ފަނޑިޔާރު ކަމަށް ޝަހީދު އައްޔަން ކުރުން ހުއްޓުވަން ހުށަހެޅި މައްސަލަ ބަލައިގެންފި

ފަނޑިޔާރު ކަމަށް ޝަހީދު އައްޔަން ކުރުން ހުއްޓުވަން ހުށަހެޅި މައްސަލަ ބަލައިގެންފި

މި ސަރުކާރުގެ ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ހުންނެވި އަދި ސަރުކާރު ހިންގާ ޕީއެންސީގެ ސިޔާސީ ހަރަކާތްތަކުގައި އުޅުނު މުހައްމަދު ޝަހީދު ހައިކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް އައްޔަން ކުރަން ހުއްޓުވުމަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިގެންފި އެވެ.

ޕީއެންސީ އާއި ޕީޕީއެމްގެ ހަރަކާތްތަކުގައި ބައިވެރިވެފައިވާ ޝަހީދު، ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށް އައްޔަން ކުރެއްވީ މި ސަރުކާރު ފެށުނުތާ ކުރީކޮޅެވެ. ނަމަވެސް އެ މަގާމުން މިމަހު ކުރީކޮޅު އޭނާ ވަނީ އިސްތިއުފާ ދެއްވައިފައެވެ.

ހައި ކޯޓުގެ ދެ ފަނޑިޔާރަކު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމުން ހުސްވި ދެ މަގާމަށް ކުރިމަތިލާން ހުޅުވާލުމުން 17 ބޭފުޅަކު އެ ދެ މަގާމަށް ކުރިމަތިލެއްވި އެވެ. އެ ބޭފުޅުންގެ ތެރޭގައި ދަށު ކޯޓުތަކުގެ ގިނަ އަދަދެއްގެ ފަނޑިޔާރުންނާއި ކުރީގެ ފަނޑިޔާރުންވެސް ހިމެނިވަޑައިގަންނަވަ އެވެ.

ނަމަވެސް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމީ ޝަހީދުގެ އިތުރުން ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަބްދުﷲ ޖަމީލް މޫސާ އެ ދެ މަގާމަށް އައްޔަން ކުރުމަށެވެ. އޭގެ ތެރެއިން ޝަހީދަކީ ފަނޑިޔާރުގެ މަގާމަށް ޝަރުތު ހަމަވާ ބޭފުޅެއް ނޫން ކަމަށް ބުނެ ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުއްވީ ހައިކޯޓުގެ ފަނޑިޔާރު ކަމަށް މި ފަހަރު ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައިވެސް ހިމެނިވަޑައިގެންނެވި ވަކީލެކެވެ.

ސިވިލް ކޯޓުން އެ މައްސަލަ ބަލައިގެންފައި ވާއިރު ޖޭއެސްސީ އިން އިއްޔެ މީޑިއާ ތަކަށް ފޮނުވާފައިވާ ދައުވަތުގައި ބުނެފައިވާ ގޮތުން ޝަހީދު އަދި އަބްދުﷲ ޖަމީލް މޫސާ ފަނޑިޔާރު ކަމުގެ ހުވާކުރުން އޮންނާނީ މިރޭ 8:30 ގައެވެ.

ސިޔާސީ ހަރަކާތްތަކުގައި އުޅެފައިވާ އަދި ސިޔާސީ މަގާމެއް އަދާކުރެއްވި ބޭފުޅަކު، ފަނޑިޔާރު ކަމަށް އައްޔަން ކުރާތީ އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *