ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު ކަމުގައި މިވަގުތު ހުންނެވި، މައުރޫފް ޖަމީލު ރިޓަޔަރ ކުރައްވަން ނިންމަވައި ކުންފުނީގެ މުވައްޒަފުންނަށްވެސް އެކަން އަންގަވައިފިއެވެ.
އެޗްޑީސީގެ އެމްޑީ ކަމަށް މައުރޫފް އައްޔަން ކުރެއްވީ ހުސްވި އަހަރުގެ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ. އެއީ އޭގެކުރިން އެ ކުންފުނީގެ އެމްޑީ ކަމުގައި ހުންނެވި ފަޒުލް، ކޮރަޕްޝަނުގެ މައްސަލަތަކެއް ފެންމަތިވެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މައުރޫފް ރިޓަޔަރ ކުރައްވަނީ ސިއްޙީ ބަޔެއް ކަމާއި ގުޅިގެންނެވެ. މުވައްޒަފުންނަށް އަންގަވާފައި ވަނީ އަންނަ މަހުގެ 18 ވަނަ ދުވަހުން ފެށިގެން ރިޓަޔަރ ކުރައްވާނެ ކަމަށެވެ.
މައުރޫފަކީ ހުޅުމާލެ ހިއްކަން ފެށިއިރު އެޗްޑީސީގައި މަސައްކަތް ކުރައްވައި، ފަހުން ރައީސް މައުމޫނުގެ ވެރިކަމުގެ ފަހުކޮޅު ހައުސިންގ މިނިސްޓަރުކަންވެސް ކުރެއްވިއެވެ. ހުޅުމާލެ ހިއްކިއިރު އެ މަޝްރޫއުގައި މައުރޫފް ވަނީ އިސްދައުރެއް އަދާކުރައްވާފައެވެ.