ރާއްޖެއާ އިންޑިއާ ދެމެދު އޮންނަ ގުޅުމަކީ ގުޅުމަކީ ލިޔެފައިވާ ތާރީހަށްވުރެ ދޮށި، ކަނޑުގެ އަޑިއަށްވުރެ ފުން ގުޅުމެއް ކަމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ މިއަދު ވިދާޅުވެއްޖެ އެވެ.
ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެން އުޅުއްވާ މޯދީ އެހެން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ދެބޭފުޅުން ދެއްވީ ޖޮއިންޓް ޕްރެސް އެއްގައެވެ.
އެ ޕްރެސްގައި އެންމެ ފުރަތަމަ ކަމަކަށްވެސް މޯދީ ވަނީ މިނިވަން ދުވަހުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވުމަށް ދައުވަތު ދެއްވީތީ ރައީސް މުއިއްޒަށް ޝުކުރު ދަންނަވާފަ އެވެ.
އިންޑިއާ އާއި ރާއްޖޭގެ ހާރިޖީ ގުޅުމަށް 60 އަހަރު ފުރޭކަން ފާހަގަ ކުރައްވަމުން މޯދީ ވިދާޅުވީ ދެ ގައުމުގެ ގުޅުމަކީ އެތައް ޒަމާންވި ގުޅުމެއް ކަމަށެވެ.
"އަޅުގަނޑުމެންގެ ގުޅުމަކީ ތާރީހަށްވުރެވެސް ދޮށީ ގުޅުމެއް، ކަނޑުގެ އަޑިއަށްވުރެ ފުން ގުޅުމެއް" މޯދީ ވިދާޅުވިއެވެ.
މޯދީ ވިދާޅުވީ އިންޑިއާއަކީ ރާއްޖޭގެ އެންމެ ގާތް ގައުމު ކަމަށާއި އިންޑިއާގެ 'ނެއިބަހުޑް ފަސްޓް ޕޮލިސީ" 'މަހާސަގަރު' ތަސައްވުރުގައި ރާއްޖެއަކީ ވަރަށް މުހިންމު ގައުމެއް ކަމަށެވެ. އަދި ރާއްޖެ އިން އެންމެ އިތުބާރު ކުރެވޭ ގައުމަކީ އިންޑިއާ ކަމަށްވުމަކީ ލިބޭ ފަޚުރެއް ކަމަށާއި، ރާއްޖެއަށް ދިމާވާ ކޮންމެ ކަމެއްގައިވެސް ފަސްޓު ރެސްޕޮންޑާ އަކީ އިންޑިއާ ކަމަށް ވިދާޅުވި އެވެ.
ކޮވިޑް-19 ގެ ބަލިމަޑު ކަމުގައި ވިޔަސް އަދި އެހެން ކަންކަމުގައި ވިޔަސް ރާއްޖެއަށް ބޭނުންވާ ކަންކަން އިންޑިއާއިން އަބަދުވެސް އެކުގައި މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.