- ސަރުކާރުން ހުށަހަޅާފައި އޮތް އިސްލާޙަކީ ރައްޔިތުން އަޅުވެތިކު ކުރަން ފަރުމާކޮށްފައި އޮތް އިސްލާޙެއް
ލާމަރުކަޒީ ގާނޫނަށް ސަރުކާރުން މިހާރު ގެންނަން އުޅޭ އިސްލާޙާ ދެކޮޅަށް ރާއްޖޭގެ ހުރިހާ ކަންކޮޅު ތަކަކުން އެ އިސްލާޙާ ދެކޮޅުކަން އެންގުމުގެ ގޮތުން ކައުންސިލް ތަކުން އަޑު އުފުލުމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ގޮވާލައްވައިފިއެވެ.
ކައުންސިލްތަކުގެ މާލީ ބާރުތަކާއި ގުޅޭގޮތުން ސަރުކާރުން ގެންނަން އުޅޭ ބަދަލުތަކާއިމެދު ކަންބޮޑުވުން ފާޅުކުރައްވައި ޝާހިދު މިއަދު ވިދާޅުވީ، ލާމަރުކަޒީ ނިޒާމު އެމްޑީޕީން ވުޖޫދުކުރީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ނަމުގައި މައި ސަރުކާރު ތަކުން ޒަމާނުއްސުރެ, ރައްޔިތުން އަޅުވެތި ކުރަމުން އައި އައުން ނިމުމަކަށް ގެނައުމަށް ކަމަށެވެ. އަދި ރައްޔިތުންގެ މާލީ ފުދުންތެރިކަމާއި, ޚިދުމަތްތަކާއި ވަސީލަތްތައް މަރުކަޒުކޮށް, ރައްޔިތުންގެ މައްޗަށް ނުޙައްޤު ބާރާއި ނުފޫޒު ފޯރުވުމުގެ ފުރުސަތު ޤައުމުގެ ވެރިންނަށް ލިބުނަ ނުދިނުމަށް ކަމަށެވެ.
ނަމަވެސް, ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް މި ސަރުކާރުން ހުށަހަޅާފައިވާ އިސްލާހަކީ ކައުންސިލް ތަކުގެ މާލީ ތަނަވަސްކަމާއި ވަސީލަތްތައް އަލުން މަރުކަޒުކޮށް, ރައްޔިތުން އަޅުވެތިކު ކުރުމަށް ފަރުމާކޮށްފައި އޮތް އިސްލާޙެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.
"މި އިސްލާޙުގެ ސަބަބުން ފާއިތުވެ ދިޔަ މުއްދަތުގައި ކައުންސިލްތަކަށް ލިބިފައިވާ މާލީ މިނިވަންކަން ގެއްލި, ލާމަރުކަޒީ ނިޒާމު ބޮޑުތަނުން ފަހަތަށް ސޮއްސާލާނެ." ޝާހިދު ވިދާޅުވިއެވެ.
އިސްލާޙުތަކާމެދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅު ކުރައްވައި ޝާހިދު ވިދާޅުވީ، ސަރުކާރުން ގެންނަން އުޅޭ އިސްލާޙުތަކާމެދު މުޅިރާއްޖެ ދެކޮޅުކަން މިވަގުތު ދައްކައިދޭން ޖެހޭ ކަމަށެވެ.
"ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުން މި އިސްލާޙާއި ދެކޮޅުކަން ސަރުކާރަށް އެންގުމަށް، ކައުންސިލްތަކުން އަޑު އުފުލުމަށް ގޮވާލަން." ކައުންސިލްތަކަށް ޝާހިދު ގޮވާލެއްވިއެވެ.
ސަރުކާރުން މިހާރު ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާޙަކީ، ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތްތައް ދިނުމުގެ ބޭނުމަށް އެކި ފަރާތްތަކަށް ކައުންސިލް ތަކުން ދޫކޮށްފައިވާ ތަންތަނުން، ކައުންސިލް ތަކަށް ކުލި ނުނެގޭ ގޮތް ހަދަން ގާނޫނު ހުށަހަޅާފައި އޮތް އިސްލާހެކެވެ.
