އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަސް މިއަދު ފާހަގަ ކުރާއިރު، އެ ޕާޓީން މިދިޔަ 20 އަހަރުގެ ތެރޭގައި ދިވެހި ރައްޔިތުންނަށް ގިނަ ފައިދާތަކެއް ހޯދާދީފައިވާ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ޕާޓީގެ މެމްބަރުންނަށް ވިދާޅުވެ، ސޯޝަލްމީޑިޔާގައި މޫސަ މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިދިޔަ 20 އަހަރުގެ ތެރޭގައި ގައުމާއި ރައްޔިތުންނަށް ފައިދާތަކެއް ހޯދައިދިން ކަމަށް ދިވެހި ރައްޔިތުން ގަބޫލުކުރާނެ ކަމަށެވެ.
މޫސަ ވިދާޅުވީ އެމްޑީޕީއަކީ ރާއްޖޭގައި އޮތް އެންމެ ދުވަސްވީ ޕާޓީއަށް ވީއިރު، އެ ޕާޓީ އަބަދުވެސް ވާންޖެހޭނީ އާންމު މެމްބަރުންނަށް ހަމަހަމަ ފުރުޞަތު އޮތް ޕާޓީއަކަށް ކަމަށެވެ.
"އާއިލީ ނުފޫޒުން ނެއްޓި، މިނިވަންކަމާއެކު މެމްބަރުންނަށް ހަރަކާތްތެރިވެ، ބަސް ބުނެވޭ ޕާޓީއެއްގެ ގޮތުގައި މި ޕާޓީ އަބަދަށް ދެމިއޮތުމެވެ." މޫސަ ވިދާޅުވިއެވެ.
މޫސަ އިތުރަށް ވިދާޅުވީ، މަގާމުގެ ދަހިވެތި ކަމުގައި ޕާޓީގެ އާންމު މެމްބަރުން ބައިބައިކޮށް، ޕާޓީގެ މަސްލަހަތަށްވުރެ އަމިއްލަ ބާރާއި ނުފޫޒު ގަދަކުރާ ކޮންމެ މީހަކަށް އެމްޑީޕީ މެމްބަރުން ނޫނެކޭ ބުނަންޖެހޭ ކަމަށެވެ.
"ވަކި މީހަކު ނެތިގެން، ވަކި މީހަކު ހުރެގެން މި ޕާޓީއަށް ވާނެގެއްލުމަކާއި ފައިދާއެއް ނެތެވެ. އެމްޑީޕީއަކީ ތަސައްރަފު ފުދިފައިވާ ޕާޓީއެއްގެ ގޮތުގައި ދެމިއޮންނާންޖެހެއެވެ. އަޅުގަނޑު އަބަދުވެސް ދެމިހުންނާނީ ފުރަތަމަ އެމްޑީޕީ، މި ސިޔާސަތު ގަބޫލުކުރާ މެމްބަރުންނާއެކުގައެވެ." މޫސަ ވިދާޅުވިއެވެ.
އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަހަކީ މިއަދެވެ. އަހަރީ ދުވަސް ފާހަގަ ކުރުމަށް އެމްޑީޕީން މިއަދު ވަނީ ދިދަ ނެގުމާއި ކޭކު ފެޅުމުގެ ރަސްމިއްޔާތެއްވެސް ބާއްވާފައެވެ.