ގަތަރުގައި ހުންނަ ރާއްޖޭގެ އެމްބަސީ އުފައްދަވައި، އެ އިދާރާއަކީ ފޮރިން އެފެއާޒް މިނިސްޓްރީގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވައިފި އެވެ.
އެމަނިކުފާނު އެ އިދާރާ އުފެއްދެވިކަން އިއުލާނުކޮށްފައި ވަނީ މިއަދު ރައީސް އޮފީހުން ނެރުނު ދެންނެވުމުގަ އެވެ.
އެ ދެންނެވުމުގައި ބުނީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުން ރާއްޖޭގެ އެމްބަސީއެއް ގަތަރުގައި އުފެއްދެވީ ރާއްޖެ އާއި ގަތަރާ ދެމެދު އޮންނަ ގުޅުން ބަދަހިކޮށް، ދެ ގައުމުގެ ދެމެދުގައި ތައުލީމީ، ސިޔާސީ، އިގުތިސޯދީ އަދި އަސްކަރީ ގުޅުންތައް ކުރިއެރުވުމަށް ކަމަށެވެ.
ދެންނެވުމުގައި އެ އެމްބަސީއަށް ހަމަޖެއްސެވި މަސައްކަތްތައް ވަނީ ބަޔާންކޮށްފަ އެވެ. އެއީ:
- ދިވެހި ސަރުކާރާއި ގަތަރު ސަރުކާރާ ދެމެދު ހިންގަން ޖެހޭ މުއާމަލާތްތައް ހިންގުމާއި ދެ ގައުމުގެ ދެމެދު އެކުވެރިކަން ބަދަހިކޮށް ދެމެހެއްޓުމަށް މަސައްކަތްކުރުން.
- ގަތަރުގައި ރާއްޖެ ތަމްސީލުކޮށް، އެ ގައުމުގައި ރާއްޖޭގެ ގައުމީ މަސްލަހަތު ކުރިއަރުވައި، ރާއްޖެއަށް ފައިދާ އާއި މަންފާ ލިބޭނެ ފުރުސަތުތައް ހޯދައި ފުޅާކުރުމަށް މަސައްކަތްކުރުން.
- ގަތަރަށް ޒިޔާރަތްކުރާ ދިވެހިންނާއި ގަތަރުގައި ދިރިއުޅޭ ދިވެހިންނަށް، ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމަށް މަސައްކަތްކުރުން.
- ގަތަރު ސަރުކާރުގެ އިސްފަރާތްތަކާއި ޕާލަމަންޓް މެމްބަރުންނާއި މީޑިއާ ފަރާތްތަކާއި އެ ގައުމުގައި ހަރަކާތްތެރިވާ ޑިޕްލޮމެޓިކް ކޮމިއުނިޓީ އާ ގުޅުން އުފައްދައި، އެ ފަރާތްތަކަށް ރާއްޖެ ތައާރަފުކޮށް، ރާއްޖެއަށް ފައިދާވާނެ ގޮތަކަށް އެ ގުޅުން ދެމެހެއްޓުން.
- ގަތަރުގައި ހިނގާ މުހިންމު ސިޔާސީ އަދި އިގުތިސޯދީ ކަންކަމާއި ރާއްޖެއަށް މުހިންމު ކަމަށް އެމްބަސީއަށް ފެންނަ އެނޫންވެސް ކަންކަމާ ބެހޭ ރިޕޯޓު، ފޮނުވަން ޖެހޭ ދިވެހި ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް ލަސްނުކޮށް ފޮނުވުން.
- ގަތަރުގެ އިންވެސްޓަރުންނަށް ރާއްޖޭގައި އިންވެސްޓް ކުރުމަށް ހުރި ފުރުސަތުތަކާ ބެހޭ މައުލޫމާތު ދީ އިންވެސްޓަރުން ރާއްޖެ ގެނައުމަށް މަގުފަހިކުރުމަށް ސަރުކާރާއި އަމިއްލަ ފަރާތްތަކާ އެކު ކުރަން ޖެހޭ ކަންތައްތައްކުރުން. އަދި ރާއްޖޭގެ އިންވެސްޓަރުންނަށް ގަތަރުގައި ހުރި ފުރުސަތުތަކާ ބެހޭ މައުލޫމާތު ދީ، އެފަދަ އިންވެސްޓަރުންނަށް އެ ގައުމުގައި ހުރި ފުރުސަތުތައް ތަނަވަސްކޮށްދިނުމަށް ދެ ގައުމުގެ ސަރުކާރާއި އަމިއްލަ ފަރާތްތަކާ އެކު ކުރެވެންހުރި ކަންތައްތަކަށް މަގުފަހިކޮށްދިނުން.
