އޮތް ކޮމިޓީގެ ބައްދަލުވުމުގައި އެހެން ވިދާޅުވީ، ކޮމިޓީގެ ބައްދަލުވުން ސިއްރު ކުރަން އެމްއެމްއޭއިން އެދިފައިވާ ކަމަށް ކޮމިޓީގެ މުގައްރިރު، އޭދަފުށީ ދާއިރާގެ މެމްބަރު އަޙްމަދު ސަލީމް ކޮމިޓީގެ ބައްދަލުވުން ފައްޓަވަމުން ވިދާޅުވުމުންނެވެ.
އެމްއެމްއޭއިން އެދުނު ގޮތަށް ޕީއެންސީގެ މެމްބަރުންގެ ތާއީދާއެކު ނިމުނީވެސް ކޮމިޓީގެ ބައްދަލުވުން ސިއްރުން ގެންދާށެވެ. ނަމަވެސް އެކަމާދެކޮޅަށް ޑރ. ޝަމްހީދު ވަނީ ވާހަކަ ދައްކަވާފައެވެ. އޭނާ ވިދާޅުވީ، ހުރިހާ ކަމެއް ސިއްރު ކޮށްގެން ކުރުމަކީ މަގްސޮދު ހާސިލުވާނެ ކަމެއް ނޫން ކަމަށެވެ. އަދި މިއަދު ކޮމިޓީއަށް ގަވަރުނަރު ގެނައުމުގެ އެންމެބޮޑު ބޭނުމަކީވެސް ޑޮލަރުގެ ތާށިކަމާއި ގުޅިގެން ރައްޔިތުންނަށް ކޮންމެހެން އެނގެންޖެހޭ މައުލޫމާތު ޙިއްސާ ކުރުން ކަމަށެވެ.
"ހުރިހާ ކަމެއް ސިއްރު ކޮށްގެން މަގުސަދު ހާސިލެއް ނުކުރެވޭ. ކޮމިޓީއަށް ގެނައުމުގެ އެންމެބޮޑު ބޭނުމަކީ ކަންކަން ރައްޔިތުންނަށް ހާމަކުރުން، ސިއްރު ކުރުމުން ރެކޯޑްގައިވެސް އެއްވެސް އެއްޗެއް ނޯންނާނެ." ޑރ ޝަމްހީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ދައުލަތުގެ އިދާރާއަކުން ހަމަ އެދޭއިރަށް ކޮމިޓީ ސިއްރު ކުރުމަކީ އެއްވެސް އިރެއްގައި ރައްޔިތުންގެ މަޖިލީހުން ކަންކަން ކުރަމުން އައިގޮތް ނޫން ކަމަށެވެ. އަދި މި ސަރުކާރު އައިއިރު، ރައީސް ޑރ. މުހަންމަދު މުއިއްޒުގެ ސިޔާސަތެއް ކަމަށް ހާމަކޮށްފައި ވަނީވެސް ކަންކަން ނުފޮރުވައި ރައްޔިތުންނަށް ހާމަ ކުރުން ކަމަށެވެ. އެހެންވެ އޭރު ހާމަކުރި ސިޔާސަތުގެ ދަށުން ނުފޮރުވައި ހާމަ ކުރުމުގެ ސިޔާސަތަށް އަމަލު ކުރުމަށްވެސް ޑރ. ޝަމްހީދު އެދިވަޑައިގަތެވެ.
މިއަދު އޮތް ބައްދަލުވުމުގައި ކޮމިޓީ ސިއްރު ކުރަން ނުފެންނަ ކަމަށް ދެން ވާހަކަ ދެއްކެވީ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާއެވެ. އޭނާވެސް ވިދާޅުވީ، ކޮންމެހެން ސިއްރު ކުރަންޖެހޭ ކަމެއް އޮތް ނަމަވެސް މުޅިކޮމިޓީ ބައްދަލުވުން ސިއްރު ކުރަން ނުޖެހޭ ކަމަށެވެ. އަދި ކޮމިޓީގައި ކުުރެވޭ ސުވާލުތަކާއި މަސައްކަތްތައް އާންމު ރައްޔިތުންނަށް އެނގެެންޖެހޭ ކަމަށެވެ.
"އަޅުގަނޑުމެން ސިއްރުން ހުރިހާ ކަމެއް ކޮގެން ކިހިނެއްތޯ ކަންކަން ރަނގަޅު ކުރާނީ. އަޅުގަނޑުމެނަށް ވުރެން މާބޮޑު ޝަކުވާ އެބައޮތް ޕަބްލިކުގައި. އެހެންވީމަ އެކަންކަން ރަނގަޅު ކުރަންކުރާ މަސައްކަތް ޕަބްލިކަށް ފެންނަންޖެހޭ،" ޣަފޫރު ވިދާޅުވިއެވެ.
އެމްޑީޕީގެ މި ދެމެމްބަރުން ކޮމިޓީ ބައްދަލުވުން ސިއްރު ކުރުމާއި ދެކޮޅަށް ވާހަކަ ދެއްކެވި ނަމަވެސް، ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ ފުނަދޫ ދާއިރާގެ މުހައްމަދު މަމްދޫހު ވިދާޅުވީ، މި މައްސަލައަކީ ވަރަށްގިނަ ބައެއްގެ މަސްލަހަތާއި ގުޅުން ހުރި މައްސަލައެއް ކަމަށާއި، ގިނަ މައުލޫމާތު ތަކެއް ހިމެނޭ ކަމެއް ކަމަށެެވެ. އަދި މަމްދޫހު ހުށަހެޅުއްވި ގޮތަށް ކޮމިޓީ ބައްދަލުވުން ސިއްރު ކުރަން ފާސް ކުރިއެވެ.