ގެދޮރުވެރިޔާ ފުލެޓުތައް އަންނަ މަހު ހަވާލުކުރަން ފަށަނީ

ގެދޮރުވެރިޔާ ފުލެޓުތައް އަންނަ މަހު ހަވާލުކުރަން ފަށަނީ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދުގެ ސޯލިހުގެ ސަރުކާރުން ކުރިއަށް ގެންދިޔަ ގެދޮރުވެރިޔާ ސްކީމްގެ ދަށުން  ހުޅުމާލެ 2 ގައި އިމާރާތް ކުރަމުން އަންނަ ފްލެޓުތަކުގެ މަސައްކަތް ނިމެމުން އަންނަ ވަރަކުން، އަންނަ މަހުން ފަށައިގެން ފްލެޓްތައް ހައްގުވެރިންނަށް ދޫކުރަން ފަށާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހަވީރު ފުލެޓުތަކުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލައްވައިފަ އެވެ. އެ މަނިކުފާނުގެ އަރިހުގައި މުއްތަލިބު ވެސް އެތަނަށް ވަޑައިގެންނެވި އެވެ.

ޕީއެސްއެމްއަށް ދެއްވި އިންޓަވިއެއްގައި މުއްތަލިބު ވިދާޅުވީ ފުލެޓުތަކުގެ މަސައްކަތް ކުރީ ސަރުކާރުން ކުރިއަށް ގެންދިޔައީ ފަރަށް މަޑު ދުވެއްޔެއްގައި ކަމަށާއި މި ސަރުކާރުން ވަނީ ފުލެޓުތަކުގެ މަސައްކަތުގެ ސްޕީޑް އަވަސްކޮށްފައި ކަމަށެވެ. މުއްތަލިބު ވިދާޅުވީ  ފްލެޓަށް ބޭނުންވާ ކަރަންޓާއި ފެނާއި ނަރުދަމާ ފަދަ ޔޫޓިލިޓީ ހިދުމަތްތައް ގުޅައިދިނުން ކުރިން މި މަޝްރޫއުގައި ހިމަނާފައި ނުވި ނަމަވެސް، މި ސަރުކާރުން ވަކި މަޝްރޫއެއްގެ ގޮތުގައި ސްޓެލްކޯ އާއި އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން މިހާރު އެ މަސައްކަތް ފަށައިފައި ކަމަށެވެ.

މުއްތަލިބް ވިދާޅުވީ މި ފްލެޓްތަކުގެ މަސައްކަތް ނިމެމުން އަންނަ ވަރަކުން، ފްލެޓްތައް ލިބުނު މީހުންނާ އެކު އެއްބަސްވުން ހަދައި، އެ ތަންތަން ދޫކުރުމުގެ މަސައްކަތް އަންނަ މަހު ފަށާނެ ކަމަށެވެ.

"މިއީ، އެއްފަހަރާ ކުރިއަށް ގެންދެވޭ ކަމަކަށް ވުރެ ބޮޑު މަސައްކަތެއް، ނިމެމުންދާ ވަރަކަށް ހަވާލުކުރަމުން ގެންދެވޭނީ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އުއްމީދު ކުރަނީ މިހާރު މަސައްކަތް ގޮސްފައިވާ ހިސާބަށް ބަލާއިރު ސެޕްޓެމްބަރު މަހުގެ ނިޔަލަށް، 4،000 ފްލެޓް ލިބުނު މީހުންނާ އެ ފްލެޓްތައް ހަވާލުކޮށް އެ ތަންތަނުގައި އެ ބޭފުޅުން ދިރިއުޅެން ފެށޭނެ ކަމަށް،" މުއްތަލިބް ވިދާޅުވި އެވެ.
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *