ހުޅުމާލޭ ހޮސްޕިޓަލުގެ ލެބޯޓަރީގެ ޚިދުމަތް މިއަދު ހުއްޓިއްޖެއެވެ.
ހޮސްޕިޓަލުން ޓެސްޓް ހަދަންދިޔަ ބަޔެއް މީހުން ބުނިގޮތުގައި ލެބޯޓަރީގެ ޚިދުމަތް މިއަދު ލިބޭނެ އިރެއްވެސް ނޭނގޭ ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ. ޚިދުމަތް ހޯދަންދިޔަ ބަޔެއް މީހުން ބުނީ، ޓެސްޓް ހަދަން ދިޔުމުން މިވަގުތު ޓެސްޓް ނުހެދޭ ކަމަށް ބުނާ ކަމަށެވެ. ސަބަބަކީ ހޮސްޕިޓަލުގެ މައި ކައުންޓަރުގެ ހުރިހާ ސިސްޓަމްތަކަކަށް ޓެކްނިކަލް މައްސަލައެއް ދިމާވެ، މެމޯ ހެދެން ނެތުން ކަމަށް ހޮސްޕިޓަލުން ބުނާ ކަމަށެވެ.
"ޓެސްޓެއް ހަދާލަން ގޮސް މައި ކައުންޓަރުން ނަންބަރެއް ނަގަން ދިޔައި. ދެން އެތާހުރި ހޮސްޕިޓަލުގެ ސްޓާފަކު ބުނީ މިވަގުތު މައި ކައުންޓަރުން މެމޯ ނުހެދޭ ކަމަށް. އެހެންވެ ލެބޯޓަރީ ޓެސްޓް މިވަގުތު ހެދެން ނެތް ކަމަށް. ދެން އަހާލިން މަޑުކޮށްލަންވީހޭ. ބުނީމަ ބުނީ މަޑު ކުރާށެކޭ ނުބުނާނަމޭ. އާޖެންޓް ޓެސްޓެއް ނުވަތަ ނުކައި ހުރެ ހަދަންޖެހޭ ޓެސްޓެއް ވިއްޔާ އެންމެ ރަނގަޅުވާނީ އެހެން ތަނަކަށް މިއަދު ދިޔައިއްޔާއޭ. ޓެސްޓް ހެދޭނެ އިރެއްވެސް ނޭނގޭ ކަމަށް" މާލެ ޓައިމްސްއާ ވާހަކަ ދެއްކި މީހަކު ބުންޏެވެ.
އެހެންމީހަކުވެސް ބުނީ، ހޮސްޕިޓަލަށް ދިޔުމުން ޓެސްޓް މިވަގުތު ނުހެދޭ ކަމަށް ބުނި ކަމަށެވެ.
"ބުނީ ފަހަރެއްގައި މެންދުރުފަހު ހެދިދާނެޔޭ. އެކަމަކު ގުޅާލާފައި އަންނައްޗޭ" އޭނާ ބުންޏެވެ.
ނަމަވެސް ހޮސްޕިޓަލުގެ މީޑިޔާ އޮފިސަރު މީޑިޔާ ތަކަށް މައުލޫމާތު ދެއްވި ގޮތުގައި ލަހުން ނަމަވެސް ޓެސްޓް ހަދަމުންދެއެވެ. ލަސްވަނީ ސިސްޓަމްތަކަށް ދިމާވި މައްސަލަ ހައްލުނުވެ، މެނުއަލްކޮށް ބިލްތައް ހަދާތީ ކަމަށެވެ. ހޮސްޕިޓަލުން ބުނީ މައްސަލަ ހައްލު ކުރަން މަސައްކަތް ކުރަމުންދާ ކަމަށެވެ.
ހޮސްޕިޓަލުން ބުނީ، ލެބޯޓަރީގެ ޚިދުމަތް ހޯދުމުގައި މައްސަލަތަކެއް ދިމާވެފައި ވިޔަސް، ޑޮކްޓަރަށް ދެއްކުމާއި އެހެނިހެން ޚިދުމަތްތައް ބަރާބަރަށް ކުރިއަށްދާ ކަމަށެވެ.