އާޓާމިނަލްގެ ޝުކުރުގެ ލިސްޓަށް ޝަކުވާ ފުންޏެއް، މޫސަ ހަނދާން ކޮށްދިނީ ޝުކުރުގެ މަޖުބޫރު ލިސްޓެއް

އާޓާމިނަލްގެ ޝުކުރުގެ ލިސްޓަށް ޝަކުވާ ފުންޏެއް، މޫސަ ހަނދާން ކޮށްދިނީ ޝުކުރުގެ މަޖުބޫރު ލިސްޓެއް

ރާއްޖޭގެ ވައިގެ މައި ދޮރާށި ކަމަށްވާ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލު ރޭ ރަސްމީކޮށް ހުޅުވުމަށް އޮތް ރަސްމިއްޔާތުގައި އިއްްވި ޝުކުރުގެ ލިސްޓަށް، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ރީކޯ މޫސާ މަނިކުގެ ޝަކުވާތައް ބަންޑުން ކޮށްލައްވައިފިއެވެ.

އާ ޓާމިނަލް ރޭ ހުޅުވި ރަސްމިއްޔާތުގައި ޝުކުރު އަދާކުރި ލިސްޓުގައި، އެއާޕޯޓު އެންމެ ފުރަތަމަ ތަރައްގީކުރި ފަރާތްތަކުގެ ނަން ނައުމުން މޫސަ ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އަދި މިހާރުގެ ރައީސް އާއި ކުރީގެ ބަޔެއް ރައީސުންނަށް ރަސްމިއްޔާތުގައި ޝުކުރު އަދާކުރިއިރު، މިހާތަނަށް އެއާޕޯޓު ތަރައްގީ ކުރިއިރު އިސްކޮށް އުޅުއްވި ފަރާތްތަކާއި ހިންގެވުމުގައި އިސްކޮށް އުޅުއްވި ފަރާތްތަކުގެ ނަން ޝުކުރުގެ ލިސްޓުގެ އެއްވެސް ހިސާބަކުން ނައުމުން މޫސަ ވިދާޅުވީ އެއާޕޯޓު މިހިސާބަށް ތަރައްގީ ވެގެން އައީ އެތައް ބަޔެއްގެ ބުރަ މަސައްކަތުން ކަމަށެވެ.

"ވެލާނާ  އެއާޕޯޓް  ހުޅުވާތަން  ބަލަން އިދެފައި  ހިތަށް އެރީ 60 ގެ އަހަރު ތަކުގައި މަންމަމެން  ފަދަ  ހެނވޭރުގެ  ހީވާގި  އަންހެންވެރިންނާ،  މާލޭގެ  ރައްޔަތުންނާ، ރާއްޖޭގެ  ރަށްރަށުން  އައިހާބަޔަކު   ހުޅުލެއަށް  އެއާޕޯޓް ހަދަންދާން  ހެނދުނާ ތެދުވެ  މަސްއޮޑި އަތިރިން  ދޯނިފަހަރުގައި  ފަލިޖަހާފައި  އަންބާ ކިޔަމުން ގޮސް  ފެށި މަސައްކަތް.   މިވަރަށް  ތަރައްޤީ  ކުރެވުނީ  ލައްކަ  ގިނަބައެއްގެ  ބުރަމަސައްކަތާ  ފައިސާވެސް  ހޯދިގެންތާއެވެ." މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ، ޝުކުރުގެ ލިސްޓުގައި ވަކިބަޔެއްގެ ނަން ކިޔުމަށްފަހު، އެންމެ ބޮޑަށް ޝުކުރު އަދާކުރަންޖެހޭ ފަރާތްތަކެއް ލިސްޓުން އުނިކުރީ ޒާތީކަމެއް އޮވެގެންތޯ ސުވާލު އުފެދޭ ކަމަށެވެ. އަދި އެއާޕޯޓާއިބެހޭ ޝުކުރުގެ ނަންތަކެއް ކިޔާނަމަ ކޮންމެހެން ހިމަނަންޖެހޭ ބޭފުޅުންގެ ނަންވެސް މޫސަ ފާހަގަ ކުރެއްވިއެވެ.

