ނ. މާފަރު އެއާޕޯޓުގެ ތަރައްގީއަށް ގިނަ ޕްލޭންތަކެއް ރާވާފައި އެބަހުރި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު ނިންމައި، އިންޓަނޭޝަނަލް ފެންވަރުގައި ރަސްމީކޮށް ހުޅުވީ މި މަހުގެ 8 ވަނަ ދުވަހު އެވެ.
ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މާފަރުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އިންޓަނޭޝަނަލްކޮށް ހުޅުވި ނަމަވެސް އަދިވެސް އެއާޕޯޓަކަށް ބޭނުންވާ ބައެއް ކަންތައްތައް އަދި އެބަހުރި ކަމަށެވެ. އެގޮތުން އެންމެ މުހިއްމު އެއް ކަމަކީ ބައިނަލްއަގްވާމީ ފެންވަރުގެ ޓާމިނަލެއް ތަރައްގީ ކުރުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ނ އަތޮޅަކީ ގިނަ ރިސޯޓުތައް މިހާރުވެސް އޮތް އަތޮޅަކަށްވެފައި އަދި ކުރިއަށް އޮތް ތަނުގައި ގިނަ އަދަދެއްގެ ރިސޯޓުތައް އެ ރަށަށް އަންނާނެ ކަމަށް ބެލެވޭތީވެ އެ ރަށަށް ޓޫރިސްޓު ހޮޓަލެއްވެސް މުހިއްމު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
..ޖުމްލަކޮށް އެއާޕޯޓު ތަރައްގީއަށް ގިނަކަންކަން ޕްލޭން ކުރަމުން މިދަނީ މިހާރު އޮތް މަސައްކަތްތައް ކުރި ފަރާތްތަކާއި ވާހަކަ ދައްކަމުން މިދަނީ އެ ބޭފުޅުންވެސް ދަނީ ދިރާސާކުރަން.
2019 ގައި ހުޅުވުނު މާފަރު އިންޓަނޭޝަނަލް އެއަރޕޯޓަށް މި އަޕްގްރޭޑްތައް ގެންނަން ވެގެން މިދިޔަ އަހަރުގެ މެއި މަހު ވަގުތީ ގޮތުން އެ އެއާޕޯޓްގެ އިންޓަނޭޝަނަލް ފްލައިޓްތަކުގެ އޮޕަރޭޝަންތައް ހުއްޓާ ވެސް ލި އެވެ. މިހާރު އެ އޮޕަރޭޝަންތައް އަލުން ވަނީ ފަށައިފަ އެވެ.
މި ތަރައްގީއާއެކު ފަތުރުވެރިންނަށް ދަތުރުކުރުމަށް ހޭދަވާ ވަގުތު މަދުވެ، ދަތުރުފަތުރު ފަސޭހަވެގެންދާނެ ކަމަށް ސަރުކާރުން ބުންޏެވެ.
މާފަރު އެއާޕޯޓުގެ މި ތަރައްގީއާއެކު، ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށާއި މުޅި އިގުތިސޯދަށް އިތުރު ކުރިއެރުންތަކެއް ލިބި، ބައިނަލްއަޤްވާމީ ދަތުރުފަތުރުގެ ވިއުގައިގައި ރާއްޖޭގެ މަގާމު އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ބެލެވޭ ކަމަށް ވެސް ސަރުކާރުން ބުންޏެވެ.