ލާމަރުކަސީ ގާނޫނުގެ 75 ވަނަ މާއްދާގައި ބުނަނީ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާން ކޮށްފައިވީ ނަމަވެސް، ކައުންސިލް ތަކުން ދޭ ހިދުމަތްތަކަށް ބޭނުންވާ ފައިސާ ހޯދުމަށް ފީ ނުވަތަ ކުލި ކަނޑައަޅައި، އެ ފީ ނުވަތަ ކުލި ނެގުމުގެ ބާރު ކައުންސިލް ތަކަށް ލިބިގެންވާ ކަމަށެވެ. އެގޮތުން ނަގާ ފީ ނުވަތަ ކުލި ކަނޑައަޅަން ވާނީ އެ ކައުންސިލް ނިސްބަތްވާ ރަށް ނުވަތަ ސިޓީގެ ރައްޔިތުންނާ މަޝްވަރާ ކުރުމަށްފަހު ދިވެހިރާއްޖޭގެ ޤާނޫނުތަކާ ހިލާފުނުވާ ގޮތުގެމަތިން ކަމަށްވެސް ބުނެފައިވެއެވެ.
އެގޮތަށް ކައުންސިލް ތަކަށް ފީއާއި ކުލި ނެގޭނެ ދާއިރާތައް ވެސް ގާނޫނުގައި ވަނީ ކަނޑަައަޅައިފައެވެ.
އޭގެ ތެރޭގައި ހިމެނެނީ:
- ކަރަންޓުގެ ޚިދުމަތަކީ ކައުންސިލުން ފޯރުކޮށްދޭ ޚިދުމަތެއްނަމަ، ނަގަންޖެހޭ މަހު ފީ
- ފެނާއި ނަރުދަމާގެ ޚިދުމަތަކީ ކައުންސިލުން ފޯރުކޮށްދޭ ޚިދުމަތެއްނަމަ ނަގަންޖެހޭ މަހު ފީ
- މުވާޞަލާތީ ޚިދުމަތަކީ ކައުންސިލުން ފޯރުކޮށްދޭ ޚިދުމަތެއްނަމަ ނަގަންޖެހޭ މަހު ފީ
- ކުނި ޖަމާކޮށް ރައްކާތެރި ގޮތުގައި ނައްތާލުމަކީ ކައުންސިލުން ފޯރުކޮށްދޭ ޚިދުމަތެއްނަމަ ނަގަންޖެހޭ މަހު ފީ
- ރަށުގައި ރަޖިސްޓަރީކޮށްފައިވާ އެއްގަމާއި ކަނޑުގެ އުޅަނދުފަހަރުގެ އަހަރީ ފީ
- އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ފީ
- ކައުންސިލްގެ ސަރަޙައްދުގައި އެއްޗެހި އުފައްދައި ވިއްކުމާއި ވިޔަފާރިއާއި ފިހާރައާއި މާރުކޭޓް ގޮޅީގެ އަހަރީ ފީ
- ޑައިވް ކުރުމަށް ކަނޑައަޅާފައިވާ ސަރަޙައްދު ތަކުގައި ޑައިވް ކުރުމުގެ ފީ
- ކުއްޔަށް ދޫކުރެވިފައިވާ ބިމާއި ފަޅާއި ފަރުގެ ސަރަޙައްދު ތަކުގެ ކުލި
- ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ފަޅު ރަށްރަށާއި ފިނޮޅާއި ހާހަލާއި ގިރީގެ ކުލި
- ގޮއިފާލައްބަ އާއި ހިންނަ ފަދަ ތަން ތަނުގެ ކުލި
- ކައުންސިލްގެ ޢިމާރާތްތަކާއި މުދަލުގެ ކުލި
- ކަނޑަށް ޖައްސާ ބޯޓު ފަހަރަށް ކަނޑައެޅިފައިވާ ޕްލެޓްފޯމަށާއި ސަރަޙައްދަށް ނެގޭ ކުލި
- ބަނދަރު ބޭނުން ކުރުމަށް (ފައްތިއާ، މުދާ އަރުވައި ބޭލުން) ނަގާ ކުލި
- ނޭޗަރ ޕާކުން ލިބޭ ކުލި
މި މާއްދާގައި ބަޔާން ކޮށްފައިވާ ފީގެ އިތުރުންވެސް ކައުންސިލުން ދޭ ޚިދުމަތަކާ ގުޅިގެން އެ ކައުންސިލުން ކަނޑައަޅާ ފީ މަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް މިހާރު ފޮނުވާފައިވާ ބިލުގައި ވަނީ މި މާއްދާއަށް އަށް އަކުރެއް އިތުރު ކުރަން ހުށަހަޅައިފައެވެ.
