އީސްޓްއިންޑިޔާ ކުންފުނިން އިންޑިޔާގެ ވިޔަފާރި ތަކަށް ދިން ލަނޑު ރާއްޖޭގެ ވިޔަފާރި ތަކަށް ލިބުން ދުރެއްނޫން: މޫސަ

އީސްޓްއިންޑިޔާ ކުންފުނިން އިންޑިޔާގެ ވިޔަފާރި ތަކަށް ދިން ލަނޑު ރާއްޖޭގެ ވިޔަފާރި ތަކަށް ލިބުން ދުރެއްނޫން: މޫސަ

މި ސަރުކާރުގެ މާލީ ސިޔާސަތަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރައްވައިފިއެވެ.

އަމިއްލަ ވިޔަފާރީގައިވެސް އުޅުއްވާ މޫސަ، ސަރުކާރުގެ މާލީ ސިޔާސަތަށް ނުރުހުން އަމާޒު ކުރެއްވީ އިއްޔެ ބޭންކް އޮފް މޯލްޑިވްސްއިން ނިންމި ނިންމުމާއި ދިމާކޮށެވެ. ބޭންކް އޮފް މޯލްޑިވްސް އިން އިއްޔެ ނިންމާފައި ވަނީ ޑެބިޓް ކާޑުތަކުން އޮންލައިންކޮށް ވިޔަފާރިކުރާ ބަޔެއް ސައިޓުތަކުން ވިޔަފާރި ކުރާނަމަ، 30 ޕަސެންޓް ބޭންކަށް ނެގުމަށެވެ.

ބޭންކްގެ މި ނިންމުމާއި ދިމާކޮށް އެކްސްގައި މޫސަ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިނގިރޭސީން އިންޑިޔާގެ ވެރިކަންކުރި ޒަމާނުގައި، އީސްޓްއިންޑިޔާ ކުންފުނިން އިންޑިޔާގެ ވިޔަފާރިވެރިންނަށް ހެދިގޮތަށް ރާއްޖޭގެ ވިޔަފާރި ތަކަށްވެސް ހަދަން ސަރުކާރުން އުޅެނީތޯ ސުވާލު އުފެދޭ ކަަމަށެވެ.

"ސަރުކާރުގެ ޕްރޮޖެކްޓެއް، މުދަލެއް ހޯދުމަށް ޓެންޑަރ ބޯޑެއް، އަގުކޮމެޓީއެއް، ބަޖެޓެއް، ޓެކްސް ނެގޭނެ އުސޫލެއް ސަރުކާރު ކުންފުނި ތަކަށް ނެތިފާ، ބޭރުފައިސާ ސަރުކާރަށް ބޭނުން ވަރަކަށް ލިބިފާ، އަމިއްލަ ވިޔަފާރި ތަކަށް މުދާއެތެރެ ކުރުމަށް ބޭރުފައިސާ ކަޅުބާޒާރުން ގަންނަވެސް ނުލިބޭ ޙާލަތަށް ތާށި ކޮށްލީމާ އީސްޓްއިންޑިއާ ކުނފުނިން އިންޑިއާގެ ވިޔަފާރިތަކަށް ދިން ލަނޑު މިރާއްޖެއަށްވެސް ލިބުން ދުރެއް ނުވާނެ " މޫސަ ވިދާޅުވިއެވެ.

މޫސަ އިތުރަށް ވިދާޅުވި ގޮތުގައި ސަރުކާރުގެ މާލީ ސިޔާސަތުވެސް މިސްރާބު ޖަހާފައި ވަނީ ކޮމިނިއުސްޓް ސިޔާސަތަކާ ދިމާލަށް ކަމަށެވެ.

"ސަރުކާރުގެ ކޮންމެ ވުޒާރާއަކުން ވިޔަފާރި ކުންފުންޏެއް އުފައްދާފަ މައިގަނޑު ވިޔަފާރީގެ ކޮންޓްރޯލް ސަރުކާރަށް ނެގީމަ ރަނގަޅަށް ކޮމިއުނިސްޓްވެ ނިމުނީ" މޫސަ ވިދާޅުވިއެވެ.

މޫސަގެ ޕޯސްޓު ނިންމާލައްވަމުން ދިވެހި ވިޔަފާރިވެރިންނަށް ގޮވާލައްވާފައި ވަނީ ޗޭމްބަރ އޮފް ކޮމަރސް އަލުން ކޮޅަށް ޖަހަން ތެދުވުމަށެވެ.

"މިރާއްޖޭގާ އަޅުގަނޑުމެން އުފެއްދި ޗޭމްބަރ އޮފް ކޮމަރސް އަލުން ކޮޅަށްޖަހަން ވިޔަފާރިވެރިން ތެދުވަންޖެހޭ" މޫސަ ވިދާޅުވިއެވެ.

ބީއެމްއެލް އިން އިއްޔެ ނިންމި ނިންމުމާއި ގުޅިގެން ގިނަބަޔަކު ބީއެމްއެލްއަށް ދަނީ ފާޑު ކިޔަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *