މާޅޮހުން ރޭ މަރާލި މީހާއަށް ހަމަލާދީފައި ވަނީ ބޮލަށް

މާޅޮހުން ރޭ މަރާލި މީހާއަށް ހަމަލާދީފައި ވަނީ ބޮލަށް

އއ. މާޅޮހުގައި ރޭ ހަމަލާދީ މަރާލާފައި އޮތް އެ ރަށު އޯކިޑުމާގެ، އަބްދުއްރަހްމާން އާދަމަށް ހަމަލާދިން މީހަކު ދީފައި ވަނީ އޭނާގެ ބޮލަށް ކަމުގައި މައުލޫމާތު ލިބިއްޖެއެވެ.

އަބްދުއްރަޙްމާންގެ އަނބިމީހާ ބުނިގޮތުގައި ދެމަފިރިން ނިދަން ތިބީ ދެކޮޓަރިއެއްގައެވެ. އޭނާއަށް ހޭލެވުނީ މީހަކު ދުވެފިލާ އަޑަށެވެ. އާންމުކޮށް ދެމަފިރިން ނިދަނީ އެއްކޮޓަރިއެއްގައި ކަމަށްވެއެވެ. ނަމަވެސް ރޭ ދެމަފިރިން ނިދީ ދެކޮޓަރިއެއްގައެވެ. އާއިލާއިން ބުނީ ރޭ އެންމެން ނިދަން ވަތްއިރު ގޭގެ މައި ދޮރު ތަޅުލެވިފައި ނެތް ކަމަށެވެ.

އުމުރުން 65 އަހަރުގެ އަބްދުއްރަހްމާނަށް ފަރުވާ ދޭން ސިއްހީ މަރުކަޒަށް ގެންދިޔައީ ހަމަލާދިންތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައެވެ. އެއީ ރޭ ދަންވަރު 2 ޖަހަން އުޅެނިކޮށެވެ. އޭނާ މަރުވީ ފަރުވާ ދެމުންދަނިކޮށް ރޭ ފަތިހުގެ ވަގުތެއްގައެވެ. އަބްދުއްރަޙްމާނަކީ ދިރިއުޅުމަށް އާންމުދަނީ ހޯދުމަށް މަސްވެރިކަން ކުރަމުންދާ މީހެކެވެ.

އާއިލާއިން ބުނީ އަބްދުއްރަޙްމާނަށް އެފަދަ މަރުގެ ހަމަލާއެއް ދޭނީ ކާކުކަމާމެދު ޝައްކު ކުރެވޭވަރުގެ މީހަކުވެސް އަދި ނެތް ކަމަށެވެ. އަދި އެއްވެސް މީހަކާ މައްސަލައެއް ޖެހުނުކަންވެސް ނޭނގޭ ކަަމަށް އާއިލާއިން ބުނެއެވެ.

މި ހާދިސާ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. ނަމަވެސް އަދި އިތުރު ތަފްސީލެއް ފުލުހުންވެސް ހާމައެއް ނުކުރެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *