ދާދިފަހުން ކައިވެނި ކުރެއްވި އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް މުހައްމަދާއި، މަޝްހޫރު ނެށުންތެރިޔާ ޒާރާގެ ކައިވެނި މިހާރު ރޫޅިފައިވާއިރު ޒާރާގެ އިންސްޓަގްރާމް އެކައުންޓުން ސިޔާމްގެ ނަން ޑިލީޓްކޮށްފި އެވެ.
ސިޔާމްއާ ކައިވެނި ބެއްލެވުމުން ޒާރާގެ އެކައުންޓު ގިނަ ބަޔަކު ވަނީ ފްލޯކުރަން ފަށައިފަ އެވެ. ކައިވެނި ކުރެއްވި ފަހުން އެކައުންޓުގެ ނަން ޒާރާ ސިޔާމްއަށް ބަދަލުކޮށް، ބަޔޯގައި ވަނީ ވައިފް އޮފް ސިޔާމް ލިޔެފަ އެވެ.
ނަމަވެސް މިހާރު ޒާރާ ވަނީ އެކައުންޓުގެ ނަން އޭނާގެ އަމިއްލަ ނަމަށް ބަދަލުކޮށް ބަޔޯއިންވެސް ވައިފް އޮޑް ސިޔާމް ކެޕްޝަން ޑިލީޓް ކޮށްފަ އެވެ.
ނަމަވެސް ކައިވެނި ހަފުލާގެ ފޮޓޯތައް ހުރިގޮތަށް ވަނީ ބަހައްޓައިފަ އެވެ.
ޝިޔާމް އާއި ޒާރާ ވަރިވިކަން ކަށަވަރުކޮށްދީ، އެމްޑީއޭގެ ނައިބު ލީޑަރު އަދި ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ރޭ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޝިޔާމް އާއި ޒާރާ ކައިވެނި ކުރީވެސް އެކަކު އަނެކަކުދެކެ ލޯބިވެގެން ކަމަށެވެ. އަދި ޝިޔާމް އާއި ޒާރާގެ ކައިވެނި ރޫޅާލި ވެސް ސުލްހަވެރިކަމާއެކު ސުލްހަވެރި މާހައުލެއްގައި ކަމަށެވެ.
އޮންރަބަލް އަހުމަދު ސިޔާމް މުހަންމަދު އާއި ޒާރާ މެޑަމްގެ ކައިވެނިއަކީ އެކަކު އަނެކުން ދެކެ ލޯބި ވެގެން ކުރެވިގެން ދިޔަ ކައިވެނިއެއް.. ހަމަ އެހެންމެ އޮންރަބް އަހުމަދު ސިޔާމް މުހަންމަދު އާއި ޒާރާ މެޑަމް ކައިވެނި ރޫޅާލާފައި ވަނީވެސް އެކަކު އަނެކުންގެ މެދުގައި ރިވެތިގޮތުގައި މަސްވަރާ ކުރުމަށް ފަހު ސުލްހަވެރިކަމާއެކު ސުލްހަވެރި މާހައުލެއްގައި.. އޮންރަބަލް އަހުމަދު ސިޔާމް މުހަންމަދަކީ އެއްވެސް ބޭފުޅަކާ މެދު ބޭއިންސާފުން ކަން ކުރައްވާނެ ބޭފުޅެއްނޫން.. އަދި އެއްވެސް ބޭފުޅަކާ މެދު ނިކަމެތިކޮށް ކަންކުރައްވާނެ ބޭފުޅެއްވެސް ނޫން.. ކޮންމެ ބޭފުޅަކާ މެދުވެސް ކަންކަން ކުރައްވާނީ ލޯބިން އަދި އޯގާތެރިކަމާއެކު..ކައިވެނި ކުރައްވާ ކޮންމެ ދެމަފިރިއަކު މުޅިއުމުރު އެކަކުގައި ނޫޅެވުމަކީ މައްސަލައެއްނޫން" އައްބާސް ދާދި ދެންމެއަކު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ.
ޝިޔާމް އާއި ޒާރާގެ ކައިވެނި ރޫޅާލުން މެދުވެރިވި ސަބަބު ހާމަކޮށްފައެއް ނުވެއެވެ.