- ގަތަރުގައި ރާއްޖެ ތަމްސީލުކުރާ ފަރާތުގެ ހައިސިއްޔަތުން އެކިއެކި އިޖުތިމާއީ ހަފުލާތަކުގައި ބައިވެރިވެ، ރާއްޖެ ތަމްސީލުކޮށް، ރާއްޖޭގެ މަސްލަހަތުތައް ކުރިއެރުވުމަށް އެފަދަ ފުރުސަތުތައް ބޭނުންކުރުން.
- ރާއްޖޭގެ މިނިވަން ދުވަހާއި ގައުމީ އެހެނިހެން ދުވަސްތައް ގަތަރުގައި ފާހަގަކުރުން.
- ގަތަރު ސަރުކާރުންނާއި އެކިއެކި ބައިނަލްއަގުވާމީ ޖަމާއަތްތަކާއި އަމިއްލަ އެކިއެކި ޖަމާއަތްތަކުން ބާއްވާ ޖަލްސާ، ސެމިނާ އަދި ވޯކްޝޮޕް ފަދަ ކަންކަމުގައި ފޮރިން މިނިސްޓްރީން އަންގާ ގޮތެއްގެ މަތިން ރާއްޖެ ތަމްސީލުކުރުން.
- ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ އެހީ ހޯދުމަށް ދިވެހި ސަރުކާރުން ގަތަރު ސަރުކާރަށް ހުށަހަޅާ މަޝްރޫއުތައް ވިލަރެސްކުރުން.
- މީހުން ބިނާކުރުމަށް ގަތަރުން އިތުރު ފުރުސަތުތައް ހޯދުމުގައި ދިވެހި ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
- އެމްބަސީގެ މަސައްކަތަށް އެހީ ލިބޭ ފަދަ ފޮތާއި އެ ނޫންވެސް މައުލޫމާތު ހުރި ލިޔެކިޔުން އެމްބަސީގެ ލައިބްރަރީއަށް ޖަމާކޮށް ބެލެހެއްޓުން.
- ތާރީހަށް ޓަކައި އަދި އެނޫންވެސް ކަމަކަށް ބޭނުންވެދާނެ ކަމަށް ފެންނަ ލިޔެކިޔުންތަކާއި އެ ނޫންވެސް އެފަދަ ތަކެތި އާކައިވްކޮށް ބެލެހެއްޓުން.
- ސަރުކާރުގެ ފަރާތްތަކުން ގަތަރު ސަރުކާރަށާއި، އެ ގައުމުގައި ހުންނަ އެހެން ގައުމުތަކުގެ މިޝަންތަކަށާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކަށް ފޮނުވާ ލިޔެކިޔުންތަކާއި ތަކެތި ކަމާ ބެހޭ ފަރާތްތަކަށް ރައްދުކުރުން.
- ރަސްމީ ދަތުރުތަކުގައި ގަތަރަށް ވަޑައިގަންނަވާ ސަރުކާރުގެ އިއްޒަތްތެރިންނަށް (މިނިސްޓަރުންނާއި އެ ފެންވަރުގެ ބޭފުޅުންނަށް) ހަމަޖެހިފައިވާ އުސޫލުތަކުގެ މަތިން ޕްރޮޓޮކޯލް ހިދުމަތް ފޯރުކޮށްދިނުން.
- މިނިސްޓްރީން އަންގައިފި ހިނދެއްގައި، ރާއްޖޭގެ ޝަރުއީ ކޯޓަކުން ހޯދުމަށް ބޭނުންވާ މީހަކު ގަތަރަށް އެތެރެވިތޯ ނުވަތަ ނޫންތޯ، އެ ގައުމުގެ ފޮރިން މިނިސްޓްރީ އާ ގުޅައިގެން ބެލުމަށް މަސައްކަތްކުރުން.
- ގަތަރުގައި އުފަންވާ ދިވެހި ކުދިން ރާއްޖެ ގެނައުމަށް ބޭނުންވާ ވަގުތީ ޓްރެވަލް ޑޮކިއުމަންޓް ދޫކުރުމާއި ސަރުކާރުން އަންގައިފި ހިނދެއްގައި އަންގާ ދިވެހި ރައްޔިތަކަށް ޓްރެވަލް ޑޮކިއުމަންޓް ދޫކުރުން.
