ކުރީގެ ރައީސް މުހަންމަދު ނަޝީދު ސޮއި ކުރަން ބާއްވާ ޖަލްސާއަށް ސަލްޓަން ޕާކު ދޫކުރަން ސަރުކާރުން ނިންމައިފިއެވެ.
ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިރޭ ވިދާޅުވީ ސަލްޓަން ޕާކު މަރާމާތުކުރަން މިނިސްޓްރީއާ ހަވާލުކޮށްފައިވާ ކަމަށެވެ. މިނިސްޓްރީއާ ހަވާލުކުރި ފަހުން އަދި މިހާތަނަށް އެއްވެސް ބަޔަކަށް އެތަން ކުއްޔަށް ދޫކޮށްފައިނުވާނެ ކަމަށާއި، ނަމަވެސް އެމްޑީޕީ އިން ޖަލްސާ ކުރަން ތަނެއް ދޫކުރަން އެދިފައިވާތީ ސަލްޓަން ޕާކު ދޫކުރަން މިހާރު ނިންމާފައިވާ ކަމަށެވެ.
ނަޝީދު ސޮއި ކުރާ ޖަލްސާ ބާއްވަން ސަރުކާރުން ކުރިން ތަނެއް ނުދިން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވިއެވެ. އަދި ތަނެއް ނުދީފިނަމަ ޖަލްސާ ބާއްވާނީ މުލީއާގޭ ކަންމަތީގައި ކަމަށްވެސް ވިދާޅުވިއެވެ. ފައްޔާޒްގެ އެ ވާހަކައަށް ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު ރައްދު ދެއްވައި ފަހުން ވިދާޅުވީ، ހުއްދަ ނެގުމަކާނުލައި ސިޔާސީ އެއްވުންތައް ބާއްވާނެ ތަންތަން ކަނޑައަޅާފައިވާ ކަމަށާއި ފައްޔާޒް އެގޮތަށް ވިދާޅުވީ އޮޅުވާލަން ކަމަށެވެ.