ފަނޑިޔާރުކަމުގެ މަގާމުން އިސްތިއުފާ ދޭ ފަނޑިޔާރުންނާ އަދި މަގާމުން ވަކިކުރާ ފަނޑިޔާރުންނަށް ވަކި މުއްދަތެއް ވަންދެން އެއްވެސް މައްސަލައެއްގައި ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ނުކުރެވޭ ގޮތަށް ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން އެ އިސްލާހު މަޖިލިހަށް ހުށަހެޅުއްވީ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އެވެ.
އިސްލާހު ހުށަހެޅުމުގެ ބޭނުމެއް ކަމުގައި ބުނީ ފަނޑިޔާރުންނަކީ ފަނޑިޔާރުކަމުގެ މަގާމާއި ޝަރުއީ ދާއިރާގެ މުސްތަގިއްލުކަން ދެމެހެއްޓޭނެ ގޮތަށާއި އެ ދާއިރާގެ އިތުބާރު ދެމެހެއްޓޭނެ ގޮތަކަށް މަސްއޫލިއްޔަތު އަދާކުރާ ފަރާތްތަކެއްކަން ކަށަވަރުކުރަން ފަނޑިޔާރުން އަމަލުކުރަން ޖެހޭ ސުލޫކީ މިންގަނޑު ގާނޫނުގައި ކަށަވަރު ކުރުމަށެވެ.
އަދި ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ބެލުމާ ގުޅޭގޮތުން ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތައް އިތުރަށް ތަފުސީލު ކުރުމަށާއި ފަނޑިޔާރުން އައްޔަންކޮށްފައިވާ ކޯޓު ނޫން އެހެން ކޯޓަކަށް ބަދަލު ކުރުމުގެ އުސޫލުތަކާއި ވަގުތީ ގޮތުން އެހެން ކޯޓެއްގެ މަސައްކަތް ހަވާލުކުރުމުގެ އުސޫލުތައް ގާނޫނުގައި ކަނޑައެޅުމުގެ ގޮތުން ކަމަށެވެ.
އޭގެ އިތުރުން ފަނޑިޔާރުން ވިޔަފާރި ކުރުމާއި މާލީ މުއާމަލާތްތައް ކުރުމާ ގުޅޭ އުސޫލުތައް ތަފުސީލުކޮށް، ފަނޑިޔާރުން މާލީ ބަޔާން ހުށަހެޅުމާ ގުޅޭ އުސޫލުތައް މުރާޖައާ ކުރުމާއި ޝަރުއީ ދާއިރާގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން ގާނޫނު ތަންފީޒު ކުރުން ހަރުދަނާ ކުރުމަކީ ވެސް އިސްލާހު ހުށަހެޅުމުގެ ބޭނުމެއް ކަމުގައި ބުނެފައިވެ އެވެ.
އިސްލާހުގައި މައިގަނޑު ބަދަލެއްގެ ގޮތުގައި ބަޔާންކޮށްފައި ވަނީ ފަނޑިޔާރުކަމުގެ މަގާމުން އިސްތިއުފާ ދޭ ފަނޑިޔާރުންނާ އަދި މަގާމުން ވަކިކުރާ ފަނޑިޔާރުންނަށް ވަކި މުއްދަތެއް ވަންދެން އެއްވެސް މައްސަލައެއްގައި ވަކީލެއްގެ ގޮތުން ކޯޓުތަކަށް ހާޒިރު ނުވެވުމެވެ.
އެގޮތުން ފަނޑިޔާރަކު މަގާމުން ވަކިވެއްޖެ ނަމަ ނުވަތަ އެއްވެސް ސަބަބަކާ ހުރެ ވަކިކޮށްފި ނަމަ، އެ ވަކިވި ނުވަތަ ވަކިކުރި ތާރީހުން ފެށިގެން ދެ އަހަރު ދުވަހުގެ މުއްދަތަށް، އެ ފަނޑިޔާރަކު ފަނޑިޔާރުކަމުން ވަކިވާ ދުވަހާ ހަަމައަށް ނުވަތަ ވަކިކުުރުމާ ހަމައަށް ފާއިތުވި ތިން އަހަރު ދުވަހު ފަނޑިޔާރުކަމުގެ މަގާމު އަދާކޮށްފައިވާ އެއްވެސް ކޯޓަކަށް އެއްވެސް މައްސަލައެއްގައި ގާނޫނީ ވަކީލެއްގެ ގޮތުގައި ހާޒިރު ނުވެވޭނެ ކަމަށް ވަނީ ބަޔާންކޮށްފަ އެވެ.