އެ އަކުރުގައި ބުނެފައި ވަނީ ރަށު ކައުންސިލް ތަކުން ކުއްޔަށް ދޫކޮށްފައިވާ ބިމާއި ފަޅާއި ފަރުގެ ސަރަޙައްދުތަކާއި، ކައުންސިލް އިމާރާތްތަކާއި މުދަލުގެ ކުލީގެ ވާހަކަ ގާނޫނުގައި އޮތް ނަމަވެސް ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ހިދުމަތްތައް ފޯރުކޮށް ދިނުމުގެ ބޭނުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ބިން ނުވަތަ އިމާރާތް ތަކުން ކުއްޔެއް ނުނެގޭނެކަމަށެވެ.
މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި އެހެން ބަޔާންކޮށްފައި ވީނަމަވެސް، އެ މާއްދާގައި ބަޔާންކުރާ އާމްދަނީ ކައުންސިލް ތަކަށް ދޫކުރަން ވާނީ އެއްވެސް ޤާނޫނެއްގެ ދަށުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ޓެކުހެއްވާނަމަ، އެ ޓެކުހަކަށްވާ ފައިސާ އުނި ކުރުމަށްފަހު ބާކީވާ ޢަދަދެކެވެ.
މީގެ އިތުރުން ސަރުކާރުން ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގުއި ދޭންޖެހޭނެ ކަމަށް ގާނޫނުގެ 79 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ފައިސާ ދޭ އުސޫލަށް ބަދަލު ގެނައުމަށްވެސް ބިލްގައި ހިމަނާފައި ވެއެވެ. ގާނޫނުގެ 79 ވަނަ މާއްދާގައި ބުނަނީ، ސަރުކާރުން ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓުގައި ފައިސާ ހިމަނައި، ބަޖެޓު ފާސްވުމުން، ފާސްވި ބަޖެޓާ އެއްގޮތަށް ދައުލަތުގެ އެ އަހަރެއްގެ އާމްދަނީގެ ގޮތުގައި އަންދާޒާކުރާ މިންވަރުގެ މަދުވެގެން %5 އާ އެއްވަރުގެ އަދަދެއްގެ ފައިސާ ކައުންސިލް ތަކަށް ދޭންޖެހޭނެ ކަމަށެވެ. އަދި ކައުންސިލްތަކުގެ އިހްތިސާސްގެ ތެރޭގައި ނުހިމެނޭ ބިމާއި ފަޅާއި ފަރުގެ ސަރަޙައްދުތަކުގެ ކުލީގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީގެ %40 އަށްވާ ފައިސާ ދޭންޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.
ނަމަވެސް މި މާއްދާއަށް ގެންނަ އިސްލާހުގެ ގޮތުގައި ބިލްގައި ހިމަނާފައިވަނީ، އެ އާމްދަނީ ކައުންސިލްތަކަށް ދޫކުރަންވާނީ އެއްވެސް ގާނޫނެއްގެ ދަށުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ޓެކްސްއެއް ވާނަމަ، އެ ޓެކުހަށްވާ ފައިސާ އާއި ކަރަންޓްގެ ހިދުމަތާއި ފެނުގެ ހިދުމަތާއި ފާހާނާއާއ ނަރުދަމާގެ ހިދުމަތަކަށް ކައުންސިލްތަކުން ދައްކަންޖެހޭ ފައިސާއެއް ނުދައްކާތާ ހަ މަސް ދުވަހަށްވުރެ ގިނަދުވަސް ވެފައިވާނަމަ، އެ ފައިސާއެއް އުނި ކުރުމަށްފަހު ބާކީވާ ފައިސާ ކަމަށެވެ.