ހައިކޯޓުގެ ފަނޑިޔާރަކަށް ޝަހީދު އައްޔަން ކުރުމަކީ ކޯޓުގެ ހުރުމަތް ކަނޑާލުން: ޑރ. އިޔާޒް

ހައިކޯޓުގެ ފަނޑިޔާރަކަށް ޝަހީދު އައްޔަން ކުރުމަކީ ކޯޓުގެ ހުރުމަތް ކަނޑާލުން: ޑރ. އިޔާޒް

ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަދި ޕީއެންސީގެ ސިޔާސީ ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރި ވަމުން ގެންދެވި މުހައްމަދު ޝަހީދު، ހައިކޯޓުގެ ފަނޑިޔާރަކަށް އައްޔަން ކުރަން ޖޭއެސްސީން ނިންމި ނިންމުމަކީ ކޯޓުގެ ހުރުމަތް ކަނޑާލުން ކަމަށް އަދާލަތު ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރު، ދީނީ އިލްމްވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

ޝަހީދު އައްޔަން ކުރަން ޖޭއެސްސީން ނިންމުމުން އެކަމަށް ކަންބޮޑުވުން ފާޅު ކުރައްވައި ޑރ. އިޔާޒް ވިދާޅުވީ، ދުވަހަކުވެސް ދަށު ކޯޓެއްގެ ފަނޑިޔާރުކަން ކުރައްވާފައިނުވާ، އަދި ޤާނޫނީ ދާއިރާގެވެސް މާބޮޑު ތަޖުރިބާއެއް ނެތް ބޭފުޅަކު ހައިކޯޓުގެ ފަނޑިޔާރު ކަމަށް ޢައްޔަން ކުރުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ޢަމަލެއް ކަމަށެވެ.

ކޯޓުތަކަކީ ‎މުއިއްޒު ނުވަތަ އެނޫންވެސް އެއިރަކު ހުންނަ ވެރިޔަކު ވިދާޅުވާ ގޮތަކަށް "ރަބަރ ސްޓޭމްޕް" ޖަހަން ހުންނަ ތަނަކަށް ވެއްޖެނަމަ މުޖްތަމަޢުގެ ހަމަޖެހުން ގެއްލިގެން ހިނގައިދާނެ. މިކަން ހުއްޓުވުމަށް ހުރިހާ ދިވެހި ރަޢްޔިތުންނަށް ނިކުންނަންޖެހޭ." ޑރ. އިޔާޒް ވިދާޅުވިއެވެ.

ޖޭއެސްސީން މިއަދު ބުނެފައި ވަނީ، ހައިކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް ލ.މާވަށް ނަލަމަލަ، އަބްދުﷲ ޖަމީލް މޫސާ އާއި ޏ. ފުވައްމުލައް ދޫޑިގަން. ގޯލްޑަންގޭޓް، މުހައްމަދު ޝަހީދު އައްޔަން ކުރަން ނިންމާފައިވާ ކަމަށެވެ.

ޖޭއެސްސީން  ބުނީ، އެބޭފުޅުން ފަނޑިޔާރު ކަމަށް އައްޔަން ކުރަން، ރޭ އޮތް އެކޮމިޝަންގެ ބައްދަލުވުމުން ނިންމީ، ހައިކޯޓުގެ ފަނޑިޔާރުކަަށް ކުރިމަތިލުމަށް މިމަހު 10 ގައި ހުޅުވައިލި ފުރުސަތުގައި ކުރިމަތިލެއްވި ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު އެ ދެބޭފުޅުން ފަނޑިޔާރު ކަމަށް އައްޔަން ކުރުމަށް ކޮމިޝަނަށް ލަފާ އަރުވާފައިވާތީ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *