އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިހާރު ފުވައްމުލަކަށް ކުރައްވާ ދަތުރުފުޅުގައި، ފުވައްމުލަކުގައި ތިބި އެމްޑީޕީގެ ކައުންސިލަރުންނާ ބައްދަލު ކުރައްވައިފި އެވެ.
ފުވައްމުލަކު ސިޓީގެ އެމްޑީޕީގެ ކައުންސިލަރުންގެ އިތުރުން އެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގައި ތިބި އެމްޑީޕީގެ މެންބަރުންނާ ވެސް ޝާހިދު ބައްދަލު ކުރެއްވިއެވެ. އަދި ފުވައްމުލަކު އެމްޑީޕީގެ އާންމު މެންބަރުންނާ ވެސް ޝާހިދު ވަނީ ބައްދަލު ކުރައްވާފައެވެ.
މި ބައްދަލުވުން ތަކަށް ފަހު ޝާހިދު ވިދާޅުވެފައި ވަނީ ޕާޓީގެ މެމްބަރުންނާ ބައްދަލު ކުރައްވައި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ. އެގޮތުން ލާމަރުކަޒީ ނިޒާމު ފުނޑިގެން ދިޔަ ނުދިނުމަށް ކައުންސިލަރުންނާއި މެމްބަރުން ތިބީ މަސައްކަތް ކުރަންކަަމަށް ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވި ޕާޓީގެ މެމްބަރުންނާ ބައްދަލު ކުރައްވައި ކުރެވޭ ކޮންމެ މަޝްވަރާއަކުންވެސް ޕާޓީ އިތުރަށް ހަރުދަނާ ކުރުމުގެ ފުރުޞަތު ލިބިގެންދާ ކަމަށާއި އެމްޑީޕީއަކީ ރައްޔިތުންގެ ޕާޓީއެއް ކަމަށެވެ.