- މިހާރު މިއޮތީ ފަގީރުންގެ ފައިސާއިން މަހަޖަނުން މުއްސަނދި ކުރުވާ ސިޔާސަތު ތަކެއް
- މިއީ ޑޮލަރުގެ އަގު ބޮޑުވެފައިވާ ދަނޑިވަޅު ބަލައި، ގިނައިން ބޭންކަށް ޑޮލަރު ހޯދުމުގެ ގޮތުން ކުރިކަމެއް
- ބައިނަލްއަގުވާމީ މާކެޓު ތަކަށް އޮންނަ އެކްސެސް ދިވެހި ރައްޔިތުންގެ އަތުން މިދަނީ ނިގުޅައި ގަންނަމުން
ބީއެމްއެލްގެ ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށް، އޮންލައިން ވިޔަފާރިތަކުން 30 ޕަސަންޓުގެ ފީ އެއް ނެގުމަށް މިއަދު ނިންމި ނިންމުމުގެ ސަބަބުން، ދެން އީ ކޮމާޝަލް ޕްލެޓްފޯމް ތަކުން ތަކެތި ގަންނަން ޑޮލަރު ލިބޭނީ ކަޅު ބާޒާރަށްވުރެވެސް އަގުބޮޑުކޮށް ކަމަށާއި، ސަރުކާރުގެ މާލީ ސިޔާސަތު ފޭލްވުމުގެ ބުރަ އުފުލަން މި ޖެހުނީ އާންމު ރައްޔިތުން ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ބީއެމްއެލުން މިއަދު ބުނީ އެ ބޭންކުން ދޫކޮށްފައިވާ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުދަލާއި ޚިދުމަތަށް ފައިސާ ދެއްކޭ ލިމިޓް 1 ޖުލައި 2025 އިން ފެށިގެން މަހަކަށް 500 ޑޮލަރަށް ބޮޑުކޮށް, ތެމޫ އަދި ޝެއިން ފަދަ ތަންތަނުން ކުރާ ވިޔަފާރި ތަކުން 30 ޕަސެންޓުގެ ފީއެއް ނަގަން ނިންމާފައިވާ ކަމަށެވެ.
"އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދެއްކުމަށް. އެހެންކަމުން އެގޮތަށް ފާހަގަކުރެވޭ ބައެއް މަދު ސައިޓް ތަކުން (މިވަގުތު ޓީމ،ޫ ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސ،ް ލަޒާޑާ އަދި އީބޭ އިން އެކަނި) ފައިސާދައްކާއިރު 30 ޕަސެންޓާއާ ހަމައަށް ފީއެއް ނެގޭނެއެވެ." ބީއެމްއެލް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
ބީއެމްއެލްގެ މި ނިންމުމާއި ގުޅިގެން ޝާހިދު އެކްސްގަައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑު ކުރުމުން ރައްޔިތުންނަށް ލިބުނު ފައިދާއެއް ނެތް ކަމަށެވެ.
" 30 ޕަސަންޓުގެ ފީގެ ސަބަބުން ރައްޔިތުން، އީ ކޮމާޝަލް ޕްލެޓްފޯމް ތަކުން ތަކެތި ގަންނަން ޖެހޭނީ ޑޮލަރުގެ ކަޅު ބާޒާރަށްވުރެ އަގުބޮޑުކޮށް." ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ މިއީ ބޭރުފައިސާ އާއި ގުޅުން ހުރި ކަމެއް ނޫން ކަމަށާއި، މިއީ ސަރުކާރުގެ މާލީ ސިޔާސަތުގެ ސަބަބުން ޑޮލަރު ލިބުން ދަތިވެ، ޑޮލަރުގެ އަގު ބޮޑުވެފައިވާ ދަނޑިވަޅު ބަލައި، ގިނައިން ބޭންކަށް ޑޮލަރު ހޯދުމުގެ ގޮތުން ބީއެމްއެލްއިން ނިންމި ނިންމުމެއް ކަމަށެވެ.
ސަރުކާރުގެ ސިޔާސަތުގެ ސަބަބުން ފެއިލްވެފައިވާ އިގްތިސޯދީ ބުރަ އާންމު ރައްޔިތުން ތަހައްމަލު ކުރަންޖެހޭ ބީދާއިން ސަރުކާރުން ކަންކަން ކުރަމުންދާ ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ. އެކަމުގެ ސަބަބުން ބައިނަލްއަގުވާމީ މާކެޓު ތަކަށް އޮންނަ އެކްސެސް ދިވެހި ރައްޔިތުންގެ އަތުން ނިގުޅައި ގަނެވެމުންދާ ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ، ބީއެމްއެލްގެ މި ނިންމުމުގެ ސަބަބުން ޑޮލަރު ހޯދުމަށް ދިމާވެފައިވާ މައްސަލަ ހައްލުނުވާނެ ކަމަށެވެ. އަދި މިހާރު މިއޮތީ ފަގީރުންގެ ފައިސާއިން، މަހުޖަނުން އިތުރަށް މަހުޖަނުކޮށް ދިނުމުގެ ސިޔާސަތުތަކެއް ކަމަށްވެސް ވިދާޅުވިއެވެ.