"އެއްވެސް  ބައެއްގެ  ނަން  ކިޔާ  ނަމަ،  އަތޮޅު ތަކުގެ  ކަލޭފާނުތަކާއި،  ކަނބުލޭގެ ފާނުތަކާއި ، މާލޭގެ  އަވަށުވެރިންނާއި، މަލިން ކަލޭފާނު، ބޮޑުބެ އިބްރާހިމްފުޅު، މެނޭޖަރު  އަހުމަދު އާދަމް،  އުސްތާޒް  އަބްދުﷲ ހަމީދު ، ހުޅުލޭ މޫސަޔާއެކު  ބުރަ މަސައްކަތް  ކުރި  ދިވެހި  ސިފައންނާ،  ކޮލި އަލިމަނިކު، އިލްޔާސް  އިބްރާހީމް  ފަދަ  ބޭބޭފުޅުން  އަމަލީ  މަސައްކަތް  ކުރިއިރު ، އަދި  ފަހުގެ  ތާރީޚު ތަކުގާ ޗެއަމަންކަން ކުރި ކޮލިމޮހޮދޭ އާއި، ބޯޑުމެމްބަރުންގެ ގޮތުގައި ތިބެ މަޓީގެ އިސްވެރިން ކުރިމަސައްކަތުގެ ވާހަކަވެސް ކިޔާލިނަމައޭ ހިތައް އެރިއެވެ." މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ، ފަހުގެ ރައީސުންގެ ނަން އެކަނި ރަސްމިއްޔާތުގައި ކިޔުމަށްފަހު، ޝުކުރު އަދާކުރީވެސް އެއާޕޯޓު ހަދަން ލޯނުދިން ވަކި ބަޔަކަށް ކަމަށެވެ.

"ފައިސާ ހޯދަން ފަތުޙުއްﷲ ޖަމީލު ކުރެއްވި މަސައްކަތާއި، ރާއްޖޭގެ ފަތުވެރިކަން ކުރިއަރުވާ އާލާކުރަން  ފަތުރުވެރިކަމާބެހޭ ވުޒާރާގެ ހިންގުންތެރިންނާ،  އެކިޒަމާނުގައި ފަތުރުވެރިކަމަށް އިންވެސްޓްކުރި އަދި  ފަތުރުވެރިންގެންނަން ދުނިޔޭގައި ދަތުރު ކުރި ދިވެހި އޭޖެންޓުންނާ ރިސޯޓް ތަކުގައި ޚިދުމަތްދޭން ތިބި ހީވާގި  ދިވެހިންގެ ވާހަކަ އާއި، ރިސޯޓްތަކާއި، ހޮޓާތަކާއި ގެސްޓްހައުސް ތަކުން ދަވްލަތަށް ފައިސާ ދެއްކި، އަދި ވޭތުވި  10 ވަރަކަށް އަހަރު އެއާޕޯޓް  ޑިވޮލޮޕްމަންޓް ޗާޖްގެ ގޮތުގައި ފައިސާ ދިން ދަތުރު ވެރިންގެ ވާހަކަ ޖުމްލަކޮށް  ބުނެލިނަމަ ޝުކުރު އަދާކުރެވުނީސް ތާއެވެ." މޫސަ ވިދާޅުވިއެވެ.

މީގެއިތުރުން އާ ޓާމިނަލް އަޅަން ދަރަންޏަނަށް ނެގި ފައިސާގެ އަދަދާއި، އެއާޕޯޓް ޑިވޮލޮޕްމަންޓްގެ ގޮތުގައި ވޭތުވި އަހަރު ތަކުގައި  ލިބުނީ  ކިހާ ފައިސާއެއްކަންވެސް ހާމަކުރިނަމަ ރަނގަޅުވީސް ކަމަށް މޫސަ ވިދާޅުވިއެވެ. ސަބަބެއް ކަމަށް މޫސަ ފާހަގަ ކުރެއްވީ އެއާޕޯޓު ހަދަން ހޭދަކުރި ފައިސާއަކީ ދިވެހި ރައްޔިތުންގެ ނަމުގައި ނަގާފައިވާ ލޯނު ފައިސާ ކަމަށްވުމެވެ. އެހެންވެ އެ މައުލޫމާތު ރައްޔިތުންނަށް އެނގެންޖެހޭނެ ކަމަށް މޫސަ ފާހަގަ ކުރެއްވިއެވެ.

"މީހަކު ބޭނި  ރޮނޑެއްގެ  ހަންދަމާނީ  އެމީހަކަށް ފެންނަ ގޮތަކަށެވެ. މީ  ރާއްޖޭގާ  ވެރިކަންކުރި  ހައެއްކަ ރައީސުން ބޭނި ރޮނޑެއްނޫނެވެ. ދިވެހި ރައްޔަތުން ބާނާ ތިލަކޮށް  އޮޑިއަށްނެގި ރައްޔިތުންގެ ރޮޑެވެ. މީގެހަން ދަމަންވާނީ ރައްޔިތުންނެވެ. މަރްހަބާ ދިވެހިންގެ އެއަޕޯޓް" މޫސަ ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *