ދުވަހަކު ނޫފުލޭ ވަރަށް ޑޮލަރުގެ އަގު އުފުލި ގައުމު މިދަނީ ބަގުރޫޓު ވަމުން: ޝާހިދު

ދުވަހަކު ނޫފުލޭ ވަރަށް ޑޮލަރުގެ އަގު އުފުލި ގައުމު މިދަނީ ބަގުރޫޓު ވަމުން: ޝާހިދު

ރާއްޖޭގައި ޑޮލަރުގެ އަގު ދުވަހަކުވެސް މައްޗަށް ނުދާވަރަށް ގޮސް، ރާއްޖޭގެ އިގްތިސޯދު އިނދަޖެހި، ގައުމު މިދަނީ ބަގުރޫޓު ވަމުން ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޑޮލަރުގެ އަގު 20 ރުފިޔާއަށްވުރެސް މައްޗަށް ގޮސް، ވިޔަފާރިވެރިންނާއި އާންމުންގެ ކަންބޮޑުވުން އިތުރުވެފައިވާއިރު، އެކަމާއި ގުޅިގެން ޝާހިދު ސޯޝަލްމީޑިޔާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޑޮލަރުގެ އަގު އުފުލި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އިނދަޖެހިއްޖެ ކަމަށެވެ.

"ޑޮލަރުގެ އަގު ދިވެހި ތާރީޚުގައިވެސް އުފުލިގެން ނުދާ މިންވަރަށް އުފުލި, ރައްޔިތުންގެ އަތްމަތި ދަތިވެ, ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އިނދަޖެހި, ޤައުމު މިދަނީ އިޤްތިޞާދީ އަނދަވަޅަކަށް ވެއްޓެމުން. ގައުމު މިދަނީ ބަގުރޫޓު ވަމުން." ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ، ރައްޔިތުން ހާލުގައި ޖެހި, އިޤްތިޞާދީ ބޮޑު ކާރިސާއެއް ބޯމަތިވަމުން ދާއިރުވެސް، އެމްއެމްއޭގެ ގަވަރުނަރު ހަނު ހުންނެވެމަކީ ޣައިރު ޒިންމާދާރު ޢަމަލެއް ކަމަށެވެ.

"ވަރަށް ބޮޑު އިހުމާލެއް. މިޙާލަތުގައި, ސިޔާސީ ފަރާތްތަކުގެ މުށުތެރޭގައި ނުހުންނަވާ, ގަވަރުނަރު މަޤާމުގެ ޒިންމާ ފުރިހަމަޔަށް އަދާކުރެއްވުމަށް ގޮވާލަން." ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ، ޤައުމު ބަގުރޫޓުވެގެން ދިޔަ ނުދިނުމަށްޓަކައި އެމްއެމްއޭއިން އަޅުއްވާ ފިޔަވަޅުތައް ރައްޔިތުންނަށް ހާމަކޮށްދޭން ޖެހޭ ކަމަށެވެ.

ޑޮލަރު ވިއްކާ އަގު 19 ރުފިޔާ އާއި 20 ރުފިޔާގެ މެދުގައި ގިނަ ދުވަސް ތަކަކު ހުރުމަށްފަހު، މިހާރު ވަނީ 20 ރުފިޔާއަށްވުރެވެސް މައްޗަށް އަރައިފައެވެ.

ރާއްޖޭގެ ބަޔެއް ވިޔަފާރިވެރިންގެ ފަރާތުން މައުލޫމާތު ލިބިފައިވާ ގޮތުގައި މުދާ ގަތުމަށްޓަކައި މިހާރު ޑޮލަރު ގަންނަން ޖެހެނީ 20 ރުފިޔާއަށްވުރެ ބޮޑުކޮށެވެ. އެގޮތުން 20.20 ރުފިޔާއަށް އަރާފައިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

20 ރުފިޔާއަށްވުރެ ބޮޑުކޮށް ޑޮލަރު ގަތް ބަޔެއް ވިޔަފާރިވެރިން ބުނީ، އަދިވެސް ފެންނަނީ ޑޮލަރުގެ އަގު ތިރިނުވެ، މަތިވާނެ ކަމަށެވެ. ޑޮލަރު ވިއްކާ ބަޔެއް ފަރާތްތަކުން 19:90 އަށްވެސް ޑޮލަރު ވިއްކައެވެ. ނަމަވެސް އެއީ ބޮޑު އަދަދަކުން މާރުކުރާނަމައެވެ.

ޑޮލަރުގެ އަގު ބޮޑުވުމުން އެކަމުގެ ކަންބޮޑުވުން އޮތީ ހަމައެކަނި ވިޔަފާރިވެރިންނަކަށްނޫނެވެ. ބޭސްފަރުވާ ފަދަ ކަންކަމުގައި ރާއްޖެއިން ބޭރަށްދާ މީހުންނަށްވެސް ބޮޑު އަގުގައި ޑޮލަރު ގަންނަން ޖެހުމުން އެކަމުގެ ނުތަނަވަސްކަން ވަރަށް ބޮޑެެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *