ރައީސުލްޖުމްހޫރިއްޔާގެ ގަރާރުން އާއްމުންގެ ހިޔާލު ހޯދުމަށް ނަގާ ވޯޓުގައި، އެ ވޯޓުނަގާ މައްސަލައާގުޅޭ ނުރަނގަޅު ކަންކަން، މައުލޫމާތު ކަރުދާހުގައި ހިމަނަން، "ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާއްމު ވޯޓު ނެގުމުގެ ބިލު" ގައި ހިމަނާފައި ނެތުމުން ކަންބޮޑުވާ ކަމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލިހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އެބިލް ދިރާސާ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާއިރު، އެ ބިލަށް ސިޔާސީ ޕާޓީ ތަކުގެ ހިޔާލު ހޯދުމަށް ސިޔާސީ ޕާޓީތަކަށް ވަނީ ދައުވަތު ދީފައެވެ.
ސަރުކާރު ހިންގާ ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވި މި ބިލު ގައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާއްމު ވޯޓު ނެގޭނެ ދާއިރާތައް ވަނީ ހިމަނައިފައެވެ.
ބިލުގައިވާ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގޭނީ، ރައްޔިތުންނާގުޅޭ މުހިންމު ކަންތައް ތަކުގައި ގައުމީ މުހިންމު މައްސަލަ ތަކުގައި ގާނޫނު އަސާސީގެ 2 ވަނަ ބާބު ކަމުގައިވާ "އަސާސީ ހައްގުތަކާއި މިނިވަންކަން" މި ބާބުގައި ހިމެނޭ އެއްވެސް މާއްދާއަކަށް އިސްލާހު ގެނައުމަށް ގާނޫނު އަސާސީގެ ރައްޔިތުންގެ މަޖިލީހުގެ އުމުރު ކަނޑައަޅާ މާއްދާ އިސްލާހު ކުރާނަމަ، ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ ރިޔާސީ ދައުރަށް އިސްލާހެއް ގެންނަނަމަ، ރައީސް އިންތިހާބުކުރާ ގޮތަށް އިސްލާހެއް ގެންނަނަމަ، ރައީސް ބިލު ތަސްދީގުކުރާ މާއްދާއަށް އިސްލާހެއް ގެންނަނަމަ، ރާއްޖޭގެ ސަރަހައްދު ކަމަށް ގާނޫނުއަސާސީގައި ބަޔާންކުރާ މާއްދާއަށް އިސްލާހެއް ގެންނަނަމަ، ގާނޫނު އަސާސީއަށް ބަދަލެއް ގެނައުމަށް މަޖިލީހުން ފާސްކުރާ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ނުކޮށް އެކަން މަޖިލީހަށް އަންގާ ހާލަތުގައި، އެ ބިލަކަށް ރުހުން އޮތްތޯ ބެލުމަށް އެ ބިލުގައި ބުނެފައިވާ ގޮތުގައި ރައްޔިތުންނާގުޅޭ މުހިންމު ކަންކަމުގައި ވޯޓަކަށް ދިޔުމަށް މަޖިލީހުގެ އަޣުލަބިއްޔަތުން ގަރާރެއް ފާސްކުރަން ޖެހެއެވެ.
އޭގެ އިތުރުން ގައުމީ މުހިންމު މައްސަލަތަކުގައި ވޯޓަށް ދިޔުމަށް ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ނިންމޭނެ އެވެ. އާންމުންގެ ހިޔާލު ހޯދަން މަޖިލީހުން ފާސްކުރާ އަދި ރައީސް ނެރޭ ގަރާރުގައި އެއް މައްސަލައަށްވުރެ ގިނަ މައްސަލައާ ގުޅޭގޮތުން ވޯޓު ނަގަން ކަނޑައެޅިދާނެ ކަމަށްވެސް ބިލުގައި ބަޔާން ކޮށްފައިވެއެވެ. އަދި ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލާއި އަދި، އެމައްސަލައާއި އެއްކޮޅަށް، ހުރި ހުއްޖަތުތަކާއި ދެކޮޅަށް ހުރި ހުއްޖަތު ތަކުގެ މައްޗަށް އެކުލެވޭ މައުލޫމާތު ކަރުދާހެއް ހިމަނަން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.