- ހާލުގައިޖެހިގެން އެކިއެކި އެހީއަށް އެދޭ ދިވެހިންނަށް ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާ ގުޅައިގެން އެހީ ހަމަޖެހޭތޯ ބެލުމާއި ކުއްލި ހާލަތްތަކުގައި ދިވެހިންނަށް ފޯރުކޮށްދޭން ޖެހޭ އެހީތެރިކަން މިނިސްޓްރީގެ އިރުޝާދާ އެކު ފޯރުކޮށްދިނުން.
- ގަތަރު ސަރުކާރުގެ އެކިއެކި ޕްރޮގްރާމުގެ ދަށުން ގަތަރުގައި ކިޔަވާ ކުދިންނާއި ދިވެހި ސަރުކާރުގެ ހަރަދުގައި ކިޔަވާ ކުދިންނާއި އަމިއްލަ ހަރަދުގައި ކިޔަވާ ކުދިންނަށް ދިމާވާ އެކިއެކި މައްސަލަތައް ހައްލުކޮށްދިނުމާއި އެހީތެރިކަން ފޯރުކޮށްދިނުން.
- ސަރުކާރުން ކަނޑައަޅާ ގޮތެއްގެ މަތިން، އެމްބަސީގެ ދަށުން މޯލްޑިވްސް ސެންޓަރުތައް ގާއިމުކޮށް ހިންގުމާއި އެ ތަންތަނުން ފޯރުކޮށްދޭ ހިދުމަތްތައް ވިލަރެސްކުރުން.
- ރާއްޖޭގެ ފަތުރުވެރިކަމާއި ފަތުރުވެރިކަމުގެ ސިނާއަތާ ގުޅޭގޮތުން، ގަތަރުގެ ފަތުރުވެރިންނަށާއި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް މައުލޫމާތު ފޯރުކޮށްދިނުމާއި، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިސްތިހާރު ކުރެވެން ހުރި ފުރުސަތުތަކުގެ ބޭނުން އެންމެ ފުރިހަމައަށް ހިފުން.
- ރާއްޖޭގެ ވިޔަފާރި އާއި އިގުތިސޯދީ އަދި ތަރައްގީގެ މަސައްކަތްތައް ކުރިއަށްދާ މިންވަރުގެ މައުލޫމާތު އެ ގައުމުގެ އެކިއެކި ފަރާތްތަކަށް ފޯރުކޮށްދިނުން.
- ދިވެހި ސަރުކާރުން އަންގާ އެހެނިހެން ކަންތައްތައް ކުރުން.
އޭގެ އިތުރުން އެ އިދާރާއަށް އިނގިރޭސިބަހުން ބޭނުންކުރަން ހަމަޖައްސަވާފައިވާ ރަސްމީ ނަން ވެސް ދެންނެވުމުގައި ބަޔާންކޮށްފައިވެ އެވެ. އެއީ "Embassy of the Republic of Maldives in the State of Qatar" އެވެ.
ދައުލަތުގެ އިދާރާތަކުން ލިޔާ ސިޓީގައި ނަމްބަރު ޖެހުމުގައި، ގަތަރުގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް ލިޔާ ސިޓީގައި ޖަހަމުން ގެންދާނީ 502 ކަމަށް ވެސް ދެންނެވުމުގައިވެ އެވެ.
ރާއްޖެ އާއި ގަތަރާ ދެމެދު ހާރިޖީ ގުޅުން ގާއިމުކޮށްފައި ވަނީ 1984 ވަނަ އަހަރުގެ މެއި މަހުގެ 26 ވަަނަ ދުވަހު އެވެ. ގަލްފް ސަރަހައްދުގައި އުފެދުނު ދެބަސްވުންތަކަކާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރު އެ ގައުމާ އެކު އޮތް ހާރިޖީ ގުޅުން ރާއްޖެއިން ވަނީ ކަނޑާލާފަ އެވެ.
ގަތަރާ އެކު އަލުން ހާރިޖީ ގުޅުން ގާއިމުކުރީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2021 ވަނަ އަހަރު އެވެ.
ރާއްޖެއަށް ގަތަރުން ނޮން-ރެސިޑެންޓް ސަފީރެއް ކަނޑައަޅާފައި ހުރެ އެވެ. ސަފީރު ޖާސިމް ބިން ޖާބިރު ޖޭބީ އަލް-ސުރޫރް ހުންނަވަނީ ސްރީ ލަންކާގަ އެވެ.