އެ ހާލަތުގެ އިތުރުން އެ މީހަކު ފަނޑިޔާރެއްގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އެ މަގާމުގެ މުއްދަތުގައި ބަލާފައިވާ މައްސަލައެއްގައި، އޭނާގެ މަސްލަހަތު ފުށުއަރާފަދަ ހާލަތެއް ދެމިއޮތްހާ ހިނދަކު، އެ މުއްދަތު ފާއިތުވުމަށް ފަހު ވެސް އެ މައްސަލައެއްގައި ނުވަތަ އެ މައްސަލަ އާ ގުޅުންހުރި އެހެން އެއްވެސް މައްސަލައެއްގައި ވަކީލެއްގެ ގޮތުގައި ކޯޓަށް ހާޒިރު ނުވެވޭނެ ކަމަށާއި އެފަދަ މައްސަލައެއްގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން އެނޫންވެސް މަސައްކަތެއް ނުކުރެވޭނެކަން ވެސް ފާހަގަކޮށްފަ އެވެ.
ފަނޑިޔާރުންގެ ގާނޫނަށް ހުށަހެޅި އިސްލާހުގައި ވަނީ ގާނޫނުގައި ފަނޑިޔާރުން ކުރުން ހުއްދަ ކަމަށް ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން އެ ފަރާތްތަކުގެ މިނިވަންކަމާއި މުސްތަގިއްލު ކަމަށް ނުވަތަ މަސްއޫލިއްޔަތަށް ބުރޫނާރާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ކަނޑައަޅާ މަސައްކަތްތައް ކުރުމަކީ ފަނޑިޔާރުކަމާ ތައާރުޟުވާ ކަމެއް ނޫން ކަމަށް ބުނެފަ އެވެ.
ފަނޑިޔާރުކަމުގެ މަގާމުގައި ހުންނައިރު ނުކުރެވޭނެ ކަންކަމުގެ ގޮތުގައި ގާނޫނުގައި މިހާރު ވެސް ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރަށް ބައެއް ކަންކަމަށް ވަނީ އިސްލާހު ހުށަހަޅާފަ އެވެ. އެގޮތުން އަމިއްލަ ފަރާތެއްގެ ވަޒީފާއެެއް އަދާކުރުން ނުވަތަ ކޮންޓްރެކްޓް އުސޫލުން މަސައްކަތްކުރުމާއި ކޯޓުތަކުގައި ނުވަތަ ޓްރައިބިއުނަލެއްގައި ހިނގާ އެއްވެސް މައްސަލައެއްގައި ވަކީލެއްގެ ގޮތުގައި ނުވަތަ ހަސްމުން ތަމްސީލު ކުރުމުގެ ގޮތުން އެއްވެސް ހައިސިއްޔަތުން މަސައްކަތް ކުުރުމަކީ ނުކުރެވޭނެ ކަންކަމުގެ ގޮތުގައި ވަނީ ހިމަނާފަ އެވެ.
މަގާމުގައި ހުންނައިރު ނުކުރެވޭނެ ކަންކަމުގެ ގޮތުގައި ގާނޫނުގައި މިހާރު ހުރި ކަންކަމުގެ އިތުރަށް ފަނޑިޔާރުންނަށް ވިޔަފާރި ކުރުމާއި މާލީ މުއާމަލާތްތަކުގެ ތެރެއިން ނުކުރެވޭނެ ކަންކަން ވަނީ ބަޔާންކޮށްފަ އެވެ. އެގޮތުން ދައުލަތުގެ މުދަލާއި ބިން ގަނެ ނުވަތަ ކުއްޔަށް ހިފައިގެން ނުވާނެ ކަމަށާއި ދައުލަތާއި އެހެން އެއްވެސް ފަރާތަކާ ދެމެދު ކުރެވޭ މުއާމަލާތެއްގައި ސީދާ ގޮތުން ވިޔަސް އަދި ނުސީދާ ގޮތުން ވިޔަސް ފަނޑިޔާރުންގެ މާލީ އެއްވެސް މަސްލަހަތެއް ބާއްވައިގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.
އެހެންނަމަވެސް ރާއްޖޭގައި ހިއްސާ ވިއްކާ ޕަބްލިކް ކުންފުންޏެެއްގެ ސިގްނިފިކަންޓް ޝެއާހޯލްޑަރެއް ކަމުގައި ނުވާ ގޮތުން އެފަދަ ކުންފުންޏެއްގެ ހިއްސާ މިލްކުކުރުމަކީ ވިޔަފާރިކުރުން ކަމުގައި ނުބެލެވޭނެ ކަމަށް ވަނީ ބުނެފަ އެވެ. އޭގެ އިތުރުން ފަނޑިޔާރެއްގެ ނަމުގައި އޮތް ގޯއްޗެއް، ގެއެއް ނުވަތަ އެނޫންވެސް ނުއުފުލޭ މުދަލެއް، ބާޒާރުގައި އެފަދަ ގޯއްޗެއް، ގެއެއް ނުވަތަ މުދަލެއްގެ އަގު އާންމުކޮށް ހުރި އަގަށް ވުރެ ބޮޑު ނޫން އަގަކަށް ވިއްކާލުމާއި ކުއްޔަށްދީގެން އާމްދަނީ ހޯދުމަކީ ވިޔަފާރި އާއި މަސައްކަތުގެ ތެރޭގައި ނުހިމެނޭ ކަންކަމުގެ ގޮތުގައި ބުނެފައިވެ އެވެ.