މި ގާނޫނުގެ ދަށުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާއްމުވޯޓު ނެގުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ނެރޭ ގަރާރާއެކު ހިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލާއި، އެ މައްސަލައިގައި ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހަޅާ ސަބަބާއި އަދި އެ މައްސަަލައާއެއްކޮޅަށް ހުރި ހުއްޖަތްތަކުގެ މައްޗަށް އެކުލެވޭ މައުލޫމާތު ހިމަނަން ޖެހޭނެ ކަމަށްބުނެފައި ވެއެވެ. ނަމަވެސް އެ ކަރުދާހުގައި މައްސަލައާ ދެކޮޅަށްހުރި ހުއްޖަތްތައް ހިމަނަންޖެހޭނެ ކަަމަށް ބިލުގައި ހިމަނާފައެއް ނުވެއެވެ.
ބިލާބެހޭ ގޮތުން ހުރި އެމްޑީއޭގެ ކަންބޮޑުވުންތައް ކޮމިޓީއާ ހިއްސާ ކުރައްވަމުން އެމްޑީއޭގެ ސެކްރެޓަރީ ޖެނެރަލް ޝާހު އިސްމާއީލް ވިދާޅުވީ، "ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާއްމު ވޯޓު ނެގުމުގެ ބިލު" ގައި ކަންބޮޑުން ތަކެއް ހިމެނޭ ކަމަށެވެ.
އެގޮތުން ރައްޔިތުންގެ މަޖިލީހުން ނަގާ ވޯޓާ ބެހޭ މައްސަލައިގައި ދެކޮޅަށް ހުރި ހުއްޖަތްތައް ހިމަނަން ޖެހޭއިރު، ރައީސްގެ ގަރާރުން ނަގާ ވޯޓުގައި އެބައި ހިމަނަން ނެތުމަކީވެސް ކަންބޮޑުވުމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ކަމުން ވޯޓު ނަގާ މައްސަލައާގުޅޭ ތަޖުރިބާ ކާރުންގެ ލަފައާއި އިރުޝާދު އެކަމުގައި ބޭނުން ކުރަން ޖެހޭނެ ކަަމަށް އޭނާވިދާޅުވިއެވެ.
ޝާހު ވިދާޅުވީ ބިލާބެހޭ ގޮތުން އެ ޕާޓީގެ ހުރި ކަންބޮޑުވުންތައް ލިއުން ކޮމިޓީއަށް ހުށަހަޅުއްވާނެ ކަމަށެވެ. ބިލުގައިވާ ގޮތުން އުމުރުން 18 އަހަރު ފުރިފައިވާ ކޮންމެ މީހަކަށް ހިޔާލު ހޯދުމުގެ ސިއްރު ވޯޓުގައި ބައިވެރިވެވޭނެ އެވެ. އަދި އެފަދަ ވޯޓެއް ނަގަން ހުށަހަޅާތާ މަދުވެގެން 45 ދުވަސް އަދި ގިނަވެގެން 90 ދުވަހުގެ ތެރޭގައި އީސީން ވޯޓު ނެގުން ބާއްވަން ޖެހެއެވެ. އެ އެކުލަވާލާ ކަރުދާސް ވޯޓު ނެގުމުގެ މަދުވެގެން 21 ދުވަސް ތެރޭގައި އާންމުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖައްސަން އިލެކްޝަންސް ކޮމިޝަނަށް މި ބިލުގައި ވަނީ ލާޒިމުކޮށްފަ އެވެ.
މި ބިިލުގައި އިތުރަށް ބުނެފައިވާ ގޮތުގައި:
އާންމުންގެ ހިޔާލު ހޯދަން މަޖިލީހުން ފާސްކުރާ އަދި ރައީސް ނެރޭ ގަރާރު، އެހެން ގަރާރަކުން އަނބުރާ ގެންދެވިދާނެ، ނަމަވެސް ގަރާރު އަނބުރާ ގެންދެވޭނީ ވޯޓު ނަގާނެ ތާރީޚެއް އީސީ އިން އިއުލާނު ކުރުމުގެ ކުރިންނެވެ. އެ ގަރާރުގައި ވޯޓު ނުނަގަން ނިންމި ސަބަބު ބަޔާން ކުރަން ޖެހޭނެއެވެ. ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރަކަށް ނުގޮސް ނިމޭނެ ގޮތަކަށް ބަދަލު ކުރުމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ ހުށަހަޅުއްވައިފަ އެވެ. އެކަމަށް ރައީސް ހުށަހަޅުއްވަނީ ޕްރިފަރެންޝަލް ވޯޓިން ނިޒާމަކުން ވެރިޔަކު ހޮވުމަށް ކަމަށް މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.