އަންނަ މަހުގެ 26 ވަނަ ދުވަހު ރާއްޖޭގައި ފާހަގަކުރާ ރާއްޖޭގެ މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް އިންޑިޔާގެ މީޑިޔާ ތަކުން ބުނެފިއެވެ.
ޓައިމްސް އޮފް އިންޑިއާގައި ބުނެފައި ވަނީ ބޮޑުވަޒީރު މޯދީ ރާއްޖެ ވަޑައިގަންނަވަނީ، ރައީސް ޑރ. މުހަންމަދު މުއިއްޒުގެ ދައުވަތަށް ކަމަށެވެ. އަދި ދައުވަތު ދެއްވާފައި ވަނީ ރައީސް މުއިއްޒު އެންމެ ފަހުން އިންޑިޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ކަމަށްވެއެވެ. އޭގެފަހުން ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް އިންޑިޔާއަށް ކުރެއްވި ދަތުރުފުޅުގައިވެސް ބޮޑުވަޒީރު މޯދީއަށް ދައުވަތު ދެއްވި ކަމަށް އިންޑިޔާގެ މީޑިޔާތަކުން ވަނީ ބުނެފައެވެ.
މީޑިޔާ ރިޕޯޓުތައް ބުނާ ގޮތުގައި ބޮޑުވަޒީރު މޯދީ ރާއްޖެ ވަޑައިގަންނަވާނީ މިނިވަން ދުވަހުގެ އެއް ދުވަސް ކުރިން، ޖުލައި 25 ވަނަ ދުވަހުއެވެ. އަދި ޖެހިގެން އަންނަ ދުވަހު އޮންނަ މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށްފަހު، ހަމަ އެދުވަހު އެނބުރި އިންޑިޔާއަށް ވަޑައިގަންނަވާނެއެވެ.
ނަމަވެސް ބޮޑުވަޒީރު މޯދީގެ ދަތުރުފުޅާއި ބެހޭގޮތުން ދެ ގައުމުގެ ސަރުކާރުން އަދި ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ.