ސޯޝަލް މީޑިއާގައި އަންހެން ހެދުން އަޅައިގެން ވީޑިއޯ އާއްމު ކުރަމުން އަންނަ މުހައްމަދު ނަބީލް (ޔާޔާ ނަބީލް) މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށުގައި އުމުރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
އިއްޔެ ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމްގައިވާ ގޮތުން 2017 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ނަބީލު ދިރިއުޅޭ ގ. ކަމަރާ ގޭގެ ކޮޓަރިން ދެ ފަހަރެއްގެ މަތިން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނެބިސް އާއި ޑައިމޯފިން ފެނިފައިވާ ކަމަށެވެ.
އެ މައްސަލާގައި ނަބީލުގެ އިތުރުން އޭނާއާ އެކު ކޮޓަރީގައި އުޅުނު ހދ. ކުޅުދުއްފުށީ، ބިޗާނާގެ އާދަމް މުހައްމަދުގެ މައްޗަށް ކޮށްފައިވަނީ ކެނެބިސް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އެވެ. ނަބީލު ކޯޓުގައި ބުނީ، ކޮޓަރިން ފެނުނު ތަކެއްޗަކީ އޭނާ ބޯން ގެންގުޅޭ ތަކެތި ކަމަށާއި، އެތަކެތި ވިއްކާ ވިޔަފާރިނުކުރާ ކަމަށެވެ. ނަބީލުގެ އިތުރުން އާދަމްވެސް ވަނީ ދައުވާއަށް އިންކާރުކޮށްފަ އެވެ.
ދައުވާ އަށް އޭނާ އިންކާރު ކުރިޔަސް ދައުލަތުން ހުށަހަޅާފައިވާ ހެއްކާއި ގަރީނާ އަށް ބަލައި ކްރިިނަލް ކޯޓުން ވަނީ ނަބީލު އާއި އާދަމް 25 އަހަރަށް ޖަލަށްލާން ހުކުމްކޮށްފަ އެވެ. ބަންދުގައި ހޭދަކުރި މުއްދަތަށް ރިޔާއަތްކޮށް ދެ މީހުންވެސް ތަންފީޒުކުރަން ޖެހޭ އަދަބަކީ 22 އަހަރާއި 9 މަހާއި 8 ދުވަހެވެ. ޖަލަށްލުމުގެ އިތުރަށް 100،000ރ އިން ޖޫރިމަނާކޮށް، އެ ފައިސާ 12 މަސް ތެރޭގައި މީރާއަށް ދައްކަން ހުކުމްކޮށްފައިވެ އެވެ.